ގޮންޖެހުންތަކާއެކު ވެސް ދުނިޔޭގެ އެކި ސަރައްދުތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ނޫސްވެރިން އެމްއެމްޕީއާރްސީއަށް ގެންދަވައިގެން މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިހާރު ދުނިޔޭގައި ފެތުރެމުން ދާ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އަދި އޭގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ އާއި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް އިސްތިހާރު ކުރަން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ފަތުރުވެރިކަން އިސްތިިހާރު ކުރަން މުހިންމު މާކެޓްތަކަށް އަމާޒުކޮށް އޮންލައިން އަދި ޑިޖިޓަލް ކެމްޕެއިންތައް ހިންގާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވިޒިބިލިޓީ ކެމްޕޭންތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދަން ވެސް ނިންމާފައިވާ ކަމަށެވެ.
"މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން [އިސްތިހާރު ކުރަން] އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެކަމަކުވެސް އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް މި ގެންދަނީ. މިހާރު ބޮޑަށް އަމާޒު ހިފާފައިވަނީ ކޮރޯނާ ވައިރަހުގެ އަސަރު ކުޑަ ގައުމުތަކަށް،" ތޮއްޔިބު ވިދާޅުވި އެވެ. "އެ ގައުމުތަކުގައި އަޅުގަނޑުމެން ހިންގާ ހަރަކާތްތަކުގެ ތެރޭގަ އެއާލައިންތަކާއެކު ކުރަމުންދާ މަސައްކަތުގެ ތެރެއިން ސިންގަޕޯ އެއާލައިން އާއި ޗައިނާ، ސައުތު ކޮރެއާ، އޮސްޓްރޭލިއާ، ޖަޕާން، އެމެރިކާ އަދި ސިންގަޕޯގައި މިދަނީ ޖޮއިންޓް މާކެޓިން ކެމްޕޭންތައް ހިންގަމުން،"
ތޮއްޔިބު ވިދާޅުވީ ސީއެންއެން އާއެކުވެސް ރާއްޖެ އިސްތިހާރު ކުރަން އެއްބަސްވެފައިވާ އިރު ބީބީސީ އާއި އެފަދަ އެހެން މީޑިއާ ޕްލެޓްފޯމްތަކާއި ސޯޝަލް މީިޑިއާގައި ވެސް ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތްތަކެއް ކުރާ ކަމަށެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޖަރުމަނުގައި ބާއްވާ އައިޓީބީ ބާލިން ފެއާވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ރާއްޖެ އިސްތިހާރު ކުރާ ހަތަރު ރޯޑް ޝޯ އަކާއި ތިން ޓްރެވެލް ފެއާ އެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްް އިސްތިހާރު ކުރަން މިވަގުތު ގޮންޖެހުންތައް އޮތް ކަމަށް އެމްއެމްޕީއާރްސީން ބުނި އިރު ރާއްޖޭގެ ބްރޭންޑް އިސްތިހާރު ކުރަން ފަހަކަށް އައިސް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނާ ފާޑުކިޔުންތައް އޮވެ އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ބަޖެޓް ބޮޑު ކުރި ފަހުން ބައެއް ގައުމުންތަކުން ނޫސްވެރިން ރާއްޖެއަށް ގެނެސްގެނެސް ރާއްޖެއާބެހޭ އެޓްވަޓޯރިއަލްތައް ލިޔުއްވަ އެވެ.