ލައިފްސްޓައިލް

ކޮރެއާ މީހުން ދިރި ހުއްޓާ ޖަނާޒާ ބާއްވަނީ ކީއްވެ؟

ދިރިއުޅުމުން ރަނގަޅު އިބުރަތެއް ހޯދުމުގެ މަގްސަދުގައި ކޮރެއާ މީހުން މަރު ނުވަނީސް އެއް ފަހަރު ޖަނާޒާ ބާއްވަ އެވެ. މިގޮތަށް ބޭނުންވާ މީހުންނަށް ހިލޭ ޖަނާޒާ ބާއްވާ ދޭ ކުންފުންޏެއް ވެސް ސައުތު ކޮރެއާގައި ގާއިމްކޮށްފައި ވެއެވެ. މި ކުންފުނިން ޖަނާޒާ ބާއްވައި ދެނީ ހަމައެކަނި ދިރިތިބީންނަށެވެ. މަރުވާ މީހުންނަކަށް ޖަނާޒާ ބާއްވައެއް ނުދެ އެވެ.

ދިރި ތިބި މީހުންނަށް ޖަނާޒާ ބާއްވައިދޭ ހުޔޯވޯން ހީލިން ސެންޓަރު 2012 ގައި ހުޅުވި ފަހުން މިހާތަނަށް 25،000 މީހުންގެ ޖަނާޒާ ބާއްވައިދީފައި ވެއެވެ. މަރުގެ ރަހަ ކޮންމެވެސް ވަރަކަށް ބަލައިގެން ހަޔާތުގެ އަގު ވަޒަންކޮށް އިސްލާޙުވާނެ ކަމުގެ އުންމީދުގަ އެވެ.

"މަރުވަނީކަން ޔަގީންވުމުން އެ ކުރެވޭ ތަޖުރިބާގެ ސަބަބުން ހަޔާތުގެ މިސްރާބު މުޅިން ބަދަލު ކޮށްލާ. ދިރިއުޅުން ސީރިއަސްކޮށް ނަގާ. މިފަދަ ޖަނާޒާއެއްގައި މަރުވި ކަމަށް ހެދިގެން އެތައް ވަގުތެއް ހޭދަކުރި 75 އަހަރުގެ ޗޯ ޖައެ-ހީ ބުންޏެވެ.

މި އިވެންޓުގައި ބައިވެރިވަނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. ޓީންއޭޖް ކުދިންނާއި ރިޓަޔާވެފައި ތިބޭ މީހުން ވެސް ބައިވެރިވެ އެވެ.

މި އިވެންޓުގައި ބައިވެރިވާ މީހުން ކަފުންކުރުމާއި، ކޮރެއާގައި މަރުވާ މީހުންގެ ނަގާ ޖަނާޒާ ޕޯޓްރެއިޓް ނެގުމާއި އެންމެ ފަހުގެ ވަސިއްޔަތް ކުރުން އަދި 10 މިނިޓް ވަންދެން ސަންދޯކަކަށް އެރި އޭގެ މަތި ޖަހައިގެން އޮތުން ހިމެނެ އެވެ.
ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެއް ކަމަށްވާ ޗޯ ޖިން-ކިޔޫ ބުނީ ސަންދޯކުގައި ހޭދަކުރި ވަގުތުގައި އޭނާއަށް ވަރަށް މުހިއްމު ކަމެއް ވިސްނުނެވެ. އެއީ އެހެން މީހުންނާ އޮންނަ ވާދަވެރިކަން އޭނާއަށް ވަރަށް ގިނައިން ގަބޫލުކުރެވެ އެވެ.

"އަހަރެންނަށް ސަންދޯކުގައި އޮތް ވަގުތު އިހްސާސް ކުރެވުނު އެހެން މީހުންނާ ވާދަކުރުމުގެ އޮތީ ކޮން ބޭނުމެއްހޭ،" 28 އަހަރުގެ ޗޯ ބުންޏެވެ. އޭނާ ބުނި ގޮތުގައި ކިޔަވާ ނިމިގެން އަމިއްލަ ވިޔަފާރިއެއް ފަށަން ގަސްތުކުރާ ކަމަށާއި ކުރިން އުޅުނީ ވަރަށް ވާދަވެރިކަން ބޮޑު ޖޮބް މާކެޓަށް ނުކުންނަން ކަމަށެވެ.

ސައުތު ކޮރެއާގައި ވަޒީފާ ނެތުމުގެ ސަބަބުން އެ ގައުމުގެ ޒުވާން ވަރަށް ބޮޑަށް މާޔޫސްވާން މެދުވެރިވެފައި ވެއެވެ. މިފަދަ ސަބަބު ތަކަށް ޓަކައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އެ ގައުމުގައި ވަރަށް މައްޗެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބުނާ ގޮތުން ސައުތު ކޮރެއާގެ ކޮންމެ 100،000 އަކުން 20.2 މީހަކު އަމިއްލައަށް މަރުވެ އެވެ. މިއީ ދުނިޔޭގެ އެވްރެޖް ރެކޯޑަށް ވުރެ ވެސް މާ މަތީ އަދަދެކެވެ. ދުނިޔޭގައި އެވްރެޖްކޮށް އަމިއްލައަށް މީހުން މަރުވާ ރޭޓަކީ 10.53 އެވެ.

ޖަނާޒާ ބާއްވާދޭ ކުންފުނިން މިކަން ފެށީ މީހުންނަށް ދިރިއުޅުމުގެ އަގު ވަޒަން ކޮށްދިނުމަށެވެ. އަދި މީހުން އެމީހަކާ ދޭތެރޭ ގޯސްކޮށް ކޮށްފައިވާ ކަންތައްތައް ހަނދާން ނައްތާލާ އެމީހުންނަށް މާފުކުރުމާއި އާއިލީ ގުޅުންތައް ގޯސްވެފައިވާ މީހުން ސުލްހަވެރި ކުރުވުމާއި އެކުވެރިންގެ ގުޅުން ބަދަހި ކުރުން ވެސް މި ތަން ހިންގުމުގެ މަގްސަދުގެ ތެރޭގައި ހިމެނެ އެވެ.

މި ތަނުގެ ވެރިމީހާ ބުނީ އާއިލާގެ މީހަކު މަރުވެގެން އުޅޭއިރު އޭނާ ދިރިހުރިއިރު އޭނާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރެވިފައިވާ މީހުން ދެރަވެގެން އުޅޭތަން ވަރަށް ގިނައިން ފެނެ އެވެ. މިފަދަ މީހުންނަށް އެމީހާ ދުނިޔޭގައި ހުރިއިރު ސުލްހަ ވާނެ ފުރުސަތު އޮންނަނީ ނުލިބިފަ އެވެ.

"އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދުނިޔޭގައި ހުންނަނީ ކުޑަ ދުވަސްކޮޅަކު. ތާ އަބަދަކަށް ނުހުރެވޭ. އެހެންވީމާ މި ތަޖުރިބާ މުހިންމީ. ދިރިހުއްޓާ މައާފަށް އެދި ސުލްހަ ވާނެ ފުރުސަތެއް އަހަރެމެން މި ހޯދައިދެނީ،" ޖަނާޒާ ބާއްވާ ކުންފުނީގެ ވެރިމީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައެއް ފަހަރަށް އޭނާއާ ބައްދަލުވާ މީހުންނަކީ އަމިއްލައަށް މަރުވާން ބޭނުންވެފައި ތިބޭ މީހުންނެވެ. މިފަދަ މީހުންނާ ވަހަކަ ދައްކައިގެން އެމީހުންގެ އެ ވިސްނުން ބަދަލުކުރުމުގައި ވެސް ކާމިޔާބު ހޯދޭ ކަމަށް ވެރިމީހާ ބުންޏެވެ.