ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަހަރީ ފީ ސްޓިކާ ޕްރިންޓް ކުރާތީ މީރާއަށް ފާޑުކިޔުން

Mar 3, 2020
9

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ދައުލަތުގެ ހަރަދު ކުޑަކުރަން ހިފާފައިވާއިރު، ވެހިކަލްތަކަށް ދައްކަންޖެހޭ އަހަރީ ފީ އޮންލައިންކޮށް ދެއްކުމަށްފަހުވެސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަދިވެސް އަހަރީ ފީ ސްޓިކާ ޕްރިންޓްކުރަން ކުރާ ހަރަދާ ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މީރާ އިން "ވާރު ޕޭ"ގެ ނަމުގައި އޮންލައިންކޮށް ފައިސާ ދެއްކޭ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ވެހިކަލްތަކަށް ދައްކަންޖެހޭ އެކި ފީ ތަކާއި، ޓްރެފިކް ކުށްތަކަށް ދައްކަންޖެހޭ ޖޫރިމަނާތައް ދެއްކޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އޮންލައިންކޮށް އަހަރީ ފީ ދެއްކުމަށްފަހު، ޕްރިންޓްކޮށްގެން ދޫކުރާ އެ ސްޓިކާ ބަލާ މީރާއަށް ދާންޖެހެ އެވެ.

އެކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ މީރާ އިން ކުރާ ބޭކާރު ހަރަދާ ގުޅުވައިގެން ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން، އެކަމަށް އިތުރު މުވައްޒަފުން ބައިތިއްބައިގެން އަދިވެސް އަހަރީ ފީ ސްޓިކާ ޕްރިންޓް ކުރަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އެއަށް ވުރެ ފަސޭހަ އަދި ހަރަދުކުޑަ މިސާލެއްގެ ގޮތުން މުނައްވަރު ނެންގެވީ އެލައިޑް އިންޝުރަންސް މެދުވެރިކޮށް ވެހިކަލްތަކުގެ އިންޝުއަރަންސް ހެއްދުމުން، އަމިއްލައަށް ޕްރިންޓް ކުރެވޭ ގޮތަށް އީމެއިލް ކުރާ ސްޓިކާ އެވެ. އެގޮތަށް އަމިއްލައަށް ޕްރިންޓްކޮށްގެން ތަތްކުރާ ސްޓިކާ މިހާރު ފުލުހުންވެސް ގަބޫލުކުރާކަމުގައި އޭނާ އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި ބޭކާރު ހަރަދާއި ވަގުތު ސަލާމަތްވާ ގޮތަށް މީރާގެ އާ ސީޖީ ސަރުވޭޝް އާދަމް ފުލުހުންގެ އެހީތެރިކަމާއެކު ނިމުމަކަށް ގެންނަވާނެ ކަމަށް،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ނާޒުކު އިގުތިސޯދަށް ނޭދެވޭ އަސަރުތައް ކުރާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައި "އެންމެ ލާރި"އެއްވެސް ދައުލަތަށް ސަލާމަތްވާ ގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.