ބާސެލޯނާ

ބާސާ މޮޅުވީ ވީއޭއާރްގެ އެހީގައި: ސެޓިއެން

ރެއާލް ސޮސީޑާޑްގެ މައްޗަށް 1-0 ން، އެފްސީ ބާސެލޯނާ މޮޅުވީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލޮޖީގެ އެހީގައި ކަމަށް ބާސާގެ ކޯޗް ކީކޭ ސެޓިއެން އެއްބަސް ވެއްޖެ އެވެ.

އަމިއްލަ ދަނޑު "ކޭމްޕް ނޯ" ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބާސާ މޮޅުވީ ވީއޭއާރްގެ އެހީގައި ބާސާއަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ލިއޮނަލް މެސީ އެވެ.

ބާސާއަށް، ޕެނަލްޓީއެއް ލިބުނީ ބާސާއިން، ސޮސީޑާޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަސް ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ސޮސީޑާޑްގެ ރޮބިން ލީ ނޯމަންޑް އަތުގައި ބޯޅަ ޖެހުމުންނެވެ. މެޗުގެ ރެފްރީ ހުއާން މާޓިނޭޒް އެކަން ކަށަވަރު ކުރީ ވީއޭއާރުން ބެލުމަށް ފަހު އެވެ.

"އަހަރެމެންނަށް އެނގޭ ސޮސީޑާޑް އާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ވާނެކަން، އަހަންނަށް ހީވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކުރިހެން އޭގެތެރޭގައި މެޑްރިޑްގައި ސެންތިއާބޯ ބާނެބެއުގައި ރެއާލްގެ މައްޗަށް ވެސް މޮޅުވި، އެ ޓީމު އޮތީ ކޮޕަޑެލްރޭ ފައިނަލުގައި، އެއހެންވީމަ އެއީ ބަލި ކުރަން އުނދަގޫ ޓީމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ސެޓިއެން ބުންޏެވެ. "މެޗުގެ ބައެއް ހާލަތްތަކުގައި ފިޔަވައި އަހަރެމެން މެޗު ކޮށްންޓްރޯލް ކުރިން ނުރައްކާތެރި ހަމަލާތައް އުފެއްދިން، ފަހުން އަހަރެމެން މޮޅުވީ، ވީއޭއާރަށް ޝުކުރު، އަހަރެން ނުދެކެން ޕެނަލްޓީ ލިބުނު ގޮތެއް އެއީ އަހަރެން ހުރި ދިމާލުން އެހާ ރަނގަޅަކަށް ނުފެނޭ."

މެޗުގެ 81 ވަނަ މިނެޓްގައި، މެސީ ޕެނަލްޓީން ލަނޑު ކާމިޔާބު ކުރި ފަހުން ވެސް ސޮސީޑާޑުން ވަނީ ބާސާގެ ގޯލަށް ބާރު ބޮޑު ކޮށްފަ އެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ބާސާގެ ޖޯޑީ އަލްބާ އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް، ވީއޭއާރުން އެލަނޑު ގަބޫލެއް ނުކުރި އެވެ.

ސޮސީޑާޑްގެ ކޯޗް، އިމަނޯލް އަލްގުސީލް ބުނީ، މެޗުން ބަލިވުން އޭނާގެ ޓީމަށް ހައްގު ނުވާ ކަމަށެވެ. އޭނާ ބުނީ، އޭނާގެ ޓީމުން މެޗުން ބަލިވީ ބޭއިންސާފުން ކަމަށެވެ.