ހަބަރު

އީސީއަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތަކަށް އާންމު ހިޔާލު ހޯދަނީ

Mar 3, 2020
1

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ބުނީ އިލެކްޝަނަށް މެންބަރަކު އައްޔަނު ކުރެއްވުމަށް ރައީސް ސޯލިހު ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި އެމައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.

އެގޮތުން، އީސީގެ މެންބަރުކަމުގެ މަގާމަށް ޢައްޔަނު ކުރެއްވުމަށް ފޮނުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއްވާނަމަ، އީމެއިލް މެދުވެރިކޮށް ނޫނީ ލިޔުމުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުވައިދިނުމަށް އެދިފައިވެ އެވެ.

އީސީގެ މެންބަރުކަމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް

  • އަހުމަދު އަކްރަމް، ފަރީދީނޫރު/ހއ. ހޯރަފުށީ
  • އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
  • އަލްއުސްތާޛާ މަރްޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ/ހއ. ކެލާ
  • އަހުމަދު މަންސޫރު /ވ. ރިވެތި

އިލެކްޝަން ކޮމިޝަނަށް މެންބަރަކު ހޯދަން ޖެހިފައިވަނީ މިހާރު ވެސް އެ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކްރަމްގެ ދައުރު ހަމަވާތީ އެވެ. އޭނާ ވަނީ އާ ދައުރަކަށް އަނެއްކާވެސް ކުރިމަތިލައްވާފައިވާއިރު، ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޭނާގެ ނަން ވަނީ ހިމަނުއްވައިފަ އެވެ.

އަކްރަމަކީ ވަރަށް ހަލަބޮލި އިންތިހާބުތަކެއްގެ ތަޖުރިބާ ހުންނެވި މެންބަރެކެވެ. އެގޮތުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުން ފެށިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ހަރަކާތްތެރި މެންބަރަކީ އަކްރަމެވެ. މީގެތެރެއިން އަކްރަމް ވަރަށް އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި ބޭއްވި އެންމެ ރަނގަޅު އިންތިހާބު ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

ބޮޑެތި ތުހުމަތުތަކާ އިންޒާރުތައް ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނަށް އަމާޒުވިއިރު އަކްރަމް ހުންނެވީ ކޮމިޝަންގެ ތަރުޖަމާނުގެ ވެސް މަގާމުގަ އެވެ. ހުރިހާ އިންތިހާބެއްގެ މައުލޫމާތުތައް ވެސް މީޑިއާއަށް ތިލަ ކުރެއްވުމުގައި އިސްކޮށް ހުންނެވީ އަކްރަމެވެ.

ދެވަނައިގައި ވަނީ ކޮމިޝަންގެ ނައިބު ރައީސްކަން މީގެކުރިން ކުރެއްވި އަހުމަދު ފަޔާޒު ހަސަންގެ ނަމެވެ.

ފަޔާޒަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮމިޝަންގެ ނައިބުކަން ކުރެއްވި ބޭފުޅާ އެވެ. އޭރު އޭނާއަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އޭނާ މީގެކުރިން ވަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ވެސް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އޭނާގެ ނަމެއް މަޖިލީހުން ފާހެއް ނުކުރި އެވެ.