ކީކޭ ސެޓިއެން

މަގާމުގައި ދެމިހުންނާނެތޯ ނިންމަން އަދި މާއަވަސް

އެފްސީ ބާސެލޯނާއިން ބައެއް ނިންމުންތައް ނިންމަން ޖެހޭ ކަމަށާއި އެހެން ނަމަވެސް، ބާސެލޯނާގެ ކޯޗްގެ މަގާމުގައި އޭނާ ދެމިހުންނާނެތޯ ނުވަތަ ނޫންތޯ ނިންމަން އަދި މާއަވަސް ކަމަށް އެ ޓީމުގެ ކޯޗް ކީކޭ ސެޓީއެން ބުނެފި އެވެ.

ބަޔާން މިޔުނިކް އަތުން 8-2 ގެ ތަފާތު ބޮޑުކޮށް ބަލިވެ، ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހުނު ބާސާގެ ޑިފެންޑަރު ޖެރާޑް ޕިކޭ ބުނީ، މިދިޔަ ފަސް އަހަރުތެރޭ ޗެމްޕިއަންސް ލީގުން އެ ޓީމު ކަޓައިގެން ދިޔަ ގޮތުން ބާސާއިން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ޕީކޭގެ ވާހަކަތަކަށް ރިއާޔަތް ކޮށް ސެޓިއެން ބުނީ، ކުލަބަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެ ވާހަކަ ދެއްކުމަށް އެންމެ އެކަށީގެންވާ މީހާއަކީ އޭނާ ނޫން ކަމަށް ވެސް ވެދާނެ ކަމަށެވެ.

"އަހަރެން މިތާނަގައި މި ހޭދަ ކުރީ ހަ މަސް ނުވަތަ އަށް މަސް، ތަކުރާރުކޮށް މިހެން ދިމާވަންޏާ އޭގެއިން ކޮންމެވެސް ކަމެއް ބަދަލު ވާން ޖެހޭނެ،" ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސެޓިއެން ބުންޏެވެ. "ހަގީގަތަކީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އެބައޮތް، އެކަން ނިމިގެންދާން ޖެހޭނީ ކުރިމަގަށްޓަކައި ފިޔަވަޅުތަކެއް އަޅައިގެން."

އޭނާ ބުނީ ބާސެލޯނާއަކީ ބޮޑު ކުލަބެއް ކަމަށާއި ބޮޑު ކުލަބަކަށް މިހެން ދިމާވުމުން އިތުރަށް މާޔޫސް ވާނެ ކަމަށެވެ. ޕީކޭ މެން ފަަދަ ކުޅުންތެރިންނަކީ އެ ކުޅުންތެރިންގެ މުޅި އުމުރުން ކުލަބަށްޓަކައި ހޭދަ ކުރި ކުޅުންތެރިން ކަމަށްވުމުން އެ ކުޅުންތެރިންގެ ވާހަކަތައް އެގޮތަށް ހުންނާނެ ކަމަށް ސެޓިއެން ބުންޏެވެ.

"އަހަރެން ނުވެދާނެ މިވާހަކަ ދެއްކުން އެންމެ ރަނގަޅު މީހާކަމަށް، ބާސާގެ އައިޑެންޓިޓީ ރިކަވާ ކުރަން ޖެހޭ،" ސެޓިއެން ބުންޏެވެ. "މި ޓީމުގައި އޭނާގެ މުޅި އުމުރު ހޭދަ ކުރި ކުޅުންތެރިޔަކު އެގޮތަށް ވާހަކަ ދެއްކީމަ ކޮންމެވެސް ކަމެއް އެބަ ދޭހަ ކޮށްދޭ، ކަންތައްތަކެއް ބަދަލުވާން ޖެހޭ."

"އަހަރެން ދެމިހުންނާނަންތޯ ނުވަތަ ނޫންތޯ ވިސްނުން އަދި މާ އަވަސް، އޭނާގެ ކުރިމަގާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން ސެޓިއެން ބުންޏެވެ. "އެކަން ބިނާ ވަނީ އަހަރެންގެ މައްޗަކަށް ނޫން، މިހާލަތަށް ބެލުމަށް ފަހު ފިޔަވަޅުތައް އަޅައި އަހަރެމެން އެބުރި އަންނަން ޖެހޭ."