ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޓޫރިޒަމް ނެތި، ކިހާ ދުވަހަކު ހިފަހައްޓާލެވޭނެ؟

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާ ދަތުރު ކުރާ މީހުންގެ އަދަދު މަދުވި އެވެ. މިއާއެކު އެއާލައިންތައް ގްރައުންޑްކޮށް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދަތުރު ކުރުން ހުއްޓިއްޖެ އެވެ. މީގެ އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ދުނިޔޭގެ ޓޫރިޒަމް ދާއިރާ އަށެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ އިން އަންދާޒާ ކުރާ ގޮތުގައި މި ދާއިރާ އަށް 30 ބިލިއަން ޑޮލަރާއި 50 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ. ހާއްސަކޮށް މި ގެއްލުމުގެ އަސަރު ބޮޑަށް ކުރާނީ ރާއްޖެ ފަދަ ހަމައެކަނި ޓޫރިޒަމަށް އިގްތިސާދުގެ މައި ބަދަ ބަރޯސާކޮށްފައިވާ ގައުމުތަކަށެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުން ރައްކާތެރި ކުރުމަށްޓަކައި ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. މައި އެއާޕޯޓް ބަންދު ކުރުމާއެކު ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީގެ 70 ޕަސެންޓް ބަރޯސާވާ ޓޫރިޒަމް ދާއިރާ ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ. ޓޫރިޒަމްގެ ހުރިހާ ހަރަކާތެއް ހުއްޓިފައި އޮންނަތާ މަހަކާ ކައިރިވަނީ އެވެ. އެކަމަކު، މި ގޮތަށް، ރާއްޖެ އަށް ކިހާ ދުވަހަކު ހިފައްޓާ ލެވިދާނެތޯ މާހިރުން ސުވާލު އުފައްދަ އެވެ. ކޮވިޑުގެ ބަލާއާފާތް ދިގު ދެމިގެން ހިނގައްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ހިފަހައްޓާލެވޭނެ ހެއްޔެވެ ؟

"ވިސްނައިގެން ކުރިއަށް ދާނަމަ މެނޭޖު ކުރެވޭނެ ކަމަށް ބެލެވެނީ. މިހާރު އިމްޕޯޓް އޮތްގޮތުން މަހަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ވަރު ބޭނުންވާނީ. އެހެންވެ، ހަ މަސް ދުވަހަށް ހިފައްޓާ ލެވޭނެ ކަމަށް ބެލެވެނީ އެކަމަކު އާއްމުން މިހާރުގެ ހާލަތުން ވަރަށް ބޮޑަށް އެބަޖެހޭ އެނގެން. ފައިސާ ރައްކާ ކުރަން އެބަޖެހޭ،" އިގްތިސާދީ މާހިރަކު ވިދާޅުވި އެވެ.

އާމްދަނީ ވަރަށް ބޮޑުތަނުން ދަށް ވާނެ!

މިހާރު އަންދާޒާ ކުރެވޭ ގޮތުގައި ޓޫރިޒަމް ދަށްވުމުގެ ސަބަބުން، މި އަހަރު ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށް ވެގެން ދާނެ އެވެ. ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާ މި އަހަރު 54 ޕަސެންޓަށް ދަށް ވާނެ އެވެ. މިހާރު ޔަގީންވާ ހަގީގަތަކީ މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އައި ނަމަވެސް މި އަހަރު ރާއްޖެއަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓޭނެ ކަމެވެ. މާނައަކީ ކުރިއަށް އޮތް ހަ މަސް ތެރޭ ޓޫރިސްޓުން އަންނަ ފެށިނަމަވެސް މި އަހަރު ބާކީ އޮތް ދުވަސްތަކުގައި އަންނާނީ އެންމެ ގިނަ ވެގެން ވެސް 460،000 އެއްހާ ޓޫރިސްޓުންނެވެ. އެކަމަކު މިއީ ވެސް ހަމަ އަންދާޒާ އެވެ. ލަފާ ކުރުމެވެ. ދުނިޔެ މިހާރު ދައްކާ ހަގީގަތަކީ ކޮވިޑް-19 މުޅި ދުނިޔޭގެ ހަތަރު ބިތަށް ފެތުރި ގެންފިކަމެވެ. ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ 50 ޕަސެންޓް ބަރޯސާވާ ޔޫރަޕު ކޮވިޑް-19 ގެ ވައިރަހުގެ ސަބަބުން "ވެންޓިލޭޓަރު" ގުޅާފައި އޮތްއިރު، މި ބަލިމަޑުކަން ދަނީ ދެކުނު އެމެރިކާ އާއި މެދުއިރުމައްޗަށް ހަލުވިކަމާއެކު ފެތުރެން ފަށާފަ އެވެ. އެހެންވެ، މި ލަފާ ކުރުން ވެސް ބަދަލު ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ޔަގީނުން ރާއްޖޭގެ އިގްތިސާދު ހުއްޓި ބުރަކި ޖެހިއްޖެ އެވެ. މިހާރު ރާއްޖެ މި ވަނީ ބޮޑު އިގްތިސާދީ ކާރިސާއެއްގެ ތުންތަފް މަތީގަ އެވެ. މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ އާމްދަނީ މި އަހަރަކު ނުލިބޭނެ އެވެ. މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލައަކީ 37.5 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި 29.9 ބިލިއަން ރުފިޔާ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. މި އަހަރަށް ލަފާކޮށްފައިވާ ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭނީ މައިގަނޑު ފަސް ދާއިރާ އަކުންނެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ ޓެކުހުގެ ގޮތުގަ އެވެ. މި އަހަރު ޓެކުހުގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން 6.8 ބިލިއަން ރުފިޔާ ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެ ބުނެފައިވެ އެވެ.

މި ލަފާ ކުރުން އެއްކޮށް ކުރުން އެކޮޅު ކޮޅުން ޖެހިގެންދާނެ އެވެ. މިހާރުގެ އަންދާޒާއަކީ މި އަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާ ވަރެވެ. ސަރުކާރުން ވެސް ވަނީ ރާއްޖެ އަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވަމުން ދާ ކަމަށް އެއްބަސްވެފަ އެވެ.

"މިއީ އިގްތިސާދީ ކާރިސާއެއް"

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ކުރިއަށް ރާއްޖެ އަށް އޮތީ އިގްތިސާދީ ގޮތުން ދުވަސް ތަކެއް ކަމަށާ، މިހާރު ކުރަން ޖެހޭކަމަކީ ހަރަދު ކުޑަ ކުރުން ކަމަށެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް، ހަރަދު ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިން ރާވައިގެން ތިބި ކަމެއް ނޫން މިއީ. އެންމެން ގަބޫލު ކުރަން ޖެހޭ އިގްތިސާދީ ކާރިސާއެއް އެބަ އަންނަކަން، ހަރަދުތައް ކުޑަ ކުރަން ޖެހޭކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން ބަޖެޓުގައި ޖެހި އަދަދުތައް ބިލާހަކަށްވެ ނިމުނުއިރު، މިހާރުގެ އަންދާޒާ ކުރުން ތަކުން ދައްކާ ގޮތުގައި މި އަހަރު ބަޖެޓުގެ ދަރަނި ކުރިން ލަފާކުރި 5.9 ބިލިއަން ރުފިޔާ އިން، 12 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ. އިގްތިސާދީ ދުވެލި ކުރިން ހުންނާނެ ކަމަށް ލަފާ ކުރެވުނީ 7.5 ޕަސެންޓުގަ އެވެ. އެކަމަކު މިހާރުގެ އަންދާއަކީ އިގްތިސާދީ ދުވެލި 5.7 ޕަސެންޓަށް ވެއްޓޭނެ އެވެ. މިއީ ސުނާމީ އަށްފަހު ރާއްޖޭގެ އިގްތިސާދީ ދުވެލި މި ވަރަށް ވެއްޓޭ ފުރަތަމަ ފަހަރެވެ. ދެހާސް ނުވަ ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ވެއްޓުނެވެ. އަދި 2004 ވަނަ އަހަރު ކުތިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދު 13.4 ޕަސެންޓް ދަށްވި އެވެ. އެހެންވެ މިއީ ސުނާމީ އާއި އިގްތިސާދީ ހީނަރުކަމަށްފަހު ރާއްޖޭގެ އިގްތިސާދު މި ފަދަ އަނދަވަޅަށް ވެއްޓޭ ފުރަތަމަ ފަހަރަށް ވާނެ އެވެ.

މިހާލަތަށް އިގްތިސާދު ވެއްޓިއްޖެނަމަ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަށް ބޭނުންވާ ފައިސާ ލިބޭނެ ހެއްޔެވެ؟ ޓެކުހުގެ އާމްދަނީއިން ބަޖެޓުގެ 48 ޕަސެންޓް ފޫބައްދާއިރު ވިޔަފާރި ދަށްވެއްޖެނަމަ ޓެކްސްއެއް ނުލިބޭނެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލޯނު ނަގާނީ ހެއްޔެވެ؟ ހިލޭ އެހީއިން ފޫބައްދާނީ ހެއްޔެވެ؟


ސަރުކާރުގެ އަންދާޒާއަކީ މިހާލަތުން އަރައި ގަންނަން ތިން މަސް ވާނެ އެވެ. ނަމަވެސް ދުނިޔޭގެ މާލީ އިދާރާ ތަކުން އަންދާޒާ ކުރަނީ އެންމެ މަދުން ވެސް ހަ މަސް ދުވަސް މިކަމަށް ނަގާނެ އެވެ. ބޭންކް ތަކުން ހަ މަސް ދުވަހުގެ ލޯނުގެ ލުއި ތަކެއް ދީފައިވަނީ މިގޮތަަށް ބެލުމަށްފަހު އެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާ އިން ވެސް ބުނެފައިވާ ގޮތުގައި ޗައިނާ ރަނގަޅު ވަމުން ދިޔަނަމަވެސް ޔޫރަޕު އޮތް ހާލަތުން ދުނިޔޭގެ ޓޫރިޒަމް ހުޅުވާލަން އަދި ދުވަސްތަކެއް ނަގާނެ އެވެ. މިހާތަނަށް ވެއްޓިއްޖެނަމަ ރާއްޖެ އަށް ދިމާވާނެ އެންމެ ބޮޑު ދައްޗަކަށް ވާނީ މުދާ އެތެރެ ކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމެވެ. ބޭރު ފައިސާގެ މާކެޓް ސަރުކާރަށް މެނޭޖު ނުކުރެވިއްޖެނަމަ ޝޯޓޭޖެއް އައުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން ވަނީ ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވުގައި ހުރީ 733 މިލިއަން ޑޮލަރެވެ. އަދި ބޭނުން ކުރެވޭ ރިޒާވު ނުވަތަ ޔޫޒަބަލް ރިޒާވުގައި ހުރީ 260 މިލިއަން ޑޮލަރެވެ. އަދި ދާދި ފަހުން ފިޗުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ސޮވަރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 130 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ރާއްޖެ އަށް މުދާ އިމްޕޯޓް ކުރަން ބޭނުންވާ ޑޮލަރު ނުލިބިއްޖެނަމަ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕުގެ ބޭނުން ވެސް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެހެންވެ އޮޕްޝަންތަކެއް މި ވަގުތަށް ރާއްޖެ އަށް އެބައޮތެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ ބޯޑަތުތައް ބަންދުކޮށްފައިވާއިރު، ފުރަތަމަ ކަމަކީ ރައްޔިތުން ކައިގެން ބޮއެގެން އުޅުމެވެ. އެހެންކަންތައް އަންނާނީގެ އޭގެ ފަހުންނެވެ.

ފިހާރަތަކުގެ މުދާ ހަރުތައް ހުސްވާ ހިސާބަށް ދާން ފަށައިފިނަމަ އެ ގޯސްވަނީ އެވެ. އެހެންވެ މި ވަގުތު ރާއްޖޭން ކުރާ ޖެހޭ ކަމަކީ ކޮންމެހެން ބޭނުންވާ ސާމާނު ނޫން ބާވަތްތައް މި ވަގުތަށް އިމްޕޯޓް ކުރުން މަދު ކުރުމެވެ. ޓޫރިޒަމް ހުއްޓި، އިމްޕޯޓް ދަށްވެފައިވާތީ ޑޮލަރުގެ ޑިމާންޑު ވަނީ ދަށްވެފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަމުގައި ހެއްދޭނެ ބާވަތްތައް ބަލައި އެ ހައްދައި މި ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރުން މަދު ކުރުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ސަރުކާރުން ވަނީ ދަނޑުވެރިކަމަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ. ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން ދަނީ އަންނަ މަހު ދަނޑުވެރިކަމުގެ ސާމާނު ގަންނާނެ ސެންޓަރެއް ހުޅުވާނެ ކަމަށް ބުނެފަ އެވެ.

ލޯނު ނެގުން ނޫން ގޮތެއް ނެތް!

ސަރުކާރުން ބުނެފައިވާ ގޮތުގައި އާމްދަނީ ދަށްވެއްޖެނަމަ ސަރުކާރުގެ ވިސްނުން ހުރީ ލޯނާ މި ނޫން ވެސް ގޮތް ގޮތުން ބޭރުން ފައިސާ ހޯދުމެވެ. އެ މަގުސަދުގައި ސަރުކާރުން ވަނީ އައިއެމްއެލް ފަދަ ޖަމިއްޔާތަކާ ވާހަކަ ދައްކަމުންނެވެ. ލޯނު ނަގަން ވިއްސާއިރު މުސްތަގުބަލަށް ރާއްޖެ އަށް މައްސަލަ ތަކެއް ދިމާވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ރާއްޖެ ދަރަނި މިހާރު ވެސް އިންތިހާ އަށް މަތީގައި އޮތުމެވެ.

ރާއްޖެ މި އޮތީ ލޯނު ނެގުމުގެ މާކުރީގަ އެވެ. ރާއްޖޭގެ ސަރުކާރު ތަކުން މިދިޔަ 40 އަހަރު ތެރޭ ނެގި 57 ލޯނަކަށް މިހާރު ވެސް ދަނީ ފައިސާ ދައްކަމުންނެވެ. މި ސަރުކާރުން ބުނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނެގި ވާހަކަ އެވެ. ހިސާބުތައް ދައްކާ ގޮތުގައި ލޯނާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ރައީސް ޔާމީންގެ ވެރިކަމުގައި ނަގާފައިވެ އެވެ. މި ސަރުކާރުން މިދިޔަ އަހަރު 8 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވެ އެވެ. މި ލޯނު ތަކާއެކު ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 53 ޕަސެންޓުގަ އެވެ.

އިގްތިސާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެ އިން ލޯނު ނަގާނަމަ މި ހާލަތު ރަނގަޅު ވެގެން އަންނައިރު، އިތުރު މައްސަލަ ތަކެއް ކުރިމަތި ވާނެ އެވެ. އެހެންކަމުން ލޯނު ނެގިނަމަވެސް އެކަން ކުރިއަށް ގެންދަންވާނީ ރަނގަޅު ޕްލޭންތަކާއެކު ފީޒިބަލް ވާނެ ގޮތަކަށެވެ. އަދި ލޯނު ނެގިނަމަވެސް ލުއި ގޮތްތަކެއް ހޯދަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

"އިގްތިސާދު އަނބުރާ ހަމައެކަށް އެޅޭއިރު އެބައި ފޫބައްދާނެ ވިސްނުމެއް އަދި ހާމައެއް ނުކުރެ. ރައީސް ވިދާޅުވީ ބަރޯ ކުރުމުވޭ ވިސްނުމަކީ. ފަހުން އާ ޓެކްސްތަކެއް ތައާރަފު ކުރާނީ ތޯ؟ ކިހިނެއްތޯ އަނބުރާ ފައިސާ ހޯދާނީ. މިއީ ސުވާލަކީ،" ކުރިން ވާހަކަ ދެއްކެވި އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

ކޮންމެ ގޮތެއްގައިނަމަވެސް، ގައުމު ހިންގަން ޖެހެ އެވެ. ގައުމު ހިންގޭނީ ފައިސާ ލިބިގެންނެވެ. ފައިސާ ހޯދޭނީ ދުނިޔޭގެ މާލީ އިދާރާތަކުން ދީގެންނެވެ. ބަޔަކު ދޭނެ ކަމަށް އަތް އުރާލައިގެން ތިބުމަކީ މިހާރު ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. މިހާރު އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ހަރަދު ކުޑަ ކުރުމެވެ. ހަރަދު ކުޑަކޮށްގެން ވިސްނުންތެރިކަމާއެކު ކުރިއަށް ދިއުމެވެ. ކުރިމަތީގައި މާކަގިނަ ޗޮއިސް ތަކެއް ނެތެވެ.