ލައިފްސްޓައިލް

ދަރިފުޅު ގޮވައިގެން ޑިއުޓީއަށް ދިޔަ މަންމައަށް ތައުރީފު

ދަރިން ބެލުމާއި ގޭގެ މަސައްކަތްތައް ކުރަމުން ވަޒީފާ އަދާ ކުރަން އަންހެނުންނަށް ބައެއް ފަހަރަށް ވަރަށް ދަތިތަކާ ކުރިމަތިވެ އެވެ. ވަޒީފާ އާއި ގޭގެ ކަންތައްތައް ބެލެންސް ކުރަން ދަތިވުމުންނެވެ. އިންޑިޔާގެ ފުލުހުންގެ ތެރޭގައި ހިމެނޭ އަންހެން ކޮންސްޓެބަލަކު ޑިއުޓީގައި ހުރިއިރު އޭނާގެ ކުޑަކުޑަ ފިރިހެން ދަރިފުޅު އުރާލައިގެން ހުރި މަންޒަރު ފެނިފައި ވަރަށް ގިނަ ބަޔަކު މި މީހާއަށް ތައުރީފު ކޮށްފައި ވެއެވެ.

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަޑައިގެންނެވި އިވެންޓެއްގައި މި މީހާ ގާޑުކަން ކުރަން ދަރިފުޅު އުރާލައިގެން ހުއްޓާ ފެނުމުން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ މިފަދަ ކަންތައްތަކަކީ އާންމުކޮށް ފެންނަ ކަންތައްތަކަށް ނުވާތީ އެވެ.

ކޮންސްޓަބަލް ޕްރީތީ ރާނީ އަކީ ޗީފް މިނިސްޓަރު ޒިޔާރަތް ކުރައްވާ ތަން ގާޑުކުރުމުގައި ހަރަކާތްތެރިވި އެތައް ސަތޭކަ ފުލުހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.

ދޮޅު އަހަރުގެ ދަރިފުޅު ކޮނޑުގާ ބާއްވައިގެން ހުރެ އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ޕްރީތީ ބުނެފައިވަނީ އޭނާ ޑިއުޓީ އަށް ދިއުމުން ދަރިފުޅު އާންމުކޮށް ބަލަނީ އެ ކުއްޖާގެ ބައްޕަ ކަމަށެވެ. ނަމަވެސް ބައްޕަ އެ ދުވަހު އިމްތިހާނަކަށް ދާން އޮތުމުން އޭނާއަށް ދަރިފުޅު ބަލަން މަޖްބޫރުވީ އެވެ.

ގްރޭޓާ ނޮއިޑާގެ ޑަޑްރީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ މި ޒުވާން ކޮންސްޓަބަލް އަށް އެ ދުވަހު ޖެހުނު ވީވީއައިޕީ ޑިއުޓީގައި ހެނދުނު 6.00 އިން ފެށިގެން މަސައްކަތް ކުރަން ޖެހުނެވެ. އޭނާ ބުނި ގޮތުގައި ޑިއުޓީ ވެސް މުހިއްމެވެ. އެހެންވެ ދަރިފުޅު ގޮވައިގެން ޑިއުޓީ އަށް ދިޔައީ އެވެ.