ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަސް އައުމުގެ ފުރުސަތު ބޮޑުވެ، އިތުރު ފިޔަވަޅުތަކެއް

Mar 3, 2020
7

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ވާތީ، ކަމާބެހޭ އިދާރާތަކުން ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ނަން ދީފައިވާ އެ ވައިރަސް އަދި ރާއްޖޭން ފެނިފައިނުވި ނަމަވެސް، ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، އޭގެ ދަށުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭ ރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މީގެ އިތުރުން މިދުވަސްވަރު ފެތުރެމުންދާ އެހެނިހެން އާއްމު ރޯގާތަކަށް ހާއްސަކުރެވިގެން، އަވަސް ހިދުމަތާއެކު ފްލޫ ކްލިނިކެއް މި ހަފްތާތެރޭ ސެނަހިޔާ ހޮސްޕިޓަލުގައި ގާއިމުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެ އެވެ.

އެޗްޕީއޭ އާއި ޑިޒާސްޓާ ސެންޓަރު ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ވައިރަހުން ރައްކާތެރިވުމަށްޓަކައި ހާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ޑްރިލެކެވެ،" ބަޔާނުގައި ބުންޏެވެ.

އަދި މި ޑްރިލްގެ ތެރެއިން ގޭބީސީއެއްގައި ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.

އެ ވައިރަސް "ތަފާތު" ކަމަށް ޑަބްލިޔުއެޗްއޯއިން ވެސް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް އެ ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރެ އެވެ.

ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނި ގޮތުގައި އެ ވައިރަހަކީ "އެއްކޮޅަށް ދުއްވޭ މަގެއް" ނޫން ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިނަމަ އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ އެ ވައިރަހާ ދެކޮޅަށް ހުރިހާ ގައުމަކުން އެއް ފިޔަވަޅެއް އަޅައިގެން އެ މަގުސަދު ހާސިލުނުވާނެ ކަމަށާއި، ވައިރަސް ފެތުރުން ހުއްޓުވުމަށް ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ހާލަތާ ގުޅޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަންޖެހޭނެ ކަމަށެވެ.