ލައިފްސްޓައިލް

100 އަހަރު ފުރުނު މީހެއްގެ 25 ވަނަ އުފަން ދުވަސް

ސަތޭކަ އަހަރު ފުރުނު މީހެއްގެ 25 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އޭނާގެ އާއިލާއިން ސަޕްރައިސް ޕާޓީއެއް ވަނީ ބާއްވާފަ އެވެ. ޑޯރީސް ކްލީފް އުފަންވީ ފެބްރުއަރީ 29 ވަނަ ދުވަހު އެވެ. އެއީ ލީޕް ޑޭ އަކަށް ވާތީ އެ ދުވަސް އަންނަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކަމަށް ވާތީ 100 އަހަރު ފުރުނުއިރު ޑޯރިސް އަށް ފާހަގަ ކުރެވިފައިވަނީ 25 ވަނަ އުފަން ދުވަހެވެ.

ބީބީސީ އާ ވާހަކަ ދައްކަމުން އިންގްލެންޑްގެ ޕޯޓްސްމައުތުގައި ދިރިއުޅޭ ޑޯރިސް ބުނީ އޭނާގެ ހަޔާތުގެ ދިގު 100 އަހަރު ހޭދަކޮށްފައިވަނީ މަޝްހޫރުކަން ހޯދުމުގެ އުންމީދުގައި ކަމަށާއި އެންމެފަހުން އެކަން ހަގީގަތަކަށްވެ އޭނާގެ ނަން މުޅި ދުނިޔެއަށް މަޝްހޫރު ވެއްޖެ ކަމަށެވެ.

ޑޯރިސް ބުނީ 100 އަހަރު ފުރުމާ ގުޅޭ ގޮތުން އޭނާ ވިސްނަނީ ވަރަށް ފިލޯސަފިކަލް ކޮށެވެ. އަދި މި ދުވަސް ހޭދަކުރަން ބޭނުންވަނީ އާއިލާ އާއި ރައްޓެހިންނާއެކު އުފަލާ މަޖާ ކުރުމުގައި ކަމަށެވެ.

ޑޯރިސް 40 އަހަރު ވަންދެން ދިރިއުޅުނީ އަންހެން ދަރިފުޅާއި އޭނާގެ ފިރިމީހާ އާއެކުގައި ނަމަވެސް މިދިޔަ އަހަރު އަންހެންދަރިފުޅު މަރުވުމުން ވަކިން ގެއަކަށް ދިރިއުޅުން ބަދަލުކުރީ އެވެ. އޭނާގެ ފިރިމީހާ މަރުވެފައިވަނީ 1979 ވަނަ އަހަރުކަމަށް ބީބީސީގެ ރިޕޯޓުގައި ވެއެވެ.

ޑޯރިސް އަށް މާމަކިޔާ ދެ ދަރިން، މުނިމާމަ ކިޔާ ތިން ދަރިން އަދި ހޫރުމާމަ ކިޔާ ދެ ދަރިން އެބަތިއްބެވެ.