ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔެލޯ އެލާޓްގެ ދަށުން އަޅާނީ ކޮން ފިޔަވަޅުތަކެއް؟

Mar 7, 2020

ރާއްޖޭން ކޮރޯނާ ވައިރަހުގެ ދެ ކޭސް މިހާރު ފެނިފައިވާއިރު، މުޅި ރާއްޖެއަށް މިހާރު ވަނީ ޔެލޯ އެލާޓްގެ ހާލަތުގަ އެވެ. ރާއްޖެއަށް އެލާޓުތައް ކަނޑައަޅާފައިވަނީ އެ ވައިރަހުގެ ނުރައްކާ އޮތް ހާލަތަކަށް ބަލައި ގައުމީ ފެންވަރުގެ އިތުރުން، ވަކި ރަށްރަށަށާއި، އަތޮޅުތަކަށް ވެސް ވަކި ގޮތްތަކަކަށް އަމަލުކުރާނެ އުސޫލުތަކާއި އަޅަންޖެހޭނެ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ.

ޔެލޯ އެލާޓް އަކީ ކޮބާ؟

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ކަނޑައަޅާފައިވާ ގައިޑްލައިނުގައި ހަތަރު އެލާޓް ލެވެލްތަކެއް ވަނީ ހިމަނައިފަ އެވެ. މިހާރު މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅާފައިވާއިރު، ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ އެ އެލާޓަކީ ގައުމުން ބޭރުން އައި ފަރާތެއްގެ ހަށިގަނޑު އެ ވައިރަސްފެނި އެހެން ނަމަވެސް، ގައިން ގަޔަށް އެ ބަލި ދަތުރުކޮށް އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިނުވާ ހާލަތަކެވެ.

ޔެލޯ އެލާޓްގެ ދަށުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ގޮތް

  • އާންމުން ހިމެނޭގޮތަށް ކޮންމެ ދުވަހަކު ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުގެ މައުލޫމާތު ހާމަކުރުން
  • ގައުމީ ކަރަންޓީނު ފެސިލިޓީ އޮޕަރޭޝަނަށް ގެނައުން
  • ސަރަހައްދީ ގޮތުން އެކަހެރިކުރުމަށް ގާއިމުކޮށްފައިވާ ސެންޓަރުތަކާއި ފަރުވާދޭ މަރުކަޒުތައް ތައްޔާރީ ހާލަތަށް ގެނައުން
  • ސެންޓަރުތަކުގައި ކަރަންޓީނު ކުރުން
  • ގޭގައި އެކަހެރިކުރުން
  • ބަލި ދެނެގަންނަން ގާއިމުކޮށްފައިވާ ނިޒާމްތައް ވަރުގަދަކުރުން
  • އަތޮޅު ފެންވަރުގައި ބޭހުގެ ސްޓޮކު އިތުރުކުރުން
  • ބެކްއަޕް ސިއްހީ އޮފިޝަލުން ތައްޔާރީ ހާލަތަށް ގެނައުން

މުޅި ރާއްޖެއަށް ޔެލޯ އެލާޓް ކަނޑައަޅާފައިވީ ނަމަވެސް، އެ ވައިރަސް ފެނުނު ކުރެއްދޫ އައިލަންޑް ރިސޯޓަށް ސަރުކާރުން ވަނީ އޮރެންޖު އެލާޓް ކަނޑައަޅައިފަ އެވެ. އޮރެންޖު އެލާޓަކީ ގައުމަކުން ބޭރުން އައި ފަރާތަކުން އެ ވައިރަސްޖެހި، ސީދާ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އެ ވައިރަސް ޖެހިފައިވާ ހާލަތު ބަޔާންކުރާ ދަރަޖަ އެވެ.

އޮރެންޖު އެލާޓްގެ ދަށުން ރަށެއް ނުވަތަ އަތޮޅެއްގައި އަމަލުކުރާނެ ގޮތް

  • ކޮންމެހެން ކުރަންނުޖެހޭ އޮޕަރޭޝަންތައް ފަސްކުރުން.
  • އަސަރުކޮށްފައިވާ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރުން.
  • ކޮންމެހެން ބާއްވަންޖެހޭ އެއްވުންތައް ނޫނީ ނުބޭއްވުން.
  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ފެރީ ދަތުރުތައް ލިމިޓުކުރުން.
  • އެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ ފޯރުކޮށްދިނުން.
  • ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތައް ގޭގައި ކަރަންޓީނު ކުރުން.
  • ކޭސްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި ލަފާ ފޯރުކޮށްދިނުން.

ވަރަހަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުންނަށް ނޭރޭ ގޮތަށް ބަންދު ކުރީ އިއްޔެ އެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާ ވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ. އެ މައުލޫމާތާއެކު އެ ރިސޯޓްގައި ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި ދެ މުވައްޒަފަކު، ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީނުކުރި އެވެ. އޭގެ ތެރޭގައި އެ ރިސޯޓްގެ ޑޮކްޓަރު ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.