ހަބަރު

ދިއްދޫން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަވާލުކުރަން ފަށައިފި

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި 110 ފްލެޓް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ތަން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، 110 ފްލެޓް ލިބިފައިވާ ހައްގުވެރިން ތަނާއި ހަވާލުވުމުގެ ކުރިން ތަން ބަލައި އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ދިއްދޫ އިން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމިމަހުގެ ހަތަރު ވަނަ ދުވަހުން އަށް ވަނަ ދުވަހާ ހަމައަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ހއ. ދިއްދޫގައި ވަނީ 250 ފްލެޓު އިމާރާތްކޮށްފަ އެވެ. މިހާތަނަށް 140 ފްލެޓް މީހުންނާއި ހަވާލުކޮށް ނިމިފައިވާއިރު ބާކީ ހުރި 110 ފްލެޓު ލިބެނީ ހައްގުވެރި ފަރާތަށްކަން ކަށަވަރުކުރުމުގެ ގޮތުން އޭސީސީ އާއި އެޓާނީ ޖެނެރަލް އޮފީހުގެ ލަފާއާއި އެކު ފްލެޓަށް އެދި ހުށައެޅި ފޯމްތައް ވަނީ އަލުން އިވެލުއޭޓްކޮށް ލިސްޓް ތަރުތީބުކޮށްފަ އެވެ.