ރެއިން ފެށިގެން އިޝާ ނަމާދު ވަގުތުން ފެށިގެން ފަތިސް ނަމާދު ވަގުތާ ހަމަައަށް ދެ ހަރަމްފުޅުވެސް ބަންދު ކުރަން ފަށަައިފި އެވެ.
ސައުދީ ސަރުކާރުން ރޭ ބުނީ ދެ ހަރަމްފުޅުވެސް ކޮންމެ ރެއެއްގެ އިޝާ ނަމާދަށްފަހު ބަންދު ކުރާނެ ކަމަށެވެ. އަދި ހަރަމްފުޅު ހުޅުވާނީ ފަތިސް ނަމާދު ފެށުމުގެ އެއްގަޑިއިރު ކުރިން ކަމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އިއުތިކާފަށް އިނުމާ، ރޭއަޅުކަމަށް ދެ ހަރަމްފުޅުގައި މިދުވަސްވަރު ނުތިބެވޭނެއެވެ.
މިގޮތަށް ހަމަޖައްސާ ރެއިން ފެށިގެން ދަނީ އަމަލު ކުރަމުންނެވެ. ސަރުކާރުގެ އެ ނިންމުން ތަންފީޒު ކުރަން ގިނަ އަދަދެއްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
ރޭ ގިނަ އަދަދެއްގެ އުމްރާވެރިން ވަނީ ތޮވާފް ކުރުމަށް ކައުބާ ކައިރިއަށް ދެވޭނެ ކަމުގެ އިންތިޒާރުގައި ހަރަމް ސަރަހައްދުގައި ތިބެފައެވެ. ނަމަވެސް މެންދަމު ސިފައިން ވަނީ އެ ސަރަހައްދުގައި ތިބި ހުރިހާ އުމްރާވެރިން ފޮނުވާލާފައެވެ.
ކައުބާ ހިމެނޭ ސަރަހައްދު ބަންދު ކުރުން
މިހާރު ފެތުރެމުންދާ ކޮރޯނާ ވަައިރަސްއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އުމްރާ ވެރިންނަށް ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކުރުން ހިމެނެއެވެ. އެގޮތުން މަޠޯފް (ކައުބާގެ ވަށައިގެން ތިރީގައި ހިމެނޭ ބައި) މުޅިން ވަނީ ބަންދު ކޮށްފައެވެ.
އެ ސަރަހައްދު އަލުން ހުޅުވާނެ ކަމަށް ކުރިން ބުނި ނަމަވެސް އުމްރާއަށް އަލުން ހުއްދަ ދޭންދެން ދެން އެ ސަރަހައްދު ނުހުޅުވާގޮތަށް ރޭ ވަނީ ނިންމާފައެވެ.
އެހެން ކަމުން ދެން ތޮވާފް ކުރެވޭނީ މަތީ ފްލޯތަކުގައި އެކަންޏެވެ. މި ނިންމުމާއެކު ފަސް ވަގުތުގެ ނަމާދުގައި އިމާމު ދެން ހުންނަވާނީ މިސްކިތް ތެރޭގައި ކަމަށްވެސް ހަރަމައިނި ޝަރީފައިން ވަނީ ބުނެފައެވެ. -މީގެ ކުރިން ނަމާދުތަކުގައި އިމާމު ހުންނަވަނީ ކައުބާގެ ކައިރީގައެވެ.-
ސަޢުޔުކުރާ ސަރަހައްދުވެސް ބަންދު
އުމްރާވެރިންނަށް ދެ ހަރަމްފުޅު ބަންދު ކުރެވިފައިވާއިރު ސޮފާއާ މަރުވާއާ ދެމެދު ސަަޢުޔު ކުރާ ސަރަހައްދުވެސް މިހާރު ވަނީ ބަންދު ކޮށްފައެވެ.
އަދި ސަޢުޔު ކުރުމަށް ވަދެވޭނެ ހުރިހާ ދޮރުތަކެއް މިހާރު ހުރީ ބަންދުވެސް ކޮށްފައެވެ.
އިހްރާމާއެކު ހަރަމްފުޅަށް ވަނުން މަނާ
ރެއިން ފެށިގެން ހަރަމްފުޅުގެ ތެރެއަށް އިހްރާމުގައި ތިބެ ވަނުންވެސް ވަނީ މަނާކޮށްފައެވެ. އެގޮތުން އިހްރާމުގައި ތިބެ މިސްކިތަށް ވަންނަން މަސައްކަތް ކުރާ މީހުން ސިފައިން ދަނީ ނެރެމުންނެވެ.
މީގެ އިތުރުން މިސްކިތް ތެރެއަށް އެއްވެސް ބާވަތެއްގެ ކާއެއްޗެއް އަދި ބޯފެން ވެއްދުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގެ ނަމާދުތަކަށް މެނުއީ މިސްކިތުގައި ގިނަ ވަގުުތު ހޭދަ ނުކުރުމަށްވެސް ސައުދީ ސަރުކާރުން ވަނީ އެދިފައެވެ.
އަދި ޖަމާއަތުގައި ކުރެވޭ ނަމާދުގެ ވަގުތު ކުރުކޮށް، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި ރެއިން ފެށިގެން ކިޔަވާ ކިޔެވުންވެސް ވަނީ ކުރުކޮށްފައެވެ.
މި ހުރިހާ ފިޔަވަޅުތަކަކީވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަަޅާފައިވާ ފިޔަވަޅުތައް ކަމަަށް ސައުދީ ސަރުކާރުން ބުނެއެވެ.
ޒަމްޒަމް ފެން ފޯރުކޮށްދިނުން ހުއްޓާލުން
ސައުދީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޒަމްޒަމް ފެން ލިބޭނެ ގޮތަށް ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އެތައް ސަތޭކަ ފެން އިސްކޫރެއްވެސް މިހާރު ވަނީ ބަންދު ކޮށްފައެވެ.
އެގޮތުން ރޭގެ ވަގުތެއްގައި އެ ހުރިހާ އިސްކުރުތަކެއް ބޭނުން ނުކުރެވޭ ގޮތަށް ސިފައިން ވަނީ ބަންދު ކޮށްފައެވެ. އަދި އިސްކުރުތައް ހުރި ސަރަހައްދުތަކަށް ނުވަދެވޭނެ ހެން ޓޭޕް ވަނީ ދަމާފައެވެ.
ހަރަމައިން ޝަރީފައިން އިން ބުނީ އ ޒަމްޒަމް ފެން ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އަދި މީގެ ކުރިން އާންމުންނަށް ހަންހަމުގައި ޒަމްޒަމް ފެން ދޫކުރުން މިހާރު ވަނީ މުޅިން ހުއްޓާލާފައި ކަމަަށެވެ.
ނަބަވީގައިވެސް ވަރުގަދަ ފިޔަވަޅުތަކެއް
ކޮވިޑް-19 އާ ގުޅިގެން މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީގައިވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ނަބަވީވެސް ކޮންމެ ރެއަކު އިޝާ ނަމާދުގެ ފަހުން ބަންދު ކުރާނެެއެވެ. އަދި ދެން ހުޅުވާނީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ އެއް ގަޑިއިރު ފަހުންނެވެ.
މީގެ އިތުރުން ނަބަވީއަށްވެސް އެއްވެސް ބާވަތެއްގެ ކާބޯތަކެއްޗެއް ވެދުން މަނަލެވެ. އަދި ނަބަވީގައިވެސް ކުރިން ލިބެން ހުރި ޒަމްޒަމް ފެން ދެން ނުލިބޭނެެެއެވެ.
ރައުޟާއަށް ވަނުން މަނާވުން
ނަބަވީ މިސްކިތުގައި އަބަދުވެސް އެންމެ ބާރު ބޮޑީ ރައުޟާއަށް ވަންނަން މީހުން ކިޔުޖެހިފައި އޮންނަ ސަރަހައްދެވެ. ކީރިތި ރަސޫލާގެ އިތުރުން، އަބޫބަކުރުގެފާނާ، އުމަރުގެފާނުގެ ގަބުރުފުޅު ވަޅުލެވިފައިވާ ސަރަހައްދުގައިވާ ރައުޟާއަކީ ސުވަރުގޭގެ ބިންކޮޅެއް ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. -ރައުޟާއަކީ އައިޝަތުގެފާނުގެ ގަނޑުވަރުކޮޅާ، މިންބަރުކޮޅާ ދެމެދުގައިވާ ބިންކޮޅެވެ.-
ރައުޟާގައި ނަމާދު ކުރަން ބޭނުން ވެގެން ޖަމާވާ މީހުންނައިގެން އެ ސަރަހައްދު ވަރަށް ގިނަ ވަގުތު އޮންނަނީ ތޮއްޖެހިފައެވެ.
ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ނެެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ ކޮރޯނާއާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުއްދަތެއް ނެތް ގޮތަށް ރައުޟާ ބަންދު ކޮށްފައިވާ ކަމަށެވެ.
ހޯމަ، ބުރާސްފަތި ރޯދަ ސުފުރާތައް ހުއްޓާލުން
ރޯދަވެރިންނަށް ހާއްސަކޮށްގެން ހޯމަ، ބުރާސްފަތީގައި ނަބަވީގައި ހާއްސަ ސުފުރާތަކެއް ތައްޔާރު ކުރެވެއެވެ. ނަމަވެސް މިހާރު ވަނީ އެ ސުފުރާތައްވެސް ހުއްޓާލާފައެވެ.
އަދި އެއްވެސް ބާވަތެއްގެ ކާބޯތަކެއްޗެއް ނަބަވީތެރެއަށް ވެންދުން ވަނީ މަނާކޮށްފައެވެ.
ރޯދަ ސުފުރާތަކުގެ އިތުރުން ކޮންމެ ދުވަހަކު ހަވީރުވެސް ނަބަވީގައި ހާއްސަ ސުފުރާތަކެއް އޮވެއެވެ. އެކަންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.
ދަރުސްތަކާ ކުލާސްތައް ހުއްޓާލުންް
މީގެ އިތުރުން ނަބަވީގައި ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ދަރުސްތައްވެސް މި ދުވަސްވަރު ކުރިއަށް ނުގެންދާނެއެވެ. އަސްރު، މަގުރިބް އަދި އިޝާ ނަމާދަށްފަހު އިލްމުވެރިން ކޮންމެ ދުވަހަކު ދެމުންދާ ދަރުސްތައްވެސް މެދުކަނޑާލާފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.
އަދި ނަބަވީގައި ކުރިއަށް ގެންދާ ގުރުޢާން ޙަލަގާ (ގުރުއާން ކުލާސްތައް) ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އެ ނޫން އެހެން ހުރިހާ ކުލާސްތަކެއްވެސް މެދުކަނޑާލާފައިވާ ކަމަށް ގަރާރުގައިވެއެވެ.
އަލްބަޤީޢު ގަބުރުސްތާނަށް ޒިޔާރަތް ނުކުރެވޭނެ
ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުން ގެންނަންދެން ނަބަވީގެ އިރުމަތީ ފަރާތުގައިވާ އަލްބަޤީޢު ގަބުރުސްތާނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ވަނީ ބަންދު ކޮށްފައެވެ.
މާތް ރަސޫލާގެ ބައެއް އަނބިއަނބިކަނބަލުންނާ ބައެއް ދަރިކަލުންނާ ހުރިހާ ދަރިކަނބަލުން އަދި ވަރަށް ގިނަ ސަހާބީ ބޭކަލުންވެސް ފަސްދާނުލާފައިވާ މި ގަބުރުސްތާނަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޒިޔާރަތް ކުރެއެވެ.
ނަމަވެސް ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާގެ ގަރާރުގައި ބުނެފައިވަނީ މިއަދުން ފެށިގެން އަލްބަޤީޢު ގަބުރުސްތާނަށް ޒިޔާރަތް ނުކުރެވޭނެ ކަމަށެވެ. އަދި ގަބުރުސްތާނަށް ދެވޭނެ މަގުތައް މިހާރު ބަންދު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަދީނާގައި މިހާރު އުމުރާނުކޮށް ތިބި ބޭރު ގައުމުތަކުގެ ހުރިހާ މީހުން ހޮނިހިރު ދުވަހުގެ ކުރިން މަދީނާއިން ފޭބުމަށްވެސް ވަނީ އަންގާފައެވެ.
ދެ ހަރަމްގެ ސާފުތާހިރު ކަމަށް ބޮޑެތި މަސައްކަތްތަކެއް
ދެ ހަރަމްގެ ސާފުތާހިރުކަން އިތުރުކުރުމަށްޓަކައި މިހާރު ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ދުވާލަކު ހަ ފަހަރު މުޅި ހަރަމް ސާފުކުރުމުގެ މަސައްކަތް ކުރެއެވެ.
އަދި އިލެކްޓްރޯނިކް ޑިވައިސްއެއް ބޭނުންކޮށްގެން ކާޕެޓްތަކާ، ޓައިލްސްތައް ސާފުކުރާއިރު، އެތައް ސަތޭކަ މަސައްކަތު މީހުން އަބަދުވެސް ދެ ހަރަމް ސާފު ކުުރުމުގައި ހަރަކާތްތެރިވަމުން ދެއެވެ.
ކޮރޯނާ ވަައިރަސް ސައުދީގެ ފަސް މީހެއްގެ ގައިން ފެނިފައިވާއިރު އަދިވެސް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ. މިއީ މިފަހުގެ ތާރީހެއްގައި ދެ ހަރަމްފުޅުގައި މިފަދަ ފިޔަވަޅުތަކެއް އެޅި ފުރަތަމަ ފަހަރެވެ.