މައުރީޝިއޯ ޕޮޗެޓީނޯ

ބާސާގެ ކޯޗަކަށް ޕޮޗެޓިނޯ ގެންދަނީ

ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި ބަޔާން މިޔުނިކް އަތުން ލަދުވެތި ގޮތަކަށް ބަލިވުމުން ޕްރެޝަރަށް ވެއްޓިފައިވާ ބާސެލޯނާގެ ކޯޗް ކީކޭ ސެޓިއެން ވަކި ކުރުމަށް ފަހު، ބާސާގެ ކޯޗަކަށް ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ގެންދަން ބާސާއިން މަސައްކަތް ފަށައިފި އެވެ.

ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ "ކެޑީނާ ސާ" އިން ބުނީ، މިދިޔަ ހަފުތާގައި ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު އާއި ޕޮޗެޓިނޯ ރޭގަނޑުގެ ކެއުމަކުން ބައްދަލު ކުރި ކަމަށެވެ. މި އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ބާސެލޯނާގެ ލޯކަލް ވާދަވެރިޔާ އެސްޕަންޔޯލް އަށް ކުރިން ކުޅެ އެ ޓީމަށް ކޯޗް ކޮށްދިން ޕޮޗެޓިނޯ މީގެ ކުރިން ބުނެފައި ވަނީ، ބާސެލޯނާއަށް ކޯޗް ކޯށްދިނުމުގެ ބަދަލުގައި ދަނޑުވެރިކަން ކުރަން ވެސް އޭނާ އިހްތިޔާރު ކުރާނެ ކަމަށެވެ.

މިދިޔަ މަހު އަލްޕައިސް އަށް ދިން އިންޓަވިއުގައި ޕޮޗެޓިނޯ ބުނީ، އޭރު އޭނާ އެހެން ބުނީ އޭނާ އާއި ބާސެލޯނާ އާ ގުޅުވައި ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަ ކުރުމުގެ ގޮތުން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެކަހަަލަ ގޮތަކަން ވާހަކަ ދައްކާކަށް، އަދި މިހާރު އަމުދުން އެ ކަހަލަ އެއްވެސް ވާހަކައެއް އަހަރެން ނުދައްކާނަން، ސަބަބަކީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭންގޭނެ." މިދިޔަ އަހަރު ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗް ކަމުން ވަކި ކުރި ފަހުން ޓީމަކާ ހަވާލު ނުވެ ހުރި ޕޮޗެޓިނޯ އަލް ޕައިސް އާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

ޖަނަވަރީ މަހު ބާސާގެ ކޯޗް ކަމުން އެރުނަސްޓޭ ވަލްވެރުޑޭ ވަކި ކުރުމަށް ފަހު ބާސާއިން ވަނީ، ޕޮޗެޓިނޯގެ އިތުރުން ބާސާގެ ކުރީ ކުޅުންތެރިން ކަމަށްވާ ރޮނަލްޑް ކޫމަން، ތިއެރީ އޮންރީއާ ވާހަކަ ދައްކާފަ އެވެ. ސެޓިއެން އާ ކޯޗްކަން ހަވާލު ކުރީ އޭގެ ފަހުންނެވެ. ބާސާގެ ކުރީގެ ކެޕްޓަން ޒވީ ހެނާންޑޭޒް ވެސް އޭރު ބާސާގެ ހުށަހެޅުމަށް އިޖާބަ ދީފައެއް ނުވެ އެވެ.

ސްޕެއިންގެ މޫވިސްޓާއަށް އިއްޔެ ދިން އިންޓަވިއުގައި ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓަމެއު ވިދާޅުވީ، ކުލަބަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި މިހާރު ވެސް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

"އަހަރެން މިވަގުތު ނެތިން ބުނާކަށް ކޮން ނިންމުމެއް ކަމެއް،" ބާޓެމެއު ވިދާޅުވި އެވެ. ސަބަބަކީ މެޗުގެ ކުރިންވެސް ބައެއް ނިންމުންތައް ނިންމަފައި ވަނީ ކުރިއަށް އޮތް ހަފުތާތެރޭގައި އެ ނިންމުންތައް އެނގިގެންދާނެ."

ސްޕެއިންގެ ކުޅިވަރު ނޫސް އޭއެސް އިން ބުނެފައި ވަނީ، ކޯޗަކަށް ޒަވީ ގެނައުމަށް ކުޅުންތެރިންގެ ފަރާތުން އެދިފައިވާ ކަމަށެވެ. ގަތަރުގެ އަލް ސައާދުގެ ކޯޗް ޒަވީ، ބާސެލޯނާގެ މިހާރުގެ މެނޭޖުމެންޓާއެކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވެ އެވެ. އަންނަ އަހަރު ބާއްވާ އިންތިހާބުގައި ބާސެލޯނާގެ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް ބެލެވޭ ވިކްޓާ ފޮންޓް އާއެކު މަސައްކަތް ކުރުމަށް ޒަވީގެ ޝައުގުވެރިކަން އެބަހުއްޓެވެ.