ކީކޭ ސެޓިއެން

މެސީއަށް ކޯޗް ކޮށްދޭން އުނދަގޫ: ސެޓިއެން

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކޯޗް ކޮށްދޭން އުނދަގޫ ކަމަށް، ބާސާގެ ކުރީގެ ކޯޗް ކީކޭ ސެޓިއެން ބުނެފި އެވެ.

ބާސާގެ ކޯޗް ކަމާ ސެޓިއެން ހަވާލުވީ މިދިޔަ ޖަނަވަރީ މަހު އެވެ. އޭނާއާއެކުވެސް ރަނގަޅު ނަތީޖާތަކެއް ނުލިބުމުން އޯގަސްޓް މަހު އޭނާ ވަޒީފާއިން ވަކި ކުރި އެވެ. އޭނާ މަގާމުން ވަކި ކުރީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލްގައި ބަޔާން މިޔުނިކް އަތުން 8-2 އިން ބަލިވުމުންނެވެ.

ލަލީގާގައި، ސެޓިއެންގެ ކޯޗް ކަމުގެ ދަށުން ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން ކެޕްޓަން މެސީ ބުނެފައި ވަނީ ބާސާ އަކީި އެހެން ޓީމުތަކަށް ބަލި ކުރަން ފަސޭހަ ދެރަ ޓީމަކަށް ވެފައިވާ ކަމަށެވެ.

ސްޕެއިންގެ އެލް ޕައިސް ނޫހަށް ދިން އިންޓަވިއުގައި ސެޓިއެން ބުނީ، ކޯޗް ކޮށްދޭން އުނދަގޫ ކުޅުންތެރިން ތިބޭނެ ކަމަށާއި މެސީއަކީ އެފަދަ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ މެސީ އަބަދުވެސް ބޭނުން ވަނީ ކާމިޔާބު ކަމަށާއި އެކަން ހާސިލު ނުވާނަމަ އޭނާގެ ކަންބޮޑުވުން ފާޅު ވާ ކަމަށެވެ.

"އަހަރެމެން ޖެހޭނެ ގަބޫލު ކުރަން އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަން، އަހަރެމެން ކިހިނެއް އޭނާގެ މިޒާޖު ބަދަލު ކުރަނީ. ބާސާއިން އޭނާ ބަލައިގެން ފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކާމިޔާބު ތަކެއް ލިބުނު ކުޅުންތެރިންތެރެިޔެއްގެ ގޮތުގައި. އެހެންނަމަވެސް ކުލަބުން އޭނާ މިޒާޖު ބަދަލު ކުރަން މަސައްކަތް ކޮށްފައެއް ނުވޭ."

ސެޓިއެން މިސާލެއްގެ ގޮތުގައި ދެއްކީ، އެންބީއޭގެ ލެޖެންޑް މައިކަލް ޖޯޑަން އެވެ. ޖޯޑަންގެ ޑޮކިޔުމެންޓްރީ "ދަ ލާސްޓް ޑާންސް" ގައި ފެނިގެންދަނީ އޭނާ އަކީވެސް މެނޭޖު ކުރަން އުނދަގޫ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

"މިލިއަނަކަށް ވުރެ ގިނަ މީހުން ތިބޭނެ މެސީ ނުވަތަ އެހެން ކުޅުންތެރިޔަކީ ކުލަބަށް ވުރެ ކޯޗަށް ވުރެ މުހިންމު ކުޅުންތެރިޔާއަށް ވެދާނެ ކަމަށް ގަބޫލު،" ސެޓިއެން ބުންޏެވެ.

"މި ކުޅުންތެރިޔާ [މެސީ] އާއި އޭނާ އެކުގައި ތިބި ކުޅުންތެރިން 14 އަހަރު ވަންދެން ގިނަ ކާމިޔާބުތަކެއް ހޯދައިފި. އަހަރެން ބާސާ ދޫކޮށްލި ފަހުން އަހަންނަށް އެނގުނު ކަމަކީ އަހަންނަށް ވުރެ މަތީގައި އެހެން ކަމެއް އެބަވޭ."

ސެޓިއެން ބުނީ، ކުލަބާއި ސަޕޯޓަރުންނަށް ވުރެ މަތީގައި ހުންނަން ޖެހޭ އެއްވެސް މަގާމެއް ކުލަބު ނޯންނާނެ ކަމަށެވެ. ބައެއް ފަހަރު ކުލަބަށް ޓަކައި ތިމާ ބޭނުންވާ ގޮތް ދޫކުރަން ޖެހޭ ކަމަށް ސެޓިއެން ބުންޏެވެ. އޭނާ ބުނީ މެސީގެ މިޒާޖު ބަދަލު ކުރުމަށް އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.