ބާސެލޯނާ ކޯޗް ކަމާ މިދިޔަ ހަފުތާ ހަވަލުވި ކީކޭ ސެޓިއެންގެ ފުރަތަމަ މެޗުގައި ގްރަނާޑާ އާ ދެކޮޅަށް ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑުން 1-0 ން މޮޅުވެއްޖެ އެވެ.
ސެޓިއެންގެ ފުރަތަމަ މެޗުގައި، އޭނާ ވަނީ ޓީމަށް ބައެއް ބަދަލު ގެނެސްފަ އެވެ. އާންމުކޮށް 4-3-3 އަށް ފޯމޭޝަން އަތުރާލާ ބާސާގެ ގޭމް ސެޓިއެން އަތުރާލީ 3-4-3 ގެ ފޯމޭޝަނަށެވެ. އަނިޔާގައި ހުރި ލުއިސް ސުއަރޭޒްގެ ބަދަލުގައި މެޗުން ފުރުސަތު ދިނީ ޒުވާން ފޯވަޑް އަންސޫ ފާޓީ އަށެވެ.
ވަރަށް ޑީޕްކޮށް ޑިފެންސް ކޮށްގެން ގްރަނާޑާއިން ކުޅެން މަސައްކަތް ކުރި ނަމަވެސް، ސެޓިއެން ވަނީ ގިނަ ޕާސްތަކެއް އުފައްދައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. ޖޯޑީ އަލްބާ އާއި މެސީގެ ޕާސިންގެ ރަނގަޅު ލިންކެއް މެޗުގެ ފެނިގެން ދިޔަ އެވެ.
ބާސާއަށް ލަނޑު ޖެހުނީ ގްރަނާޑާގެ އެއް ކުޅުންތެރިޔަކު މަދުވި ފަހުންނެވެ. މެޗުގެ 69 ވަނަ މިނެޓްގައި ގްރަނާޑާގެ ޖާމަން ސަންޗޭޒްަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ބާސާގެ ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރީ އާޓޫރޯ ވިޑާލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން އަންސޫ ފާޓީއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސެޓިއެން ބުނީ، މެޗުގައި ބާސާއިން ދެއްކި ކުޅުމަށް ރަނަގަޅު ގުރޭޑެއް ކުޅުންތެރިންނަށް ހައްގުވާ ކަމަށެވެ.