ބާސެލޯނާ

ބާސާއިން ސެޓިއެން ވަކިކޮށް މާގަމު ކޫމަންއަށް ދެނީ

އެފްސީ ބާސެލޯނާގެ ކޯޗް ކަމުން، ކީކޭ ސެޓިއެން ވަކި ކޮށް އެ ޓީމުގެ ކޯޗް ކަމުގެ މަގާމަށް ހޮލެންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ރޮނަލްޑް ކޫމަން ވަނީ ހަމަޖެއްސުމަށް ކައިރިއަށް ހިނގައްޖެ އެވެ.

ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ "ކަޑީނާ ކޯޕް" ގެ ނޫސްވެރިޔާ ވިކްޓާ ނަވާރޯ ރިޕޯޓް ކޮށްފައި ވަނީ، ބާސާގެ ކޯޗް ކަމުން ސެޓިއެން ވަކި ކޮށްފި ކަމަށް ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ. ސެޓިއެން ބާސާގެ ކޯޗް ކަމާ ހަވާލުވީ ޖަނަވަރީ މަހު އެވެ. އެއީ އޭރު ކޯޗަކަށް ހުރި އެރުނަސްޓޭ ވަލްވެރުޑޭ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

ބާސާގެ ކޯޗް ކަމަށް، ކޫމަން ހަމަޖައްސާނެ ކަމަށް ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. ބާސާއަށް ކުރިން ކުޅެ އަދި އެ ޓީމުގެ އެސިސްޓެންޓް ކޯޗްކަން ވެސް ކުރި ކޫމަން ވަނީ އިއްޔެ ބާސާ އަށް ގޮސްފަ އެވެ. އެވަޓަންއަށް ކުރިން ކޯޗް ކޮށްދިން ކޫމަން ވަނީ، ބެންފީކާ، ވެލެންސިއާ އަދި އަޔެކްސްއަށް ވެސް ކުރިން ކޯޗް ކޮށްދީފަ އެވެ.

ބާސާގެ ކޯޗް ކަމަށް، ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ގެންދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު އެ ވާހަކަތައް ވަނީ ހުއްޓިފަ އެވެ. ކޯޗް ކަމަށް ޕޮޗެޓިނޯ ހަމަޖައްސަން ބޭނުން ވެގެން ބާސާގެ ބޯޑާ އެކަން ބާޓަމެއު ހިއްސާ ކުރުމުން، ޕޮޗެޓިނޯ ގެންދަން ބޯޑުގެ ބައެއް މެންބަރުން ތާއީދެއް ނުކުރެ އެވެ.

ޕޮޗެޓިނޯ އާ މެދު ބޯޑުގެ މެންބަރުން ހިތްހަމަނުޖެހޭ ސަބަބަކީ، ބާސާގެ ލޯކަލް ވާދަވެރިޔާ އެސްޕަންޔޯލްއަށް ކުރިން ކޯޗް ކޮށްދީފައިވުމުގެ އިތުރަށް ބާސާ އާ މެދު އޭނާ ކޮށްފައިވާ ކޮމެންޓްތަކެވެ. މީގެ ކުރިން ޕޮޗެޓިނޯ ބުނެފައި ވަނީ ބާސާގެ ކޯޗް ކަމަށް ވުމުގެ ބަދަލުގައި ދަނޑު ހެއްދުންވެސް އޭނާ އަށް ރަނގަޅު ކަމަށެވެ.

އެހެންނަމަވެސް ޕޮޗެޓިނޯ ވަނީ އޭރު އޭނާ ދެއްކި ވާހަކަތަކާ މެދު ހިތާމަކުރާކަން ހާމަ ކުރާކަން ހާމަކޮށް މިފަހުން ވާހަކަ ދައްކާފަ އެވެ.