ކުޅިވަރު

ޓޮޓެންހަމް ކަޓުވާލުމަށްފަހު ނޯވިޗް ކްއާޓާއަށް

ޓޮޓެންހަމްހޮޓްސްޕާސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދައި، އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓާ ފައިނަލަށް ނޯވިޗް ސިޓީ ދަތުރު ކޮށްފި އެވެ.

މެޗުގެ ނަތީޖާ ނެރުން ޕެނަލްޓީއަށް ދާން ޖެހުނީ، 1-1 ން އެއްވަރު ވުމުންނެވެ. ފުރަތަމަ ލީޑް ނެގީ ސްޕާސްއިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޖޭން ވާޓެންގެން އެވެ. ނޯވިޗަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޯސިޕް ޑާމިޗް އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕާސްއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެއީ އެޓީމުގެ އެރިކް ޑަޔާ އާއި ޖިއޮވާނީ ލޮސެލްސޯ ކާމިޔާބު ކުރި ޕެނަލްޓީ އެވެ. ނޯވިޗްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެ ޓީމުން ކާމިޔާބު ކުރި އެވެ.

ޝެފީލްޑް ވެނިސްޑޭ ކޮޅަށް ސާޖިއޯ ކުން އަގުއޭރޯ ޖެހި ލަނޑާއެކު، މެންޗެސްޓާ ސިޓީ ވެސް ވަނީ އިނގިރޭސި އެފްއޭ ކަޕްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މެޗުގެ 53 ވަނަ މިނެޓްގައި އަގުއޭރޯ ޖެހި ލަނޑަކީ، އެފްއޭ ކަޕްގައި އޭނާ ޖެހި 20 ވަނަ ލަނޑެވެ. އަގުއޭރޯ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ފަސް މެޗު މޮޅުވެފަ އެވެ. އެއީ މި ސީޒަންގައި ސޓީގެ އެންމެ ރަނގަޅު ޓްރެކެވެ.