ސަމާ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރަމުންދާ އެ ރިސޯޓްގެ ޑޮކްޓަރަކު ވެސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރުމަށް ގެންގޮސްފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އެ ދެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވެ އެވެ.
ސަމާ އައިލެންޑް ރިސޯޓް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފްރާންސްގެ ދެ ޓޫރިސްޓުންގެ އިތުރަށް އެ ރިސޯޓްގެ ޑޮކްޓަރަކު ވެސް ކަރަންޓީނު ކުރުމަށްޓަކައި ކަރަންޓީނު ސެންޓަރެއް ގާއިމު ކޮށްފައިވާ ފަރުކޮޅުފުއްޓަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ. އެއީ އިންޑިއާ މީހެކެވެ.
އޭނާ އަށް އިއްޔެ ނޭވާލާން އުނދަގޫވެ ކެއްސަމުން ދާތީން އެ ރިސޯޓުން އެ ކަން ވެސް އެޗްޕީއޭއަށް ރިޕޯޓް ކުރި ކަމަށާއި ކަރަންޓީނަށް ގެންދަން ދެން އެ ޑޮކްޓަރުގެ ކޮޓަރީގައި މި ވަގުތު އެކަހެރި ކޮށްފައިވާ ކަމަށް ރިސޯޓުގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ވެސް އެ ރިސޯޓްގެ ހަ މުވައްޒަފަކު ވެސް ވަރަށް ބޮޑަށް ކެއްސައި ހުން ގަދަ ވެފައިވާތީ އެޗްޕީއޭއިން އިރުޝާދު ދިން ގޮތަށް އެ މީހުން ވެސް އެ ރިސޯޓުގެ ކޮޓަރިތަކެއްގައި މި ވަގުތަށް އެކަހެރި ކޮށްފައިވާ ކަމަށް އެ ރިސޯޓްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ސަމާ އައިލެންޑްގެ އިތުރުން ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް ވެސް ލޮކް ޑައުންކޮށް އަރާ ފޭބުން މަނާކޮށްފަ އެވެ.