ބާސެލޯނާ

މެސީ މަޑުކުރާނެ، ސެޓިއެންއަށް އިތުބާރު ކުރަން

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބާސާގެ ކޮންޓްރެކްޓް އާ ކުރާނެ ކަމަށް، އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމިއު ވިދާޅުވެއްޖެ އެވެ.

ރޭ މީޑިއާ ވާހަކަ ދައްކަމުން ބާޓެމިއު ވިދާޅުވީ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް މެސީ އާއެކު ދައްކަމުން ދާ ކަމަށެވެ. އަދި ވާހަކަތައް މިހާރު ގޮސްފައިވާ ހިސާބު ކޮންމެހެން ކިޔައިދޭން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޔަ ރެއާލް އާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗުގައި މެސީ ވަނީ އެ ޓީމުގެ ދެ ލަނޑު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. އެ ދެ އެސިސްޓަކީ މި ސީޒަންގެ ލަލީގާގައި އޭނާ ކުރި 19 ވަނަ އެސިސްޓެވެ. އެއީ ސްޕެއިންގެ ޓޮޕް ޑިވިޝަންގައި މިހާތަނަށް މެސީ އެންމެ ގިނައިން އެސިސްޓް ކުރި ސީޒަނެވެ.

ބާސާ އާއެކު އޮތް މެސީގެ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ އަހަރު ޖޫން މަހު އެވެ.

"ކޮންމެ ހަފުތާއަކުން ހިނގާ ކަންކަން އަހަރެން ކޮންމެހެން ކިޔއަިދޭކަށް ނުޖެހޭ. އެހެން ކުޅުންތެރިންނާއެކުވެސް ވާހަކަ ދައްޖަމުން މިދަނީ ކޮންޓެރްޓް އާ ކުރުމާމެދު." މޫވީ ސްޓާއަށް ބާޓެމިއު ވިދާޅުވި އެވެ. "މެސީ އަބަދުވެސް ބުނަމުން އަންނަނީ އޭނާގެ ކެރިއާ ނިންމާލަން ބޭނުން ވަނީ ބާސާގައި ހުރެގެންނޭ."

ބާޓެމިއު އިތުރަށް ވިދާޅުވީ ފާޑު ކިޔުން އަމާޒުވެފައިވާ ޓީމުގެ ހެޑް ކޯޗް ކީކޭ ސެޓިއެން އާ މެދު ކުލަބު އިތުބާ އެބައޮތް ކަމަށެވެ. ބާސާގެ ކޯޗް ކަމުން ސެޓިއެން ވަކި ކުރަން އުޅޭ ކަމަށް ފަތުރާ ވާހަކަތައްވެސް ބާޓެމިއު ދޮގު ކުރި އެވެ.

"އަންހަންނަށް އެނގޭ ރޫމާސްގެ ގޮތުގައި ވާހަކަތަކަށް ހުރިކަން، ނަމަވެސް އެހުރިހާ ވާހަކަތަކަކީ ވެސް ދޮގެއް،" އޭނާ ވިދާޅުވި އެވެ. "ކުޅުންތެރިންނާއި ބޯޑުގެ އިތުބާރު ކީކޭ ސެޓިއެން އަށް އެބައޮތް، އޭނާ ދަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން."