ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައިސް، އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުގެ ރިކަރަންޓް ހަރަދު އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމަކީ ކުރިން އެއްވެސް މިންވަރަކަށް އަންދާޒާ ކުރެވޭނެކަމެއް ނޫން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަމާއި މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ވަރަށް ބޮޑުތަނުން ދަށްވެގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ބަލާއާފާތާ ގުޅިގެން، މިހާރުވެސް ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ ރިކަރަންޓް ހަރަދުތައް އެއް ބިލިއަން ރުފިޔާ ކުޑަކުރުމަށް ނިންމާފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތައް އިތުރަށް ކުޑަ ކުރަންޖެހިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"މިހާރުވެސް ސަރުކާރުގެ އިދާރާތަކުގެ ހަރަދުތަކުގެ ތެރެއިން 35،000 އަށް ވުރެ މަތިން ކުރާ ހަރަދުތައް ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ވާނީ ސާކިއުލާއެއް ނެރެފައި. އެއީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ކުރާ ކަންތައްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރު ރާއްޖޭގެ ޓޫރިޒަމް 37 ޕަސެންޓާއި 50 ޕަސެންޓް ދަށަށް ދާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ. އެއާއެކު، ބަޖެޓުގެ ދަރަނި 12 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭކަމަށްވެސް އަމީރު ވިދާޅުވި އެވެ.
ނަމަވެސް، މިއަހަރަށް ކަނޑައަޅާފައިވާ އެއްވެސް ޕީއެސްއައިޕީ މަޝްރޫއުއެއް މަޑުޖައްސާނުލައި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
އޭގެ އިތުރުން، ޓޫރިޒަމަށް ރާއްޖޭގެ އިގުތިސޯދު ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރަން ހިމަނާފައިހުރި ކަންކަން ތަންފީޒުކުރުން އަވަސް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް އަމީރު ހާމަކުރެއްވި އެވެ.