އެފްސީ ބާސެލޯނާގެ ކޯޗަކަށް ނުވާނެ ކަމަށް ބުނިތާ، ދެ އަހަރު ފަހުން މައުރީޝިއޯ ޕޮޗެޓިނޯގެ ރާގު ބަދަލުކޮށް، ބާސާއިން ހުށަހެޅުން ލިބިއްޖެނެމަ އެކަމާ ވިސްނާނެ ކަމަށް ބުނެފި އެވެ.
ޓޮޓްނަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗްގެ ކޯޗިން ކެރިއާ ފެށީ، ބާސެލޯނާގެ ލޯކަލް ވާދަވެރިޔާ އެސްޕަންޔޯލް ޑި ބާސެލޯނާއިންނެވެ. ދެ އަހަރު ކުރިން ޕޮޗެޓިނޯ ބުނެފައި ވަނީ، އެސްޕަންޔޯލްއަށް އޭނާ ކޯޗް ކޮށްދީފައި ވުމުން، ވާދަވެރި ކުލަބު ބާސެލޯނާގެ ކޯޗަކަށް އޭނާ ނުވާނެ ކަމަށެވެ. އެހެންނަމަވެސް ޕޮޗެޓިނޯ އިއްޔަ ވަނީ އޭނާގެ ބަސްމަގު ބަދަލުކޮށް ވާހަކަ ދައްކާފަ އެވެ.
ޕޮޗެޓީނޯ ބުނީ، އޭރު އެގޮތަށް ވާހަކަ ދެއްކި ސަބަބު އޭނާ ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އޭނާ ބުނީ އޭނާ އެހެން ބުނި އަހަރު ބާސެލޯނާ ސިޓީން، ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު އާ ބައްދަލުވި ކަމަށެވެ. އޭނާގެ ދަރިންނާއި ބާޓެމެއުގެ ދަރިންވެސް ގެންދަނީ އެއް ސުކޫލަކަށް ވުމުން އެކަކު އަނެކަކު ދިމާވުމުން މަރުހަބާ ކީ ކަމަށެވެ. ފަސް ވަރަކަށް މިނެޓް ވަންދެން ދެމީހުން ވާހަކަ ދެއްކި ކަމަށާއި އޭގެ ފަހުން އޭނާ ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ކަމަށެވެ. އެ ވާހަކަތައް ފެތުރޭން ފެށުމުން، ބާސާގެ ކޯޗަކަށް ނުވާނެ ވާހަކަ ދެއްކީ އޭނާ އާއި އެސްޕަންޔޯލް އާ އޮންނަ ގުޅުމަށް ބިނާކޮށް ކަމަށާއި ބާސެލޯނާ އަށް އިހުތިރާމް އަދާ ނުކުރުމުގެ ގޮތުން ނޫން ކަމަށް ޕޮޗެޓިނޯ ބުންޏެވެ.
"ކޯޗަކަށް ވުމުގައި އެސްޕަންޔޯލްއިން އަހަންނަށް އެހީތެރި ވީ، އަހަރެން ބޭނުމެއް ނެތް އެކަހަަލަ ބަޔާނެއް ނެރޭކަން، އަދި މިހާރު އަމުދުން އެ ކަހަލަ އެއްވެސް ވާހަކައެއް އަހަރެން ނުދައްކާނަން،" މިދިޔަ އަހަރު ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗް ކަމުން ވަކި ކުރި ފަހުން ޓީމަކާ ހަވާލު ނުވެ ހުރި ޕޮޗެޓިނޯ އަލް ޕައިސް އާ ވާހަކަ ދައްކަމުން ބުންޏެވެ. "ސަބަބަކީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭންގޭނެ."
ބާސާގެ ކޯޗް ކަމުން ޖަނަވަރީ މަހު އެރުނަސްޓޭ ވަލްވާޑޭ ވަކި ކުރުމަށް ފަހު އޭނާގެ ބަދަލުގައި ކޯޗަކަށް ގެނައުމަށް އެކުލަވާލީ ނޮމިނޭޝަން ލިސްޓްގައި ޕޮޗެޓީނޯގެ ނަންވެސް ހިމެނެ އެވެ. މިހާރުގެ ކޯޗް ކީކޭ ސެޓިއެން އާ މެދު ސުވާލު އުފެދިފައިވާއިރުވެސް ޕޮޗެޓިނޯ އާ ބާސާ އާ ގުޅުވައި ވާހަކަ ދައްކަ އެވެ. އެހެންނަމަވެސް ބާސާގެ ރައީސް ބާޓެމެއު އިއްޔަވެސް ވިދާޅުވީ ސެޓިއެންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި އެއަށް ބާސާއިން އިހްތިރާމް ކުރާނެ ކަމަށެވެ.
ޕޮޗެޓިނޯ ބުނީ އަދިވެސް އޭނާގެ އިހްތިރާމާއި ލޯބި ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕްރިމިއާ ލީގަށް އެބައޮތް ކަމަށެވެ. އޭނާ ބުނީ އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރުމުގައި އޭނާ އާއި ބްރެންޑެން ރޮޖާސް އަށް ކުރެވުނު މަސައްކަތް ކާމިޔާބު ކަމަށެވެ.
"އަހަރެމެން ކުޅުނީ ފަހަތުން ބޯޅަ ކުޅުވައިގެން ކުރިއަރާދާ ގޮތަށް، އެކަން އިނގިރޭސިންނަށް ކުރެވޭނެކަން އެނގުނު ހިސާބުން އެމީހުންގެ ފުޓްބޯޅައިގެ މެންޓަލިޓީ ބަދަލު ވެއްޖެ، އަހަންނަނަށް ހީވަނީ ބްރެންޑެން ރޮޖާސް އާއި އަހަރެމެންނަށް ކުރެވުނު މަސައްކަތުން އިނގިރޭސި ފުޓްބޯޅަ ކޮންމެވެސް ވަރަކަށް ބަދަލު ކުރެވުނު، ދެން ޕެޕް ގާޑިއޯލާ އައިސް އެ ފާރުގައި ސިމެންތި ޖަހައިދީ އެ މަސައްކަތް އިތުރަށް ފުރިހަމަ ކޮށްދިނީ."