ވިޔަފާރި

ދިރާގު: ވަޒީފާ އަށް ޒުވާނުން ތާއްޔާރު ކުރުމުގައި މިސާލެއް

Mar 10, 2020
2

ސްކޫލް ނިންމާފަ ގިނަ ޒުވާނުން ވަޒީފާ އަށް ނުކުންނައިރު މަސައްކަތުގެ ހުނަރުތަކެއް ނޭނގެ އެވެ. މަސައްކަތުގެ މާހައުލުގައި މުއާމަލާތު ކުރަން ޖެހޭ ގޮތް ދަސްވެފައެއް ނުހުރެ އެވެ. ނަަމަވެސް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރި އަށް ގެންދާ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ވެފައިވަނީ ދިވެހި ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. މި ޕްރޮގްރާމު ނިންމައި މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެ ކުއްޖާ ހުންނަނީ މިކަމަށް ނިކަން ރަނގަޅަށް ތައްޔާރުވެފަ އެވެ.

"މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މާހައުލަށް ކުދިން އަހުލުވެރި ކުރުވުން. ގިނަ ފަހަރު ވަޒީފާގެ މާހައުލަށް ކުދިން ނުކުންނައިރު ވަޒީފާގެއެއް ވެސް އެކްސްޕީރިއަންސެއް ނުހުރެ. އެހެންވެ ދިރާގުން ފެށި ޕްރޮގްރާމެއް މިއީ،" ދިރާގުގެ އެސިސްޑެންޓް މެނޭޖަރު އެޗްއާރު، އައިޝަތު ރަޝީދާ ވިދާޅުވި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މި ޕްރޮގްރާމު މިހާތަނަށް 200 އަށްވުރެ ގިނަ ކުދިން ވަނީ ފުރިހަމަ ކޮށްފަ އެވެ. މިޕްރޮގްރާމް ވެފައިވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ މުހިންމު އެއް ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި އަހުލާގީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުން ފެށިގެން އެ މީހަކު ވަޒީފާ އަށް ނުކުންނައިރު ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި ބަލަން ޖެހޭ މިންގަނޑުތައް ވެސް ކިޔައި ދެ އެވެ.

ރަޝީދާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގައި ފަސްޓް އެއިޑް އާއި ފަޔާ ޓްރެއިނިން ޕްރޮގްރާމް ތަކެއް ވެސް ހިންގާނެ ކަމަށެވެ.

"އިންޑަކްޝަން ނިމޭއިރު ކުދިންނަށް އެނގޭނެ ބޭސިކް ހުރިހާ އެއްޗެއް. މީގެ އިތުރުން އެއް އަހަރުގެ މުއްދަތަށް ކުރި އަށް ގެންދާ އޮންދަ ޖޮބް ލާނިންއަކީ، ވޯކްސް އެކްސްޕީއަންސް ލިބޭ ގޮތަށް ކުރި އަށް ގެންދާ ޕްރޮގްރާމެއް. މީގައި ކޮންމެ ކުއްޖަކަށް މެންޓާއެއް ހުންނާނެ. އެ މީހެއްގެ ބެލުމުގެ ދަށުން އަޅުގަނޑުމެން ކުރި އަށް މި ގެންދަނީ،" ރަޝީދާ ވިދާޅުވި އެވެ.

މި ޕްރޮގްރާމް ބައްޓަން ކޮށްފައިވަނީ "ސޮފްޓް ސްކިލް" ގެ ބައެއް ވެސް ހިމެނޭ ގޮތަށެވެ. މި ބައިގައި ގްރޫމިން އިން ފެށިގެން ޕްރެޒެންޓޭޝަން ސްކިލް ފަދަ މަސައްކަތުގެ ދާއިރާ އަކަށް މުހިންމު ހުނަރުތައް ކިޔައިދޭނެ އެވެ.

"އޮންލައިން ޓްރޭނިންއެއް ވެސް އޮންނާނެ. މި ކުރިއަށް ގެންދަނީ ރެކޮގްނައިޒް ޔުނިވާސިޓީ އަކުން. އެހެންވީމަ މި ޕްރޮގްރާމު ނިމުމުން ގްރެޖުއޭޓް ވެވޭނެ. ރަނގަޅު ސެޓްފިކެޓެއްވެސް ލިބޭނެ،" ރަޝީދާ ވިދާޅުވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ އެތަށް ކުދިންނެއް މިހާރު ރާއްޖޭގެ އެކި ތަންތަނުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. މި ޕްރޮގްރާމް ނިންމާ ކުދިންގެ ފަރާތުން ފެންނަ ތަފާތަކީ ވަޒީފާ އަށް އެ މީހުން ތައްޔާރުވެފައި ތިބުމެވެ. އެހެންވެ މި ޕްރޮގްރާމް ވެފައިވަނީ ވަޒީފާ އަށް ދިވެހިން ނެރުމަށް ހިންގާ އެންމެ މުހިންމު އެއް ޕްރޮގްރާމް އަށެވެ.