ލައިފްސްޓައިލް

ކައިވެނީގެ މެދުތެރޭން ކުރީގެ ލޯބިވެރިޔާ ފެނުމުން ފިލައިފި

އިންޑިއާގެ ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގައި އަބަދުވެސް ދައްކަނީ މައިދައިތަ އާއި ޅީދަރިންގެ އަރާރުންތަކެވެ. މި މަންޒަރުތައް ބަލާފައި އިންޑިޔާގެ ކައިވެނި ތަކުގައި މި ކަހަލަ ކަންތައްތައް މިހާރަކަށް އައިސް ހިނގާތަން ފެނެ އެވެ.

އެއްބައިފަހަރު ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދަނިކޮށް ފިރިހެންމީހާ ފިލާފާނެ އެވެ. ނުވަތަ އަންހެންމީހާ ފިލާފާނެ އެވެ. ނުވަތަ އަންހެންމީހާގެ އާއިލާއިން ދޭ މުދަލާއި ފައިސާ މަދުވެގެން ފިރިހެންމީހާގެ އާއިލާއިން އެންމެ ފަހު ވަގުތު ކައިވެނި ކެންސަލް ކޮށްފާނެ އެވެ. ގިނަ ފަހަރަށް ކައިވެނިތައް ކެންސަލް ވެފައި ހުންނަނީ ކައިވެނި ކުރާ ދެ މީހުންގެ މެދަށް ތިން ވަނަ މީހަކު ވަދެގެންނެވެ. މިފަހަރުގެ ހާދިސާގައި ވެސް ވީ ހަމަ އެ ކަހަލަ ގޮތެކެވެ.

އިންޑިއާގެ ތެލަންގަނާ އަވަށުގައި ކައިވެނީގެ ރަސްމިއްޔާތެއް ކުރިޔަށް ގޮސް ފިރިހެން މީހާ އަންހެންމީހާގެ ކަރުގައި މަންގަލްސޫތުރަ އަޅުވަން އުޅެނިކޮށް އަންހެންމީހާއަށް އެ ތަނުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ހުއްޓާ ފެނުނީ އެވެ.

ހިންދޫންގެ ކައިވެނީގެ ރަސްމިއްޔާތު ނިމެނީ މަންގަލްސޫތުރަ އެޅުވުމުން ކަމަށް ވާތީ އެ ނާޅުވާނަމަ ކައިވެނި ފުރިހަމައެއް ނުވެ އެވެ. ކުރީގެ ލޯބިވެރިޔާ ފެނުމާއެކު އަންހެންމީހާ ފުންމައިގެން ތެދުވެ ކައިވެނި ނުކުރާނެކަން އިއުލާން ކުރީ އެވެ.

އަންހެންމީހާގެ އާއިލާގެ މީހުން އޭނާއަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަކު ދެއްކި އެއް ވާހަކައެއް ވެސް އަޑުނާހާ އޭނާ ކައިވެނިކުރާ ހޯލުން ނުކުމެގެން ގޮސް ފިލީ އެވެ.

އަންހެންމީހާގެ އާއިލާގެ މީހުން ގަބޫލުކުރާ ގޮތުގައި އަންހެންމީހާއަށް ކުރީގެ ލޯބިވެރިޔާ އެތަނުން ފެނުނީމަ އޭނަ ފަހަތުން ދިޔައީ އެވެ. އެތަނުގައި ހުރި މެހެމާނަކު ބުނި ގޮތުގައި އަންހެންމީގެ ކުރީގެ ލޯބިވެރިޔާ އަތުލައިގަންނަން ވެސް އެމީހުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ވެސް ފިލާ ރައްކާވީ އެވެ.

ކައިވެނިކުރާ ހޯލަށް ވަދެފައި އެ ފިރިހެންމީހާ އަންހެންމީހާއަށް އަތުގެ އިޝާރާތުން ކައިވެނިނުކޮށް އައުމަށް އެންގީ ކަމަށް ވެސް ބައެއް މީޙުން ތުހުމަތު ކުރެ އެވެ. އަނެއްބަޔަކު ބުނަނީ އަންހެންމީހާ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ފެނުނީހެން ހީވީ ކަމަށާއި އެމީހާ އެތަނަށް އައިކަމެއް ވެސް ޔަގީން ނުވާ ކަމަށެވެ.