ލައިފްސްޓައިލް

ކެންސަރު ބަލީގެ މީހުނަށް އިސްތަށިގަނޑު ހަދިޔާކޮށްފި

ކެންސަރު ޖެހިފައިވާ މީހުން އެ ބައްޔަށް ފަރުވާ ހޯދަމުންދާ ދުވަސްވަރު ބޮލުގައި ހުންނަ އިސްތަށިތައް ފޭބުމުން އެކަމާ ވަރަށް ހިތްދަތިވެ އެވެ. އިންޑިއާގެ ކޮއިމްބަތޯރުގެ ޕްރައިވެޓް ކޮލެޖެއްގެ ކިޔަވާ 80 ވަރަކަށް ދަރިވަރުން ދާދިފަހުން ވަނީ މިފަދަ ބަލި މީހުންނަށް އެ ކުދިންގެ ދިގު އިސްތަށިގަނޑުގެ ބޮޑު ބައެއް ހަދިޔާކޮށްފަ އެވެ. މި އިސްތަށިތައް ބޭނުން ކުރާނީ ކެންސަރު ބަލި މީހުންނަށް ބޮލުގައި އަޅާނެ ވިގް ތައްޔާރު ކުރުމަށެވެ.

މި އިވެންޓުގައި ބައިވެރިވެ އިސްތަށިގަނޑުން ބޮޑު ބައެއް ހަދިޔާ ކުރަން އައިސްހުރި ވިނޯތިނީ ކިޔާ އަންހެންކުއްޖަކު ބުނީ ކެންސަރު ބަލި މީހުންނަށް ހަދިޔާކުރާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ. އެހެންވެ އިސްތަށިގަނޑުން ބޮޑު ބައެއް ހަދިޔާކުރަން ނިންމީ އެވެ.

މިތަނުގައި ތިބި އެހެން ކުދިން ވެސް ބުނީ ހަމަ މިކަހަލަ ވާހަކަ ތަކެކެވެ. އެކުދިން ބުނީ ކެންސަރު ބަލި މީހުންނަށް ފައިސާގެ އެހީ ވެދެވޭނެ މާލީ ތަނަވަސްކަން އެކުދިންގެ ނެތް ކަމަށެވެ. އެހެންވެ އިސްތަށިގަނޑު ހަދިޔާކޮށްގެން އެމީހުންގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ގެނެސްދެވޭތޯ މަސައްކަތް ކުރީ ކަމަށެވެ.

އާއްމުކޮށް އިންޑިޔާ ކުދިންގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ދިގުކޮށް ކަމަށް ވާތީ މި އިވެންޓުގައި އެވްރެޖްކޮށް ކޮންމެ ކުއްޖެއްގެ އިސްތަށިގަނޑުން ވެސް ބުރިކުރީ 8 އިންޗި އެވެ. ނަމަވެސް ބައެއް ކުދިން ބުނީ އެކުދިން އެއަށް ވުރެ ދިގުކޮށް އިސްތަށިގަނޑު ހަދިޔާކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި 200 ވަރަށް މީހުން މިހާތަނަށް ބައިވެރިވެފައިވާއިރު ހޮނިހިރު ދުވަހު އޮތް އިވެންޓުގައި އިސްތަށިގަނޑު ބުރިކޮށް ހަދިޔާކުރި އެއް ކޮލެޖެއްގެ 80 ވަރަކަށް ކުދިންނެވެ.

އެކުދިންގެ ރީތި އޮފުއަރާ ވަރުގަދަ އިސްތަށިގަނޑުގެ ބޮޑު ބައެއް ބުރިކޮށްލައި ކެންސަރު ބަލި މީހުންނަށް ހަދިޔާކުރި ޚަބަރު ކިޔާފައި ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ މި ކުދިންނަށް ތައުރީފުކޮށް ކޮމެންޓްތައް ކޮށްފަ އެވެ.
އެތަނުން އެކަކު ބުނި ގޮތުގައި އެކުދިން ހަދިޔާ އެ ކުރީ އެ ކުދިންގެ އަތުގައިވާ އެންމެ އަގުބޮޑު އެކަތި ކަމަށާއި މިއީ އެކުދިންގެ ހިތްވަރުގަދަކަމާއި އިންސާނިއްޔަތަށް ޚިދުމަތްކުރުމަށް ހިތުގައި އޮތް އަޒުމުކަމަށެވެ.