ލައިފްސްޓައިލް

ކުޑަކަމުނުގޮސް ހިފަހައްޓާނަމަ ބްލެޑާއަށް ގެއްލުންވޭ

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ އަންހެނުންނަށް ވަރަށް އާއްމުކޮށް ދިމާވާ ބެކްޓީރިއަލް އިންފެކްޝަނެކެވެ. ބްލެޑާގެ ސިއްހަތު ގޯސްވުމަކީ އާއްމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަކަށް ވާތީ މިކަމަށް ފަރުވާތެރިވާން ޖެހެ އެވެ.
ދުނިޔެއަށް މަޝްހޫރު ހޮލިސްޓިކް ލައިފްސްޓައިލް ކޯޗު ލޫކޯ ކޯޓިންހޯ އޭނާގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ޝެއާކޮށްފައިވާ ވީޑިއޯއެއްގައި މިކަމުން ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަތައް ވަނީ ކިޔައިދީފަ އެވެ.

އޭނާ ބުނި ގޮތުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ބްލެޑާގެ މުހިއްމުކަން ވިސްނެނީ ޔޫޓީއައި މައްސަލައާއި މާ ގިނަ ގިނައިން ކުޑަކަމު ދެވުން ކަހަލަ މައްސަލަތައް ދިމާވާން ފެށީމަ އެވެ. އުމުރުން ދުވަސްވީމަ ވަރަށް ގިނަ މީހުންނަށް ޔޫރިން އިންކޮންޓިނެންސްގެ މައްސަލަތައް ދިމާވާ ކަމަށް ވެސް އޭނާ ބުންޏެވެ. ޔޫރިން އިންކޮންޓިނެންސް އަކީ ގަސްތަކާ ނުލާ ކުޑަކަމުދާ ނަޖިސް ލީކު ވޭވޭ ހުރުމެވެ.

އޭނާ އިތުރަށް ބުނީ ކުޑަކަމުދާން ޖެހުމުން ވެސް ހިފަހައްޓައިގެން ހުރުމަކީ ވަރަށް ގިނަ މީހުންނަށް ކުރަން އާދަވެފައި ހުންނަ ކަމެކެވެ. މީގެ ސަބަބުން ބްލެޑާއަށް ނޭދެވޭ އަސަރުތަކެއްކޮށް ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ބްލެޑާ ފުލްވެއްޖެކަމުގެ ސިގްނަލް ލިބުނީމަ ލަސްނުކޮށް ބްލެޑާ ހުސްކުރަން ޖެހޭނެކަމަށް އޭނާ ބުންޏެވެ. މި ވީޑިއޯގައި ކޯޓެންހޯ ވަނީ ބްލެޑާގެ ސިއްހަތު ރަނގަޅުކުރާނެ ބައެއް އުކުޅުތައް ވެސް ކިޔައިދީފަ އެވެ.

ފުރަތަމަ ކަމަކަށް އޭނާ ބުނީ ބަނޑުހިކުނަ ނުދިނުމެވެ. ބަނޑުހިކިގެން ބޮޑުކަމު ނުދެވިގެން ހިފާ ކޮންމެ ފަހަރަކު ބްލެޑާއަށް ވަރަށް ޕްރެޝަރު ބޮޑުވާނެ ކަމަށާއި މިގޮތަށް ކަންތައް ދިމާވާނަމަ ވަރަށް އަވަހަށް ބްލެޑާގެ މަސްފަށަލަތައް ބަލިވާން ފަށާނެ ކަމަށެވެ. އެހެންވީމާ ލައިފްސްޓައިލަށް ބަދަލު ގެނެސްގެން ބަނޑުހިކުމާ ދުރުވެވޭތޯ މަސައްކަތް ކުރުމަށް އޭނާ އިރުޝާދުދެއްވި އެވެ.

ދެ ވަނަކަމަކަށް އޭނާ ބުނީ ކުޑަކަމުދާން ވެފައި މާ ގިނައިރު ހިފަހައްޓައިގެން ނުހުރުމެވެ. ސަބަބަކީ ކުޑަކަމުދާ ނަޖިސް ބްލެޑާގައި ހުންނަތާ ގިނައިރުވާ ވަރަކަށް އޭގައި ޖަރާސީމު އުފެދި އިންފެކްޝަނަކަށް މަގު ފަހިވާނެތީ އެވެ. އަދި ބްލެޑާ ބަލިކަށިވާނެ އެވެ.

ނިދާ ގަޑީގައި މާ ގިނައިން ފެން ބުއިމުން ނިދާފަ އޮވެފައި ފާޚާނާއަށް ދާން ތެދުވަން ޖެހެ އެވެ. ނަތީޖާއަކަށް ވަނީ ނިންޖަށް ބުރޫ އެރުމެވެ. އަދި މާ އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމެވެ. ބައެއް މީހުން ނިދާފައި އޮއްވާ ފާޚާނާއަށް ދަވައިގަނެގެން ހޭލެވުނަސް ހިފަހައްޓާލާފަ އަނެއްކާވެސް ނިދަ އެވެ. ހެނދުނު ހޭލައިގެން ފާޚާނާ ކުރުމަށެވެ. ނަމަވެސް މިއީ ވެސް ބްލެޑާގެ ސިއްހަތަށް ވަރަށް ގެއްލުން ލިބޭ ކަމެއް ކަމަށް ލައިފް ކޯޗް ފާހަގަ ކުރި އެވެ.

ބަނގުރަލާއި ކެފެއިން އަކީ ވެސް ބްލެޑާ އަށް ގެއްލުންވާ އެއްޗިއްސެވެ. ކެފެއިން އެކުލެވޭ ބުއިންތައް ބޯން ޖެހޭނީ އާދައިގެ މިންވަރަކަށެވެ. ބްލެޑާ މައްސަލައެއް ހުރިނަމަ އެއްވެސް މިންވަރަކަށް ކެފެއިން ބޭނުންކުރުން ރަނގަޅު ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފަސްވަނަ ކަމަކަށް އޭނާ ފާހަގަކުރީ ބަރުދަން އިތުރުވިޔަ ނުދީ ވޭތޯ މަސައްކަތް ކުރުމެވެ. ބަރުދަން އިތުރުވާ ވަރަކަށް ކިޑްނީ އަށާއި ބްލެޑާ އަށް ވެސް ބާރު ބޮޑުވެ އެވެ.

ބްލެޑާގެ ފަންވަރު ގަދަކުރުމަށް ކީގަލް އެގްސަސައިޒް މުހިއްމުކަން ކޯޗު ފާހަގަ ކުރި އެވެ. މި ކަސްރަތުތަކުން ރަހިމު، ބްލެޑާ، ކުޑަ ގޮހޮރު އަދި ރެކްޓަމް އާ ގުޅިފައިވާ ޕެލްވިކް ފްލޯ މަސްލްތަކުގެ ބާރު ގަދަވާނެ އެވެ. އަދި މިއީ ޖިންސީ ދުޅަހެޔޮކަމަށް ވެސް ކުރަން ރަނގަޅު ކަސްރަތެކެވެ.

އަދި ކޮޓްން ޖަނގިޔާ ލުމަށް އާދަކުރުމާއި ފެން ބުއިމަށް އާދަކުރުމަށް ވެސް އޭނާ އިރުޝާދު ދިނެވެ. ސަބަބަކީ ގައިގައި ފެން މަދުނަމަ ކުޑަކަމުދާއެއްޗެހި އެކަށީގެންވާ ވަރަށް ނުއުފެދޭނެތީ އެވެ. ނަމަވެސް މީގެ މާނައަކީ މާ ގިނައިން ފެން ބޯށެކޭ ނޫނެވެ. އެކަށީގެންވާ މިންވަރަށް ވުރެ ގިނައިން ފެން ބުއިމުން ހަށިގަނޑުގައި ހުންނަ އިލެކްޓްރޯލައިޓްސް މަދުވެ ސިއްހީ އިތުރު މައްސަލަތައް ދިމާވާނެ އެވެ.

ކެއުމުގައި ދޮންކެޔޮ، ކުރުނބާ، އާފަލު، މޭބިސްކަދުރު، ބެރީޒް ބޭނުންކުރަން އާދަކުރުމަކީ ބްލެޑާގެ ސިއްހަތު ރަނގަޅުވާނެ ކަމެކެވެ. މީގެ އިތުރުން ބޮނޑިކޮޕީ، ލެޓޫސް، ބްރޯކޮލީ ކަހަލަ ތަރުކާރީ އާއި ކިއުކަމްބާ، ބީންސް އަދި މުގު ބޭނުންކުރުން ރަނގަޅުވާނެކަމަށް އޭނާ ބުނެފައި ވެއެވެ.

ބްލެޑާ މައްސަލައެއް ހުރިނަމަ ރޯ ފިޔަލާއި ރޯ ޓޮމާޓޯ ކެއުން ރަނގަޅެއް ނޫނެވެ. އަދި ކޮފީ އާއި ސައި ބޯ މިންވަރު މަދުކޮށްލަން ޖެހޭނެ އެވެ.

ޔޫޓީއައިގެ މައްސަލައެއް ދިމާވެއްޖެނަމަ ކްރޭންބެރީ އެކްސްޓްރެކްޓްސް ބޭނުންކުރުމުން ރަނގަޅުވާނެ އެވެ. ޔޫޓީއައި އާއެކު ހުންއައިސް ބަނޑުގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެކަމަށް ވެލްނަސް ކޯޗު އަދި ނިއުޓްރިޝަނިސްޓް ބުނެފައި ވެއެވެ.