ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(5 މާރިޗު 2020 އާ ގުޅޭ)

"މިތާ އޮތް ޓެކްސީގަ އިނީ ހޭޒަލް" ދާރިއަން ބުނެލިއެވެ. އިޝްވާއަށް ހީވީ ޝޮކެއް ޖެހުނީހެންނެވެ.

"އައި ހޭވް ޓު ގޯ..." ދާރިއަން އަވަސްއަވަހަށް ބުންޏެވެ.

"ކީކޭ ބުނާނީ..." އިޝްވާ ވަގުތުން އެއްސެވެ.

"އެވްރިތިންގް..." ދާރިއަން ބުނެލިއެވެ.

ޚިޔާލުގެ ތެރެއަށް ގެއްލިފައި ޓެކްސީ ދާ ދިމާއަށް ބަލަން ދާރިއަން ހުރެވުނެވެ. އެ ސިކުނޑީގައި އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ހޭޒަލް ހީކުރާނޭ ގޮތަކާމެދު ދާރިއަންއަށް ވިސްނެނީއެވެ. އިޝްވާއަކީ ކޮންމެކޮންމެ އަންހެނެއްނޫނެވެ. އޭނާއަކީ ހޭޒަލްއަށް ދެވަނަ ފަހަރަށް މުޖުތަމަޢުއާ ކުރިމަތިލާނޭ ހިތްވަރު ހޯދައިދިން މީހާއެވެ. ހިތުގެ ފަރުވާއަކަށްވެ ގާތް ރަޙުމަތްތެރިއަކަށްވި މީހެކެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެއްފަހަރު ވެސް ދާރިއަން އޭނާއަށް އިޝްވާ އެނގޭކަން ހޭޒަލް ގާތު ހާމަކޮށްފައެއްނުވާނެއެވެ. ހަޤީޤަތަކީ އޭނާއަށް އެ ވާހަކަތައް ދައްކަން ނުކެރުމެވެ. ހޭޒަލްގެ ސިއްރުތައް ދާރިއަންއަށް އެނގިއްޖެއްޔޭ ބުނަން ޖެހިލުންވަނީއެވެ. ބުނެވޭ އެންމެ ލަފުޒަކުން ވެސް ހޭޒަލް ގުޅުން ކަނޑާލަފާނެތީއެވެ. އެދެމެދުގައި އޮތީ މާބޮޑު ގާތްކަމެއްނެތް ނާޒުކު ގުޅުމެކެވެ.

"އޭތް! އަދިވެސް ހުންނަނީތަ؟" ދާރިއަންގެ ވައަތްފަރާތުގައި ހުރި އިޝްވާ ބުނެލިއެވެ. ދުލުން ބުނެލި ބަސްތަކާއެކު އޭނާގެ އަތުން ދާރިއަންގެ ކޮނޑުގައި އަޅައި ކުޑަކޮށް ކޮށްޕައިލިއެވެ.

"މީ ފަސްޖެހެންވީ ވަގުތެއްނޫން، އޭނާ ގޮވައިގެން އަހަރެންގެ ކުލިނިކަށް އާދޭ... ދެން ދޭ! އަހަރެން މި ނައްޓަލަނީ" އިޝްވާ ބުންޏެވެ. އެހެންވިޔަސް ދާރިއަން ކަންތައްކުރާގޮތެއް ބަލަން އޭނާ މަޑުކޮށްލިއެވެ.

ޖީބުގައި އޮތް ފޯނު ނަގައި ހޭޒަލްގެ ނަންބަރަށް ދާރިއަން ގުޅަންފެށިއެވެ. ދެފަހަރު ރިންގުވެފައި ފޯނުކޯލަށް ހޭޒަލް ޖަވާބުދިނެވެ. ހިނގައިގަންނަން ހިތަށް އަރާފައި ވެސް ހޭޒަލް ދޭނޭ ޖަވާބަކަށް ޝައުގުވެރިވެ އިޝްވާ މަޑުކުރީއެވެ. ދާރިއަންގެ ފޯނުކޯލު ނިމެންދެން އޭނާއަށް ބަލަހައްޓައިގެން އިޝްވާ ހުއްޓެވެ. އޭނާއަށް ހަމައެކަނި އިވެނީ ދާރިއަން ދައްކާ ވާހަކަ ނަމަވެސް އެ ވާހަކަތަކުން ހޭޒަލްގެ ވާހަކަ ހުންނާނޭ ގޮތް ލަފާކުރިއެވެ.

"ކީކޯ ބުނީ؟" ދާރިއަންގެ ކަންފަތާ ފޯނު ދުރުކޮށްލުމާއެކު ވަގުތުން އިޝްވާ ސުވާލުކުރިއެވެ.

"ރައްޓެހިކުއްޖެގެ ގެއަށްދަނީއޭ" ފޯނަށް ބަލަން ހުރެ ދާރިއަން ބުނެލިއެވެ.

"މީޓުވާން ބުނީމެންނު! ކީކޭ ބުނީ؟ ދެއްކި ހުރިހާ ވާހަކައެއް ކިޔާދީބަލަ" އިޝްވާގެ ފަރާތުން ފެންނަނީ އަވަސްއަރުވާލުމެވެ.

"ޒެލްގެ ފްރެންޑް ކައިރީ ދާނަމޭ ބުނެފަ އޮތީމަ އެގެއަށް ވަދެލާފަ ތަންކޮޅެއް ކުރިން ނިކުންނާނަމޭ ބުނި، އެހެންވެ އަހަރެން ބުނީ އެންމެ ރަނގަޅޭ، ޒެލް ގުޅާނެ... ގުޅީމަ އަހަރެން ބަލާދާނަން، އިޝް ކައިރިއަށް އޭނާ ގޮވައިގެން ދާނަން" ދާރިއަން ފުންވިސްނުމެއްގައި ހުރި ކަހަލައެވެ. ހަށިފުރާ ނޭވާއެއް ލުމާއެކު މަގުމައްޗަށް ދާރިއަން ބަލާލިއެވެ. ގަޔާނުވެފައި ހުރި ފަދަ ހަރަކާތެއް ތުންފަތަށް ގެނައެވެ. އެހިނދު އޭނާގެ މުލައްދަނޑީގައި އިޝްވާ އަތްޖައްސާލުމުން ބަލާލިއެވެ.

"ދެން!..." އިޝްވާއަށް ބުނެލެވުނެވެ.

"ހިނގާ ކުލިނިކަށް، ޒެލް ގުޅަންދެން އިޝްއާއެކު އެތަނުގައި އަހަރެން މަޑުކޮށްލާނީ" ދާރިއަން ބުންޏެވެ. އިޝްވާ މަޑުމަޑުން ބޯޖަހާލިއެވެ. ދާރިއަން ކާރު ބާއްވާފައި އޮތް ދިމާއަށް ދާން ހިނގައިގަތީ ދެ ޒުވާނުން އެކުއެކީއެވެ.

* * * * *

"ކޮންކަމަކާ ތި ވިސްނަނީ؟" ނަޝާ އަހާލިއެވެ.

"ހުރިހާކަމަކާ..." މާނަވީ ހިނިތުންވުމެއް އެކުވެރިޔާއަށް ދެމުން ހޭޒަލް ބުންޏެވެ.

"ތިހެން ނީނދެ ސައިބޯން ފަށާބަލަ،" ލޮލުން ހޭޒަލްގެ ސައިތަށްޓަށް ނަޝާ އިޝާރާތްކޮށްލިއެވެ.

ކާމޭޒު ކައިރީ ދެ އެކުވެރިން ތިބިއިރު އިސްވެ ކޮންމެ އެއްޗެކޭ ވެސް ބުނަން ޖެހެނީ ނަޝާއަށެވެ. ހޭޒަލް އިނީ ބަސްމަދުވެފައެވެ. އޭނާއަށް އައިސްފައިވާ ބަދަލު ނަޝާއަށް ރޭ ދުވާ ވަކިވާ ފަދައިން ބުނަން އެނގެއެވެ. ކުރީން އެ ދެމީހުން ދިމާވެއްޖެނަމަ އަނގަ ހުއްޓާނުލެވޭނެއެވެ. ހީނހީނ އަނގަ ވާޅުވާ ފަހަރު ވެސް މަދެއްނޫނެވެ. ޚިއްޞާ ނުކުރެވޭނެ ކަމަކަށް އޮންނަނީ ދެމަފިރިންގެ ދެމެދުގައި އެނދުމަތީ ހިނގާ ކަންކަން އެކަންޏެވެ. އެހެންނޫނީ ދުނިޔޭގައި ލެއްވި ހުރިހާ ކަމެއްގެ ވާހަކަ އެކަކުއަނެކަކާ ދައްކާނެއެވެ.

"ދާރިއަން... އެހެން ދޯ އޭނައަށް ކިޔަނީ؟" ނަޝާގެ އަމާޒު އެހެން ދިމާއަކަށް އަނބުރާލިއެވެ. ހޭޒަލް ހޫންއެއް ލައްވާލަމުން ބޯޖަހާލިއެވެ.

"އޭނަ ރަނގަޅުތަ؟" ނަޝާ އަހާލިއެވެ.

"އޯކޭ!" ހޭޒަލް ވަގުތުން ބުނެލިއެވެ.

"ތި ދެމީހުން ވަރަށް ގުޅޭ، ޒެއްލުދެކެ އޭނާ ވަރަށް ލޯބިވާކަން އެނގޭ" ނަޝާ ހިނިތުންވެލިއެވެ. އެ މޫނަށް ބަލަން ހޭޒަލް އިނެވެ. ނަޝާ އެހެން ބުނީ ކިހިނެއް ވިސްނާފަބާއޭ ހޭޒަލް ހިތަށް އެރިއެވެ. އޭނާއާއި ލިއަމް އެކުގައިވީ ދުވަސްތަކުގައި އެ ދެމީހުންހާ ގުޅޭ ޖޯޑެއް އެންމެނަށް ވެސް ނެތެވެ. މިހާރު ދާރިއަންއާއެކު ހުންނައިރު ހަމައެފަދައެވެ. ހިތްތަކުގައިވާ އެއްޗެއް މޮޅަށް ވަނީ ފަރުދާވެފައެވެ. ގިނައީ ބުއްދިއަށްވުރެ ދޫ އިސްކުރާ މީހުންނެވެ. ނަޝާގެ ގަސްދަކީ ހޭޒަލް ހިތްހަމަޖެއްސުން ކަމުގައި ވެދާނެއެވެ. އޭނާއަށް ވެސް ހޭޒަލްގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ. އަދި ކައިވެންޏަކީ ކިހިނެއް ހަމަޖެހުނު ކައިވެންޏެއްކަމެއް ވެސް ނޭނގެއެވެ. ހަމައެކަނި އެނގެނީ ދެމީހުން ވެސް ރުހުމުގައި ކައިވެނި ކުރަން ނިންމީކަމެވެ. ދޭޢާއިލާގެ ރުހުން ވެސް އެކަމުގައި އޮތްކަމެވެ. ހޭޒަލްއާއި ދާރިއަންއާ ދެމެދު އޮންނަ ގުޅުމުގެ އެއްވެސް ތަފްސީލެއް ނަޝާއަށް ދިނުމުގެ ގަސްދެއް ހޭޒަލްގެ ނެތެވެ.

ހިމޭންކަމުގައި ބަހެއްނުބުނެ ހޭޒަލް އިނެވެ. މޭޒުމަތީ ހުރި ހެދިކާ ތަށިތަކުގައި އޭނާ އަތެއްނުލައެވެ. ނަޝާ ގެނެސްދިން ސައިތަށިން އެތިއެތި ފޮދު ބުޔެވެ. އޭނާގެ ސިކުނޑީގައި ހިނގަންފެށީ ދާރިއަންއާއި އިޝްވާގެ ޚިޔާލުތަކެވެ. އިޝްވާގެ ކައިރިން ދާރިއަން ވެސް ފަރުވާ ހޯދަނީބާއެވެ. އޭނާއަށް ކަމެއް ދިމާވީ ބާއެވެ؟. ނޫނީ އެ ދެމީހުންނަކީ ރައްޓެހިންބާއެވެ. އެނޫން ގުޅުމެއް އެދެމެދުގައި އޮވެދާނެބާއެވެ. ކައިވެނިކުރަން ހުރިހާ ތައްޔާރީއެއްވެ ނިމިފައިވަނިކޮށް ދާރިއަން ޚިޔާލު ބަދަލުވެދާނެ ބާއެވެ. އޭނާގެ މާޒީއެއް ހޭޒަލްއަކަށް ނޭނގެއެވެ. އޭނާ ކުއްޖަކާ ރައްޓެހިނުވޭބާއެވެ. ހޭޒަލްދެކެ އޭނާއަށް ލޯބިވެވުނީތީ ހުރީއެވެ. އޭނާ ބުނާ އެއްޗެއް ތެދަކަށް ވެދާނެ ހެއްޔެވެ؟. އެކަމަކު އެހެންވާނީ ކިހިނެއް ހެއްޔެވެ؟. އެ ދަރަޖައަށް ފިރިހެނަކަށް ކެތްކުރެވިދާނެބާއެވެ. އެއާއެކު ހޭޒަލްއަށް ވިސްނުނީ އޭނާގެ ރަންކިއުމުގައި އިޝްވާ ބައިވެރިނުވުމަށް ދެއްކި ބަހަނާއެވެ. އެތަނުގައި އޭނާ ހުންނަން ބޭނުންނުވާންވީ ސަބަބެއް ހޭޒަލްއަކަށް ނުވިސްނެއެވެ.

"ހޭ! ޒެއްލު! ޔޫ އޯކޭތަ؟" ހޭޒަލްއަށް ސިހުން ގެނުވީ ނަޝާގެ އަތްތިލަ އޭނާގެ އަތުގައި ޖެހިލުމުންނެވެ. އަވަސްއަވަހަށް ހޭޒަލް ބޯޖަހާލިއެވެ.

"އަހަރެން ދާންވެއްޖެ، އަންނާނަމޭ ބުނެވިފަ އޮތީމަ މިއައީ" ހޭޒަލް ބުނެލިއެވެ.

"ކަންތައްތަކަކާ އެހާ ވޮރީ ނުވައްޗޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ވާނީ ރަނގަޅަކަށް، ދާރިއަން ހީވަނީ ވަރަށް ރަނގަޅު މީހެއްހެން" ހޭޒަލްގެ ކޮނޑުގައި ނަޝާ ފިރުމާލިއެވެ.

"މީހެއްގެ ގޮތެއް ހީވާ ހީވުމަކުން ޔަގީނެއްނުކުރެވޭނެ" ހޭޒަލް ބުންޏެވެ. ނަޝާއަށް ހޭޒަލް ބުނި އެއްޗެއް ފަހުމްވިއެވެ. އޭނާ އިތުރު ވާހަކައެއް ނުދައްކައެވެ. ހޭޒަލްއާއެކު މޭޒު ދޮށުން ތެދުވީއެވެ.

އެކުވެރީންނަކީ މުހިންމު ބައެއްކަމަށް ހޭޒަލްއަށް ޤަބޫލެއްނުކުރެވެއެވެ. ދިރިއުޅުންދެކެ ފޫހިވީއިރު އެންމެންދެކެ ވެސް އޭނާ ފޫހިވެއްޖެއެވެ. އެހެންނަމަވެސް ރަނގަޅު އެންމެ އެކުވެރިއެއް ވިޔަސް ބެހެއްޓުމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވިސްނުނީ އިޝްވާގެ ސަބަބުންނެވެ. އަލުން ނަޝާއާ ވާހަކަދެއްކުނީ އިޝްވާގެ ސަބަބުންނެވެ. ކޮންމެހެން އޭނާ އެކުވެރިޔަކަށް ބޭނުންވެގެން އެނބުރި ނަޝާ ހޯދަން އައީކީނޫނެވެ. ރަނގަޅު އެކުވެރިޔެކޭ ބުނެވޭހާ ގާތްކަމެއް ކިރިޔާ ވެސް އޮތީ ނަޝާއާއެކުވީމައެވެ. ހޭޒަލްގެ ވިސްނުން ބަދަލުވެއްޖެއެވެ. އެ ދެމެދުގައި ބީރައްޓެހި ހިމޭންކަމެއް ވަނީ އެހެންވެ ކަންނޭނގެއެވެ.

"އެކަކުވެސް ލިއަމްއާ މެދު ޝައްކެއްނުކުރޭ، އޭރު ވެސް އަހަރެމެން ދެމީހުންނަކީ އެންމެ ގުޅޭ ޖޯޑު... އަނބިމީހާދެކެ އެންމެ ލޯބިވާ ފިރިއަކީ ލިއަމް، ހުރިހާ ގޮތަކުން އެއީ ފުރިހަމަކަމުގެ ލާމަސީލެއް، ކޮންމެ ފިރިއަކީ ލިއަމް ކަހަލަ ފިރިއަކަށް ވާނެނަމައޭ ބުނި މީހުން ހައްތަހާ ވެސް، އެންމެން ވެސް ތިބީ ލިއަމް ކަހަލަ ފިރިއަކަށް ބޭނުންވެފައި... އޭނާގެ އެއްވެސް އުނިކަމެއްނުވާކަހަލަ... ލިއަމް ބޭވަފާތެރިވެ ބަދަލުވެއްޖެނަމަ އެކޮޅުކޮޅުން މީހުން ހިނގާނޭ ބުނި، އަހަންނަށް ކުރެވޭ އިޙްސާސްތަކަކީ ކުށްހީތަކެކޭ ބުނި އެކަކު ތީ ވެސް... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނުމުން އަހަރެންގެ ކޮޅަށް އެރީ ނުހަނު އަވަހާ، އެއީ އެކަން ޤަބޫލުކޮށްގެން ކަމެއް ނޫނީ އިވުނު ވާހަކަތަކަށް ދެވުނު ޝައުގެއްގެ ސަބަބުންކަމެއް ނޭނގެ، އޭރު ވާނެ އެއްޗެއްވެ ނިމިއްޖެ... ނަޝާ! މިއެކުވެރިކަން އިތުރަށް ދެމިއޮވެދާނެތަ؟... އަހަންނަށް އެއްވެސް ޔަގީންކަމެއްނެތް... އެކުވެރިކަންވާންވާނީ މާބޮޑު މަސައްކަތްތަކެއް ކުރުމެއްނެތި ދެމެދުގައި އޮންނަ ގުޅުމަކަށްނޫންތަ؟... ބަދަލުވީ ނަޝާއެއްނޫން، ކުރިމަތިވި ހާލަތުގެ ސަބަބުން ބަދަލުވީ އަހަރެން، ކުދިކުދި ކަންކަން އަހަންނަށް މިހާރު ބޮޑެތި ފަރުބަދަތަކެއް ފަދަ، އެކަމެއްގެ ވާހަކަ ބުނެލުމާއެކު އަހަރެންގެ އިޙްސާސްތަކަށް އިސްކަންދީ އެކަން ދެނެގަންނަ ރަޙުމަތްތެރިއަކު އަހަރެން ބޭނުންވީ... އަހަންނަކީ ފިރިމީހާއާ ގުޅުވައި ބޭކާރު ވާހަކަދައްކާ މީހެއްނޫން، އެކަމަކު އަހަރެންގެ ހިތްބިރުގަންނަ ކަންކަން ޚިއްޞާކުރުމުން އަހަންނަށް ބޮޑުކަމެއް ދިމާވެއްޖެކަން އެކުވެރިޔާއަށް އެނގޭނެނަމައޭ ހިތަށް އެރި، ބިޒީ ދިރިއުޅުމުގެ ތެރެއިން އަހަންނަށް ގުޅާ އަހަރެންގެ ހާލު ބަލައި، އަހަންނަށް ލަފާ ދޭނެ އެކުވެރިއަކު ބޭނުންވީ... އަހަރެންގެ ޚަބަރެއް ނުވުމުން ހާލު ރަނގަޅުތޯ ބެލުމުގެ ބަދަލުގައި އަހަރެންގެ ޚަބަރު ވާންދެން ހުންނަ އެކުވެރިއަކީ އަހަރެންގެ ގާތް އެކުވެރިޔާއޭ ބުނެވިދާނެތަ؟"

ރަޙުމަތްތެރިކަން ކެނޑުނަނުދޭން ބާރުއަޅާ މީހަކީ ހޭޒަލްކަމަށް ވާން މިހާރު އޭނާ ބޭނުމެއްނޫނެވެ. ހިތުގައިވި ޖަޒުބާތުތައް ދުލުން ބޭރުކޮށްލީ އެހެންވެއެވެ. ހިތުގައި ބާއްވައިގެން ނަޝާގެ މައްޗަށް ހިތްބަރުކުރަން ނޭދޭތީއެވެ. ދެއްކުންތެރިކަމުގެ ގޮތުން އެއްވެސް ކަމެއް ހޭޒަލް ނުކުރާނެއެވެ. ހަޤީޤަތަކީ ހުރިހާ ސިއްރެއް ޚިއްޞާކުރާހާ ނަޝާ ގާތްކަމަށް ހޭޒަލްއަށް އިޙްސާސް ނުކުރެވުމެވެ. އޭނާގެ އިޙްސާސްތައް ހާމަކުރި ނަމަވެސް ނަޝާއަށް އެ އިޙްސާސްތައް ދެނެގަންނަން ނޭނގޭނޭކަމެވެ. އެކަމަށް އޭނާގެ ވެރިފަރާތް ފުދިގެންވެއެވެ. ވަގުތުން ޖެހުމުން އެނގެންޖެހޭކަމެއްނަމަ އެކަން އޭނާއަށް ހާމަކުރައްވާނެއެވެ. އެނގެން ނުޖެހޭނަމަ އެކަމުގައި އޭނާއަށް ރަނގަޅެއްނޫނީ ނުވެއެވެ.

ގޭގެ ދޮރޯށި ކައިރީ ހުރެ ހޭޒަލް ހުރިހާ ވާހަކަދެއްކިއިރު ނަޝާ ހުރީ ބަސްހުއްޓިފައެވެ. އެ ހުރިހާ ވާހަކައެއް އެ ދެއްކީ ހޭޒަލްކަމާމެދު އޭނާ ހައިރާންވިއެވެ. ދަރިން ތިބީތީ އެކުދީންގެ ކަންތައް ކުރުމާއި ފިރިމީހާގެ ކަންތައް ކުރުމަށްފަހު އަދި ގޭތެރޭގެ ކަންތައް ކުރަމުން ދެން އަދި އެކުވެރީންގެ ހާލު ބެލޭނީ ކިހިނެއް ހެއްޔޭ ނަޝާގެ ވިސްނުމުގައި އަބަދު ވެސް ހުރެއެވެ. އެކަހަލަ ޒިންމާއެއް ނެތްމީހަކަށް އެކަމުގެ ހުރި ބުރަކަމެއް ނުވިސްނޭނެއެވެ. އެކުވެރިޔާއާ ހަމައަށް ދެވެނީ ހުރިހާކަމެއް ނިމި އެންމެ ފަހުންނެވެ. ދެވޭއިރު ވެސް އަމިއްލަ ހިތްހަމަޖައްސާލުމަށް އެވަގުތު ދުއްވާލެވެއެވެ. އެހެންވިޔަސް ނަޝާ ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔަކީ ހޭޒަލްކަން ޤަބޫލުކުރެއެވެ. އޭނާއަށް ވެސް ސިކުނޑީގެ ބުރަކަން ފިލުވާލުމަށް އެ ނުތަނަވަސްކަން އޮއްސާލެވޭ މީހަކީ ހޭޒަލްއެވެ. ހޭޒަލްގެ އެކަނިވެރިކަން ނަޝާ ދެނެގަންނަން މަސައްކަތް ކުރިއޭ ބުނެވޭކަށް އޭނާއަކަށް ނެތެވެ. އޭނާއަށް އަބަދުވެސް ބުނެވެނީ ހޭޒަލް ވިސްނަންޖެހޭ ކަމެއް ނޯންނާނެކަމެވެ. ދިރިއުޅުން އެހާ ފުރިހަމައެވެ. އަދި އަމުދުން ދަރިއަކުނެތީމާ މިނިވަންކަން އޮންނާނޭ ވަރެވެ. އަބަދުމެ ދެއްކެނީ ލިއަމް ގޯސްކަމެއް ނުކުރާނެކަމެވެ. އޭނާ ހޭޒަލްދެކެ ލޯބިވާވަރު ނުވިސްނެނީ ހޭޒަލްއަށް ކަމެވެ.

ޚިޔާލުތަކަށް ގެއްލިފައި ނަޝާ ހުއްޓެވެ. އޭނާއާއި ހޭޒަލްއާ ދެމެދު ހީނުކުރާ ވަރުގެ ހުސްކަމެއް އަތުވެއްޖެކަން މިއެނގުނީ ކުއްލިއަކަށެވެ. އެހެންވިޔަސް އާ ދިރިއުޅުމެއް ފަށަން އުޅޭއިރު އެކަމުގައި ނަޝާ ބައިވެރިކޮށްފިއެވެ. މީ ހޭޒަލްއާ ގާތްކަން ބޭއްވޭނޭ ފަހުފަހަރޭ ނަޝާއަށް ހީވިއެވެ. އޭނާގެ ނަޒަރު ހޭޒަލްއާ އަމާޒުވެލިއެވެ. ހަމައެވަގުތު ދޮރޯށި ކައިރިއަށް ކާރެއް އައިސް މަޑުކޮށްލިއެވެ.

"ދަނީ! އައިމަންއާއި މަންމައަށް ސަލާމް!" ހޭޒަލް ދުރަށް ޖެހިލިއެވެ.

"ޒެއްލު!" ނިކަން އަވަހަށް ނަޝާ ގޮވާލިއެވެ.

"ޕާޓީއަށް އަންނާނަންތަ؟" ހޭޒަލް އަހާލިއެވެ. ލުއި ހިނިތުންވުމަކާއެކު ނަޝާ ބޯޖަހާލިއެވެ. ހޭޒަލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެދެމެދުގައި އޮތް ގުޅުން ކަނޑާލާފައި ހޭޒަލް ދަނީނޫންކަން ނަޝާއަށް އެ ހިނިތުންވުމުން ބުނެދިނެވެ. މަޑުމަޑުން ނަޝާއަށް ބޯޖަހާލެވުނެވެ. ހޭޒަލް ބޭނުންވަނީ ކޮންކަހަލަ އެކުވެރިއެއްކަން އޭނާ ބުނެދީފިކަން ނަޝާއަށް ވިސްނިއްޖެއެވެ.

"ޔާ ﷲ، ޒެއްލުގެ ދިރިއުޅުމުގައި ބަރަކާތްލައްވާށި! އަހަރެންގެ އެ އެކުވެރިޔާއަށް ދިރިއުޅުމުގައި އުނިވެފައިވާ ހުރިހާ އެއްޗެއް ދެއްވާންދޭވެ. ދާރިއަންއަކީ ހޭޒަލްގެ މައްޗަށްވާ ފިނިކަމެއްކަމުގައި ލައްވާދޭވެ! އާމީން!" ލޮލަށް ގެއްލެމުންދިޔަ ކާރާ ދިމާއަށް ބަލަން ހުރެފައި ނަޝާ ޙަމްދު އަޅައިފިއެވެ.

* * * * *

އިޝްވާގެ ކުލިނިކު ހުންނަ ބުލޮކުގައި ދާރިއަން ކާރު މަޑުކޮށްލިއެވެ. ފަރުވާތެރިކަމާއެކު ހޭޒަލްއަށް ބަލާލިއެވެ. އެ މޫނުން އެއްވެސް ކަމަކާ ސުވާލު އުފެދިފައި އިންހެން ހީނުވެއެވެ. ދާރިއަން ހައިރާންވީ އެހެންވެއެވެ. އޭނާގެ އެއްވެސް ކަމެއް ހޭޒަލް އެނގެން ޝައުގުވެރިނުވަނީއޭ ހިތަށް އެރިއެވެ. އެ ވިސްނުމާއެކު މެޔަށް ތަދުވިއެވެ. އޭނާއާ މެދު ހޭޒަލް ޝައުގުވެރިވާން އެދޭވަރު ﷲ ދެނެވޮޑިގެންވެއެވެ.

"އަހަންނާ އެއްވެސް ސުވާލެއް ނުކުރާނަންތަ؟" ދާރިއަން ވާހަކަދެއްކިއެވެ.

"ފެނުނު ކަންތަކާމެދުތަ؟" ހޭޒަލް ބަލާލިއެވެ. ދާރިއަން ބޯޖަހާލީއެވެ.

"އިޝްވާ!..." މަޑުމަޑުން އިޝްވާގެ ނަން ހޭޒަލް ކިޔާލިއެވެ.

"ޝީ އިޒް ފެމެލީ" ދާރިއަން ބުނި އެއްޗަކުން މިފަހަރު ހޭޒަލްގެ ލޮލުން ހައިރާންކަމެއް ފާޅުވެލިއެވެ. ދާރިއަންއަށް ބަލަން އިން ގޮތުން ހޭޒަލްގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓިއްޖެކަން ޔަގީނެވެ.

"ޕްލީޒް! ރުޅި ނާންނައްޗޭ! ދައްކަން ހުރީ މާ ރީތި ވާހަކަތަކެއްނޫން، ނުބުނެވި ލަސްކުރެވުނީ އެހެންވެ... އަހަންނަށް ކުރިއަކުން ނޭނގޭ އިޝްވާއަކީ ހޭޒަލްގެ ތެރަޕިސްޓްކަމެއް، އޭނާ ވެސް ނުބުނޭ... އަހަރެން ހޭޒަލްގެ ވާހަކަ ދެއްކުމުން އޭނާއަށް އެނގުނު، އެކަމަކު އަހަރެން ގާތު ނުބުނޭ އިޝް ކައިރިއަށް ހޭޒަލް އަންނަ ވާހަކައެއް، ޝީ އިޒް މައި ސިސްޓަރ، އަހަރެންގެ ޕްރޮބްލަމްތައް ހިފައިގެން އާދެވެނީ އޭނާގެ ގާތަށް، އަހަންނަށް ލިބޭ ހިތްނުތަނަވަސްވުންތައް ޚިއްޞާ ކުރެވޭ ފުރަތަމަ މީހަކީ އެއީ، އިޝް އަހަރެންގެ ވާހަކަ އަޑުއަހާ..." ދާރިއަން ލަސް ލަހުން ވާހަކަދެއްކިއެވެ. އޭނާ ބުނާ ކޮންމެ ބަހެއް ހޭޒަލްއަށް ދޭހަވާން އެދިގެންނެވެ. އޮޅިގެން ވެސް މަޤުޞަދު އޮޅިދާނޭ ފަދަ ލަފުޒެއް ބޭނުންނުކޮށް ވޭތޯ ވިސްނައިގެން އިނދެއެވެ.

އެމީހުންގެ އިންތިޒާރުގައި އިޝްވާ އެބަހުރިކަން ދާރިއަން ބުންޏެވެ. ހުރިހާ ވާހަކައެއް ތިންމީހުން ތިބެގެން ދެއްކުންކަން ރަނގަޅުވާނީ ދާރިއަން ބުންޏެވެ. ހޭޒަލް ވަކި އެއްޗެއް ނުބުނި ނަމަވެސް އޭނާ ވެސް އިނީ ސުވާލު އުފެދިފައެވެ. އިޝްވާއަކީ ދާރިއަންގެ ޢާއިލާ މީހަކޭ ބުނާތީއެވެ. ދާރިއަންގެ ޢާއިލާގެ ތެރެއިން ދުވަހަކުވެސް ހޭޒަލްއަށް އިޝްފާ ފެނިފައެއްނެތެވެ. އޭނާ ހިމޭނުން އިނީ އިޝްވާގެ ގާތަށް ދެވުމުން ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނޭކަން ޤަބޫލުކޮށްލައިގެންނެވެ.

ކާރުން ފައިބައިގެން އައިސް އިޝްވާގެ ކުލިނިކަން ވަންއިރު ދާރިއަންގެ ހިތްވަނީ އަވަސްވެފައެވެ. ހޭޒަލްގެ ނިންމުން އަންނާނޭ ގޮތެއް ނޭނގޭތީއެވެ. އޭނާ އެމީހުން ދައްކާ ވާހަކަ ޤަބޫލުނުކޮށްފާނޭތީއެވެ. ދުރަށް ވިސްނަން ދާރިއަންއަށް މަޖުބޫރުވީ އެހެންވެއެވެ. ދެ ޒުވާނުން އައިސް އިޝްވާގެ އޮފީސް ކުރިމަތީ މަޑުކޮށްލިއެވެ. ދޮރުގައި ޓަކިދިނީ ދާރިއަންއެވެ.

"ވަދޭ!" ދޮރުމަތީ ތިބި ދާރިއަންއާއި ހޭޒަލް ފެނުމުން އިޝްވާ ބުންޏެވެ.

އެ ދެމީހުން ވަދެގެން އައިސް އެތަނުގައި ހުރި ސޯފާގައި އިށީނެވެ. އިޝްވާ ހަމަޖެހިލީ އާދައިގެ މަތިން އޭނާ އިންނަ އެކަކަށް އިށީނދެވޭނޭ ސޯފާގައެވެ. އޭނާގެ ނަޒަރު ވަކިވަކިން ދާރިއަންއާއި ހޭޒަލްއަށް ދަތުރުކޮށްލީ ލަސް ގޮތަކަށެވެ.

"ކީކޭ ދާރިއަން ބުނީ؟" އިޝްވާ ސުވާލުކުރީ ހޭޒަލްއަށެވެ.

"ޔޫ އާ ހިޒް ފެމެލީ" ޔަގީންނުވާ ކަހަލަ ގޮތަކަށް ހޭޒަލް ބުންޏެވެ.

އިޝްވާ ބޯޖަހާލީއެވެ. އެއަށްފަހު އޭނާ ވާހަކަދެއްކިއެވެ. ދާރިއަންއަށް އެއްވެސް ކަމެއް ކުރިން ނޭނގޭކަމެވެ. އިޝްވާގެ ވާހަކައިގެ ތެރެއަށް ދާރިއަން އިތުރުކުރިއެވެ. އެ ކުލިނިކުން ރިޒްވާނާ ދިމާވެފައިވާކަމެވެ. ހޭޒަލް ބުރުގާ އެޅިކަން ނޭނގޭތީ ކައިރިން އަޅާފައި ދާއިރު ވެސް ދާރިއަން ނޭނގި ހުރެވުނުކަން އޭނާ ބުންޏެވެ. އޭގެ ފަހުން ދާރިއަންއަށް ހޭޒަލް އެނގި ދިރިއުޅުން ހަލާކުވިގޮތް އެނގެން އޭނާ ބޭނުންވީއެވެ. އެކަމާ ސުވާލުކުރިޔަސް އިޝްވާ ސިއްރު ހިފެހެއްޓިއެވެ. އިޝްވާ ކައިރިން ކަމެއް ނޭނގޭނެތީ އެ އޮފީހަށް ވަދެ ހޭޒަލްގެ ފައިލުތައް ދާރިއަން ބެލީކަން ބުންޏެވެ. ހޭޒަލްގެ ފަރާތުން ސިހުންފެނުނީ ދެނެވެ. އޭނާ ދާރިއަންއަށް ބަލާލާފައި އިޝްވާއަށް ނަޒަރު ހުއްޓާލިއެވެ. އެ ދުވަހު ކަންތައްވީގޮތް އިޝްވާ އަނެއްކާ ވެސް ތަފްސީލުކޮށްދިނެވެ. އެތަނުގެ ސްޓާފުންނަށް ވެސް އެކަން އެނގޭކަން އިޝްވާ ބުންޏެވެ. ކުލިނިކުގެ ކެމެރާތަކުގައި ރިކޯޑްވެފައި އެބަހުރިކަމާއި ހޭޒަލް ބޭނުންވާނަމަ ދައްކާނަންކަން އިޝްވާ ޔަގީންކޮށްދިނެވެ.

"އަހަންނަކީ ކިހިނެއް ލިބިފައި ހުރި ކުއްޖެއްކަން ހޭޒަލްއަށް މިހާރު އެނގޭނެ، ދާރިއަންގެ ޢާއިލާއަށް އަހަރެން އެނގޭނެ، ހޭޒަލްގެ ޢާއިލާއަށް ވެސް އަހަރެން އެނގޭނެ، ދާރިއަން މިހުރިހާ ވާހަކައެއް ހޭޒަލްއަށް ކިޔާނުދޭއިރު ރަންކިއުމުގެ ޙަފުލާއަށް އަހަރެން ދިއުމުންވާނީ ކިހިނެއް؟... ދާރިއަންގެ ޢާއިލާއިން އަހަރެންނާ ސުވާލުކުރާނެ، ހަމައެގޮތަށް ހޭޒަލްގެ ބައްޕަ ވެސް އަހަންނާ ސުވާލުކުރާނޭކަން ޔަގީން، އަހަރެން ވަޢުދުވީމެންނު ހޭޒަލްގެ ކައިވެންޏަށް ދާނަމޭ... އަހަރެން އެއްވެސް ކަމެއް ހޭޒަލްއަށް އޮޅުވައެއްނުލަން، އަހަރެން ހޭޒަލްގެ ސިއްރުތައް ހިފެހެއްޓިން... ތީ ގާތް ކުއްޖެއްގެ ގޮތުގައި އިޙްސާސް ކުރެވޭ" އިޝްވާގެ ހަރަކާތުން ވެސް އޭނާ ދައްކާ ވާހަކަ ޔަގީންކޮށްދޭން މަސައްކަތްކުރިއެވެ.

"ހޭޒަލް..." ދާރިއަން އެނބުރިލިއެވެ. ހޭޒަލްއާ ކުރިމަތިވާނޭ ހެންނެވެ.

"އަހަރެން ޑިވޯސްވީ ކީއްވެކަން އެނގެން ބޭނުންނުވީ އެކަން ކުރިން އެނގިފަ އޮތީމަ ދޯ" ހޭޒަލްގެ އަޑުގައިވީ އަސަރު ދެނެގަންނަން ދާރިއަން މިފަހަރު ނުކުޅެދުނެވެ. އެއަށްވުރެ އޭނާގެ ހިތާއި ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ.

"މާޒީއަކި މުހިންމު އެއްޗެއްނޫނޭ އަހަރެން ބުނީމެންނު، ހޭޒަލްގެ ހިނިތުންވެފައި ހުންނަ މޫނު ދުށުމަށް އަހަރެންވަނީ ވަނީ އާދަވެފައި، އެ ހިނިތުންވުން ނެތިގެންދިޔައީ ކީއްވެކަން ނުބަލާ ހުންނާނީ ކިހިނެއް؟. އަހަރެން ވިސްނާވިސްނާ ބޯގޮވާވަރުވި، ކެތްނުކުރެވިގެން އައިސް އެހެރަ ކެބިނެތް ހުޅުވީ... އެއީ އަހަރެންގެ ހަޔާތުގައި ކުރި ހަމައެކަނި ވައްކަން، އަހަންނަށް ހުރިހާކަމެއް އެނގެއޭ ބުނެފިނަމަ ހޭޒަލްއަށް ވާނޭ ގޮތަކާމެދު އަހަރެން ބިރުގަތީ... އަހަންނަށް އެނގޭ... އިޙްސާސް ވެސް ވޭ... އަހަރެންގެ ހިތުގައި ހިނގާފަދަ ވަރުގަދަ ޖަޒުބާތެއް ތިހިތުގައި ނެތްކަން ވެސް އެނގޭ، ކުއްލިއަކަށް މީހަކުދެކެ ލޯތްބެއް ނުވެވޭނެކަން އަހަރެން ޤަބޫލުކުރަން... ހޭޒަލް ޕްލީޒް! އަހަރެން ދުވަހަކުވެސް ކަމަކާ މިހާ ޔަގީންނުވޭ، އަހަރެންވާ ލޯބި އެހެންމީހަކަށް ސާބިތެއްނުކޮށްދެވޭނެ، އަހަރެން ހޭޒަލް ބޭނުންވަރު އަހަރެންގެ ޢަމަލާއި ބަހުން އިޙްސާސްކޮށްދޭނަން، ﷲގެ މަގުގައި އަހަރެން ސާބިތުވާނަން، އިންޝާﷲ ހޭޒަލް އެދޭ ފަދަ ފިރިއަކަށްވުމަށް ގަދައަޅާ މަސައްކަތްކުރާނަން... ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ފުރުޞަތެއް، އަހަންނާއެކު ދިރިއުޅުން ފެށުމުން އަހަރެންގެ ގޮތް ހޭޒަލްއަށް އެނގޭނެ" ދާރިއަން ހީވަނީ ހޭޒަލްގެ ދެފައި ބުޑަށް ވެއްޓި އާދޭސްކުރަން ޖެހުނަސް ތައްޔާރަށް ހުރި ހެންނެވެ.

އިޝްވާއާއި ދާރިއަން ދެއްކި ވާހަކަތައް ހޭޒަލްއަށް ޤަބޫލުކުރެވެއެވެ. އެހެންވިޔަސް ހިތްނުތަނަވަސްވީ ލިއަމްގެ ޢަމަލުތަކާއި އޭނާގެ އުޅުން ދާރިއަންއަށް އެނގުނީމައެވެ. ހޭޒަލްއަށް ވެސް ޔަގީންވާކަމަކީ މީހެއްގެ ގޮތް އެނގޭނީ އޭނާއާއެކު ދިރިއުޅެން ފެށީމައެވެ. ދާރިއަން އެދޭ ފުރުޞަތު އޭނާއަށް ދިނުމަށް ހޭޒަލްވަނީ މާކުރިން ނިންމާފައެވެ.

އިޝްވާގެ ކުލިނިކުން ނުކުމެގެން އައިސް ދާރިއަންގެ ކާރަށް ހޭޒަލް އެރިއެވެ. ކައިވެނި ކުރެވޭ ވަގުތު އިޝްވާ ހުންނާނޭ ކަމުގެ ޔަގީންކަން އޭނާ ހޭޒަލްއަށް ދިނެވެ. ނަފްސާނީ ބަލިކަށިކަމެއްގެ ޝިކާރައަށް ހޭޒަލްވީކަން ޢާއިލާއަށް އެނގެން ދާރިއަން ބޭނުންނުވާކަން ހާމަކުރިއެވެ. އިޝްވާއަކީ އޭނާގެ ޑަކްޓަރުގެ ބަދަލުގައި އޭނާގެ ރައްޓެއްސެއްގެ ގޮތުގައި ޢާއިލާއަށް އެނގެން ދާރިއަން ބޭނުންވިއެވެ.

އިރުއޮއްސި މަޣްރިބު ނަމާދަށް ގޮވިއިރު ދާރިއަންގެ ކާރު އައިސް ހޭޒަލްމެންގޭ މަގަށް ވަނީއެވެ. ހޭޒަލްގެ އެދުމަށް ޕާކިން ސަރަޙައްދުގައި ކާރު މަޑުކޮށްލިއެވެ. ހޭޒަލް ވާހަކައެއް ދައްކަން ބޭނުންވަނީ ދާރިއަން ދެނެގަތެވެ.

"އަހަރެން ވަގުތު ބޭނުންވޭ... ކިހާ މުއްދަތެއްކަމެއް ނޭނގެ، ދާރިއަންއަށް ކެތްކުރެވޭނެތަ؟" ހޭޒަލް އަހާލީ މަޑުމައިތިރިކަމާއެކުއެވެ.

"އެއްވެސް އިންސާނަކަށް އަހަރެން ކެތްކުރިވަރަށް ކެތްކުރެވޭނެހެން ހިޔެއްނުވޭ، އަހަންނަށް ހޭޒަލް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ލޯބިވެވުނޭ ބުނީމެންނު... އަހަރެންގެ އެއްވެސް ކަމަކާ ހޭޒަލް ސުވާލެއްނުކުރޭ، ފުރަތަމަ ފެނުނީ ކޮންތާކުންކަން އެނގޭތަ؟ ބަނޑޮހުން... އަންހެން ގުރޫޕަކާއެކު ރޭގަނޑު ގަޑީގަ، ވަރަށް ބޮޑު ޝޯއެއް އޮތް ރެޔެއް، ހަނދާންވޭތަ؟ ސަކަރާތްބޮޑުވެގެން ބީޗު ގޮނޑިއާ ދިމާއަށް ހޭޒަލް ވެއްޓެން އައި، އަތުގައި ހުރި ފިނިފެންމާތަކުން އަހަރެންގެ މޫނުގައި ޖެހުނީތީ އަހަރެންގެ އުނގަށްވެއްޓުނު ކުއްޖާގެ މޫނެއް ނުފެނުނު، އޭނާ ސޮރީއޭ ބުނެ ނިކަން އަވަހަށް ތެދުވެއްޖެ، އެކުވެރިންނާ ދިމާއަށް ކުދިކިޔަމުން ފަސްއެނބުރި ބަލާލުމެއްނެތި ދިޔައީ، އެރޭ އެއީ އަންހެންކުއްޖެއްގެ ފަރާތުން ފުރަތަމަ ފިނިފެންމަލެއް ލިބުނު ރޭ، ގަސްދަކާނުލާ ވިޔަސް އެރޭ އެ އަންހެންކުއްޖާގެ އަތުން ފިނިފެންމަލެއް އަހަންނަށް ދެވުނުކަމެއް އޭނާ ނުދެނަހުރި، ހޭޒަލް ހަނދާން އެބަހުރިތަ؟" ދާރިއަންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

ހޭޒަލްއަށް އެ ހަނދާންތައް އާވިއެވެ. ސްކޫލް ނިންމާފައި ގުރޫޕު އެންމެން ރިސޯޓަށް ދިޔައީ މަޖާކޮށްލާށެވެ. އެ ދަތުރު ނިންމާފައި އެމީހުން ފުރީ ކެލައަށެވެ. އޭނާގެ ފަހަތުން ލިއަމް އެރަށަށް ދިޔައީއެވެ. އޭނާއާ ލިއަމް ގުޅުނީ އޭރުއެވެ.

"އަހަންނަށް ހޭޒަލްގެ އަޑު ފުރަތަމަ ވެސް ކަމުދިޔައީ، އަނެއްދުވަހު ފާލަންމަތިން ތި ގުރޫޕު ފެނުނީ، އެމީހުން ހޭޒަލްއާ ދިމާކުރާއަޑު އެހިން، އަހަރެންގެ އުނގަށްވެއްޓުނީ ހޭޒަލްކަން އެނގުނީ އެހެންވެ... އިރުގެ އަލިކަމުގައި ތި ސޫރަ ފެނުމުން އަހަރެންގެ ހިތަށް ކުޅަދާނައެއްނުވި، ހޭޒަލް ބަލައިގަތީ އަހަރެންގެ އިޒުނައެއް ހޭޒަލްގެ އިޒުނައެއް ވެސް ހޯދުމެއްނެތި، އެ ދުވަހުން ފެށިގެން އަހަންނަށް ހޭޒަލް ނޫން އަންހެންކުއްޖަކު ކަމުދާގޮތެއްނުވި، ފާލަންމަތިން އަހަރެމެން ދެމީހުން ވާހަކަދެއްކީމެންނު، ހޭޒަލްއަށް އަނެއްކާވެސް މަޢާފަށް އެދުނީމެންނު... ދުރުދުރުން ފެށުނު ރަޙުމަތްތެރިކަން ގާތްވާނޭ ފުރުޞަތެއް އަހަންނަށް ނުދިން، އަހަރެމެން ދެން ބައްދަލުވީއިރު ތީ މީހެއްގެ އަނތްބެއް، އެހެންވެ ދެމީހުންނަކީ އެކުވެރީންނަށްވެ ނިމުނީ، އަހަރެންގެ އިޙްސާސްތައް ހޭޒަލްއަށް އެނގުނަ ނުދިނީ އެހެންވެ، ހޭޒަލްގެ ހިނިތުންވުން ދިރިއުޅުމުގެ އުފާވެރިކަން އަހަންނަށް ބުނެދޭ، ހޭޒަލް އުފަލުގަ ހުރުން އަހަންނަށް މުހިންމީ، އޭރުއްސުރެ އަހަރެން ކުރަމުން އައީ ކަމަކީ ކެތްކުރުން" ދާރިއަންގެ ހިނިތުންވުން ފަނޑުވެގެން ނުދެއެވެ. އޭނާގެ ލޮލާ ލޯ އަމާޒުކޮށްލައިގެން އިން ހޭޒަލްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

"އައި އޭމް ސޮރީ... އަހަންނަކަށް ނޭނގެ ދާރިއަން ބޭނުންވާ ކަހަލަ އަނތްބަކަށް އަހަންނަށް ވެވޭނޭ ކަމެއް" ހޭޒަލް ބުނެލިއެވެ.

"ޖަސްޓް ބީ ޔޫ، އެވަރުން އަހަންނަށް ފުދޭނެ، އިންޝާ ﷲ! ވަގުތަކީ ޝިފާއެއް، ހިތްތަކުގައިވާ ކަންކަން އެނގޭ ފަރާތުން އެ ހިތްތައް ބަދަލުކުރެއްވުމަށް ކުޅަދުންވަންތަ" ހޭޒަލްގެ ކޮނޑުގައި ދާރިއަން ފިރުމާލިއެވެ.

"އައި ވިލް ބީ ވެއިޓިންގް، ކައިވެނި ހެދުމުގާ އަހަންނަށް ޓަކައި ހޭޒަލް ފަރިވެގެން އަންނާނެ ވަގުތަށް، ދުނިޔެމަތިން އުންމީދުނުކުރާ އުފާވެރިކަމާއި ހިތްހަމަޖެހުން ހޭޒަލް އަހަންނަށް ދީފި، ހަމައެކަނި އަހަންނާ އިންނަން ޤަބޫލުވީމަ" ދާރިއަންގެ ހިނިތުންވުން ފުޅާވެލިއެވެ.

"ދާރިއަންގެ މައްޗަށް އިންސާފުވެރި އަތންބަކަށް ނުވެވިދާނެތީ އަހަރެން ބިރުގަނޭ" ހޭޒަލް ބުންޏެވެ.

"ކައިވެނި ވެވުނީމާ ހުރިހާކަމެއް ވެސް ރަނގަޅުވާނޭކަމަށް ޤަބޫލުކުރޭ، ތީ އަހަރެންގެ އަނތްބަކަށް ވިޔަސް ހޭޒަލް ނުރުހޭގޮތަކަށް އަހަރެންގެ ޢަމަލުތަކެއް ނުބުހައްޓާނަން، ނުރުހުމުގައި ތިހަށިގަނޑަކު ނުބީހޭނަން، އެކަމާ ހޭޒަލް ބިރުނުގަނޭ" ހޭޒަލް ބުނަން ބޭނުންވެ ނުބުނެވިގެން އުޅެނީ ކީކޭކަން ދާރިއަން ހާމަކުރިއެވެ. އެ ދެ ލޮލަށް ބަލަން އިނދެ އެބަހުގެ ޔަގީންކަން ހޭޒަލްގެ ހިތާއި ޟަމީރު ޤަބޫލުކުރިއެވެ.

(ނުނިމޭ)