ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިއްދޫގައި މީގެކުރިން ވެސް ސަރުކާރުން ވަނީ 250 ހައުސިން ޔުނިޓް އަޅާފަ އެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އެ ތަންތަނުގައި މީހުން ދިރިއުޅެން ވަނީ ފަށާފަ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަމު އަދި ގއ. ވިލިނގިލީގައި ވެސް ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. މިރަށްތަކުގެ ތެރެއިން ހިންނަވަރާއި މަނަދޫ ފިޔަވާ ދެން ހުރި ރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ހިންނަވަރާއި މަނަދޫގައި އަޅާ ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސަރުކާރުން އިއުލާންކޮށްފައިވަނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް، ހިންނަވަރާއި ގަމުގައި 100 ހައުސިން ޔުނިޓް، މިލަންދޫ އާއި ވިލިނގިލީގައި 50 ހައުސިން ޔުނިޓް، މަނަދޫގައި 40 ހައުސިން ޔުނިޓް އަދި ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށެވެ.
ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލަ އަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.
ވަކިވަކިން ކޮށްފައިވާ އިއުލާން ތަކުގައިވާ ގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.