ދުނިޔެ

އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

Mar 3, 2020

ޓެލް-އަވީވް (މާޗް 3) - އިޒްރޭލުގެ އާއްމު އިންތިހާބު ކާމިޔާބުވެއްޖެކަމަށް މިހާރުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވުނު ތިންވަނަ އިންތިހާބުގެ ރަސްމީ ނަތީޖާ އަދި ސާފުނުވި ނަމަވެސް، އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި، ނަތަންޔާހޫގެ ޕާޓީން ވަނީ އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ބެނީ ގެންޓްޒްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. ތަފާތު ތިން ޕޯލެއްގެ ނަތީޖާއިން ފެންނަ ގޮތުގައި، ނަތަންޔާހޫގެ ކަނާތު ފިޔައިގެ ލިކުޑް ޕާޓީން 36 ވަރަކަށް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ގެންޓްޒްގެ އިއްތިހާދަށް ގާތްގަނޑަކަށް 32 ގޮނޑި ލިބޭނެ އެވެ.

ނަމަވެސް، މީގެ ކުރިން ބޭއްވުނު ދެ އިންތިހާބެކޭ އެއް ފަދައިން މިފަހަރުވެސް އެއްވެސް ލީޑަރަކަށް 120 މެންބަރުންގެ ޕާލިމަންޓުގެ ސާފު އަގުލަބިއްޔަތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފަސް ވަނަ ދައުރަކަށް ވާދަކުރައްވާ ނަތަންޔާހޫ އަކީ މިހާރުވެސް އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވި ލީޑަރެވެ. އެމަނިކުފާނު ވަނީ 1996 އިން 1999 އަށް އަދި އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބޮޑުވަޒީރުގެ މަގާމު އަދާކުރައްވައިފަ އެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ޝަރީއަތް ފެށުމުގެ ދެ ހަފްތާ ކުރިން އިންތިހާބު ބޭއްވިފައިވާއިރު، ކަނާތު ފިޔައިގެ އެހެން ޕާޓީތަކަށް ލިބޭ ގޮނޑިތަކާއެކު ކޯލިޝަން ސަރުކާރެއް އުފެއްދޭ މިންވަރަށް އަގުލަބިއްޔަތު ހޯދޭނެކަމުގެ ފުރުސަތު ބޮޑުކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް، އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަށް މާބޮޑަށް ބަރޯސާނުވެވޭނެކަމަށް އަނެއް ބަޔަކު ދަނީ ބުނަމުންނެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފަ އެވެ.

ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސް ދިނުމަށް، އެ ގައުމުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތައްވާ ގޮތަށް ގަވައިދުތައް ބަދަލު ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.

ނަމަވެސް، އެއްވެސް ޒާތެއްގެ ރިޝަވަތެއް ހިފާފައި ނުވާނެ ކަމަށާއި، އެއީ ސިޔާސީ ދައުވާއެއް ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ގާނޫނު ބުނާގޮތުން، ބޮޑު ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.