އެލް ކްލެސިކޯގައި، ބާސެލޯނާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑް އަލުން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިދިޔަ ހަފުތާގައި، ލެވަންޓޭ އަތުން ބަލިވުމުން ރެއާލް އަށް އެއް ވަނަ މަގާމު ގެއްލުނެވެ. އެހެންނަމަވެސް ރޭ އަމިއްލަ ދަނޑުގައި މޮޅުވެ ރެއާލް ވަނީ އެއް ޕޮއިންޓްގެ ލީޑަކާ އެކު އެއް ވަނަ އަށް ޖެހިލާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި، ބާސެލޯނާއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެންޓްއާން ގްރީޒްމަން އަށެވެ. ޖޯޑީ އަލްބާ އޭރިއާގެ ތެރެއަށް ކަޓް ކޮށްލި ބޯޅަ ގްރީޒްމަން ފޮނުވާލި ނަމަވެސް އެ ބޯޅަ އެރީ ހުރަސް ދަނޑި މައްޗަށެވެ.
ބާސާގެ މިޑްފީލްޑާ އާތޮ މެލޫއަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ. ރެއާލްގެ ޑިފެންސްގެ މަޅިން ނެއްޓި އާތޮ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައަށް ހުރަސް އެޅީ މެޗުގައި ރަނގަޅު ސެވްތަކެއް ކުރި ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ އެވެ.
ދެ ވަނަ ހާފުގެ ކުރީ ކޮޅު ބާސާއިން ރަނގަޅު ރޫހެއްގައި ފެށި ނަމަވެސް ރެއާލްއިން ވަނީ ހަމަލާ އުފެއްދުމުގައި މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ. ފުރަތަމަ ހާފުގެ ކުރީ ކޮޅު ރެއާލްއިން ނެގި ކޯނަރު ކުރު ޕާހެއް ކްރޫޒް ތަނަވަސް ކޮށްދިނީ އިސްކޯ އަލާކޯން އަށެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓޭގަން ހުށިޔާރު ކަމާއެކު ދިފާއު ކުރި އެވެ.
ދެ ވަނަ ހާފުގައި މެސީއަށް ލިބުނު ބޯޅަ، މާސެލޯ އާއި ރަފޭލް ވަރާން ދިފާއު ކޮށް އެ ހަމަލާ ހުއްޓުވި އެވެ. ރެއާލްގެ ލަނޑު ވިނީޝިއުސް ކާމިޔާބު ކުރީ ޓޯނީ ކްރޫޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ކާމިޔަބު ކުރީ މި ސީޒަންގެ ލަލީގާގައި ފުރަތަމަ ފަހަރަށް ކުޅެން ނުކުތް މަރިއާނޯ ޑިއަޒް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ އޭނާ އަށް ލިބުނު ފުރަތަމަ ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ޓާސްގަން ހުރި ފަޅި ބޯޅަ ފޮނުވާލައިގެންނެވެ.