ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަ ކުރުމުގެ މަސައްކަތުގެ ދަށުން ދައުލަތާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކާއި ތިއްބެވި ބޭފުޅުންގެ މުސާރަ އިތުރަށް ކުޑަ ކުރަން ނިންމުމާއެކު، އެކަމުން ދައުލަތުގެ ބަޖެޓުން 15 އާއި 20 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ ކުރިން 20 ޕަސެންޓް ކުޑަ ކުރަން ނިންމި ނަމަވެސް، މި އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
ދައުލަތުގެ އެންމެ އިސްކޮށް ތިއްބެވި މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު، 20،000 އާއި 25،000ރ. ގެ މުސާރަ ލިބޭ މީހުންގެ މުސާރައިން 20 ޕަސެންޓް އަދި 30،000ރ. އާއި 60،000ރ. މަތީން މުސާރަ ލިބޭ މީހުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ އެ ކެޓަގަރީން ދަށުގެ މުސާރަތައް ކެޕް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު 10،000ރ. ގެ ބޭސިކް މުސާރައެއް ލިބޭ މުވައްޒަފެއްނަމަ ގެއަށް ގެންދަން އެލަވަންސްތަކާއެކު ލިބޭނީ 25،000ރ. އެވެ.
ސިޔާސީ މަގާމުތަކުގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާ، މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން ޖުމްލަ ގޮތެއްގައި 32 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގެނައި އެއް ބަދަލަކީ އެމްޑީންނާއި ޑީއެމްޑީއިންގެ އަސާސީ މުސާރައިން 20 ޕަސެންޓް ކުޑަކޮށް ބޯޑު އެލަވަންސް ކަނޑާލުމެވެ. މި ބަދަލާއެކު ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީއިންގެ މުސާރައިން 32 ޕަސެންޓް ކުޑަ ވެގެން ގޮސްފައިވެ އެވެ.
"މުސާރަތައް ކުޑަ ކޮށްފައިވާތީ، ކުންފުނިތަކާ ވާހަކަ ދެއްކުމަށްފަހު، ބޯޑުން ނިންމައިގެން، މިހާރުގެ ހާލަތުން އެބަޖެހޭ ދައުލަތުގެ ފައިނޭންސް މެނޭޖު ކުރެވޭނެ ގޮތްތަކެއް ހޯދަން،" އަމީރު ވިދާޅުވި އެވެ.