ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ޗިލީއަށް ނިސްބަތްވާ މީހާގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) ބުނެފި އެވެ.
އެންޑީއެންއޭއިން އޭނާގެ މައުލޫމާތު ސާފުކުރަމުން ދަނީ ބޭރުގެ ނޫސްތަކުން އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ އެވެ. ޗައިނާގެ ޒިންހުއާ ނޫހުގައި ބުނެފައިވާ ގޮތުގައި ޗިލީގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހާއަކީ ފާއިތުވި އެއް މަސް ދުވަހު ދަތުރު ކުރުމުގައި އުޅުނު މީހެއް ކަމަށެވެ.
ތިރީސް ތިން އަހަރުގެ އެމީހާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ޗިލީއަށް ދިޔައީ އޭޝިއާ ހުރަސްކޮށް ޔޫރަޕަށް ވެސް ގޮސްފައި ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން މެލޭޝިއާ އާއި ސިންގަޕޫރާއި އިންޑޮނޭޝިއާ އަދި ސްޕެއިންގައި މަޑުކޮށްފަ އެވެ. އޭނާ އެނބުރި ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
އެކަމާ ގުޅިގެން އެންޑީއެންއޭއިން ބުނީ ޗިލީގެ ހެލްތް އޮތޯރިޓީސްއާ ގުޅިގެން އެމީހާގެ މައުލޫމާތު ސާފުކޮށް އޭނާގެ ދަތުރުތަކުގެ ތަފްސީލް ހޯދަމުންދާ ކަމަށެވެ.
ހެލްތް މިނިސްޓްރީއިން މިއަދު ބުނީ ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި ބަލީގެ ކޭސް ޑެފިނޭޝަނަށް ފެތޭ މީހުންގެ ސާންޕަލް ނެގުމާއި ޓެސްޓް ކުރުމާއި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުން އަބަދުވެސް ކުރިއަށްދާ ކަމަށެވެ.
މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ރާއްޖެ އޮތީ ކޮރޯނާ ވައިރަހަށް ވަރަށް ބޮޑަށް ތައްޔާރުވެ އެވެ.
ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވި މިނުގައި ފެތުރެމުންދާ އެ ވައިރަސް ރާއްޖޭން ފެނިފައިނުވި ނަމަވެސް، ބައެއް ދިވެހިން ވަނީ އެ ބައްޔަށް ޓެސްޓުކޮށްފަ އެވެ. އަދި މިހާތަނަށް ހުރިހާ ޓެސްޓެއް ވަނީ ނެގެޓިވްވެފަ އެވެ.
ސަރުކާރުން ވަނީ އެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އަދި އެ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، އެޗްޕީއޭ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.
ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.