ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިޓަލީ ޓޫރިސްޓުން ދާނެ ގޮތަށް މިދަނީ ހަމަޖައްސަމުން: މިނިސްޓްރީ

Mar 7, 2020

ރާއްޖޭގައި މި ވަގުތު ތިބި ޓޫރިސްޓުންގެ ތެރެއިން އިޓަލީއަށް ދާން ހަމަޖެހިފައި ތިބި ޓޫރިސްޓުން އަނބުރާ ދެވޭނެ ކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އިޓަލީގައި ވަރަށް ބޮޑަށް ފެތުރުމާ ގުޅިގެން އެ ގައުމުން ވައިގެ މަގުން ސީދާ ދަތުރު ކުރާ ފަސިންޖަރުންނާއި މިދިޔަ 14 ދުވަހު އެ ގައުމަށް ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ރާއްޖެ އެތެރެވުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ނިންމުމާ ގުޅިގެން ރާއްޖޭގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުންދާ ޓޫރިސްޓުންގެ ތެރެއިން އިޓަލީއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އެއްވެސް ޓޫރިސްޓަކަށް އެއްވެސް މައްސަލައެއް ދިމާނުވެ އެނބުރި ގައުމަށް ދަތުރު ކުރެވޭނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާާ ކަމަށެވެ.

އެ ކަން ހަމަޖެއްސުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކާއި އެއާލައިންތަކާ ގުޅިގެން މަސައްކަތްތައް ކުރެވެމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.