ކުޅިވަރު

އެވަޓަންގެ ކޯޗުން އިނގިރޭސި ރަނގަޅުކުރަން އަންގައިފި

އެވަޓަންގެ އެސިސްޓެންޓް ކޯޗުން އިނގިރޭސި ފެންވަރު ރަނގަޅު ކުރަން އެ ޓީމުގެ ހެޑް ކޯޗް ކާލޯ އަންޗެލޯޓީ އަންގައިފި އެވެ.

ކުރިން ޗެލްސީ އާއެކު މަސައްކަތް ކުރި، އަންޗެލޯޓީ ޑިސެމްބަރު މަހު އެވަޓަންއާ ހަވާލުވިއިރު އޭނާ ވަނީ، އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ހަ ކޯޗުން ހަމަޖައްސާފަ އެވެ. އޭގެތެރޭގައި ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އޭނާގެ ދަރިފުޅު ޑާވިޑޭ، އަދި ޕާފޯމަންސް ހެޑަކަށް އޭނާގެ ދަނބިދަރި މިނޯ ފުލްކޯ، އަންޗެލޯޓީ އާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ފިޓްނަސް ކޯޗް ފްރެންޗިސްކޯ މައުރީ އަދި ޓީމުގެ އެނަލިސްޓް މޮންޓަނާރޯ އަކީ އެންޗެލޯޓީ އާއެކު އެވަޓަން އަށް އައި ކޯޗުންންނެވެ. އަދި ކުރިން ވެސް ހުރި އެސިސްޓެންޓް ކޯޗް ޑަންކަން ފާގަސަން ގޯލްކީޕިން ކޯޗް އެލަން ކެލީ، އަންޗެލޯޓީގެ ކޯޗުން ޓީމުގައި ހިމެނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި، މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް އެއްޗެއް ބުނުމުން އިނގިރޭސި އެފްއޭއިން އަދަބު ދިފައިވާ އަންޗެލޯޓީ ބުނީ ޓީމުގެ ޑްރެސިން ރޫމްގައި ލެންގުއޭޖު ބެރިއާ ނައްތާލަން ޖެހޭ ކަމަށެވެ.

އަންޗެލޯޓީ ބުނީ، ޓީމުގެ މަސައްކަތް ރަނގަޅު ކަމަށާއި ކޯޗުން ޓީމުގައި މައްސަލައެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް އަހަރެންގެ ބައެއް ސްޓާފުން ވާހަކަ އިނގިރޭސިން ވާހަކަ ދައްކަނީކީ ރަނަގަޅަކަށް ނޫން،" އަންޗެލޯޓީ ބުންޏެވެ. "އެކަމަކު އަހަރެން އެމީހުންނަށް ބާރު އަޅަން އިނގިރޭސި ބަހުން ވާހަކަ ދައްކަން އެއީ އިނގިރޭސިއަށް ފަރިތަވުމަށްޓަކައި."