ހަބަރު

ބޯހިޔާވަހި ކަމެއް ނެތް މާލޭގެ މީހުންނަށް ހިލޭ ފްލެޓް ދޭނަން: އަލްހާން

Mar 8, 2020
6

މާލޭގެ މޭޔަރު ކަމަށް ހޮވި ވަޑައިގެންފި ނަމަ ގެދޮރު ބޭނުންވާ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި ޖެހިގެން ތިބި މީހުންގެ ތެރެއިން ގެދޮރުނެތް ފަރާތްތަކަށް ހިލޭ ފްލެޓް ދޭނެ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލްހާން ވިދާޅުވީ މީގެ ކުރިން މާލެއިން ގޯތި ދޫކުރީ ހިލޭ ކަމަށާއި މާލެ ތޮއްޖެހުނުކަން އެނގުމުން ފްލެޓްތައް އަޅާ ވިއްކުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށެވެ.

"ދައުލަތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުންދާ ގޮތަކީ ދައުލަތުގެ ބަންޑާރަ ބިން ކަޑަ ޖަހާފަ މި ދެނީ މީހަކަށް. ދިނީމަ އެމީހާގެ ނަމުގަ އެ ގޯތި ރަޖިސްޓްރީ މި ކުރަނީ. ދެން އޭނާ އެތާނަގަ 10 ބުރި އަށް އެޕާޓްމަންޓް ހަދާފަ ހިތަށް އެރި އަގަކަށް ކުއްޔަށް މިދެނީ. މިހެންގޮސް މާލެ ތޮއްޖެހިގެން އޭރުގެ ސަރުކާރުން ގޯތި ދިނުން ހުއްޓާލީ. ހުއްޓާލާފަ ފްލެޓް އަޅަން ފެށީމަ އެކަން މާމޮޅުކަމަކަށްވެގެން އެކަން ކުރަމުން އައީ. އެ ފްލެޓްތައް އަޅަފަވެސް އެއްކަލް ބޯހިޔާވަހިކަން ނުލިބޭ މީހާއަށް މި ވިއްކަނީ މަރުވަންދެން ފައިސާ ދެއްކިޔަސް ހަލާސް ނުވާ ވަރަށް. އެކަމަކު ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހާއަށް ގިނަ ފަހަރު ނުލިބިފަ އޮންނަނީ. އެހެންވީމަ މިއީ އިންސާފްވެރތިގޮތެއް ކަމަށް ގަބޫލެއް ނުކުރެވޭ." އޭނާ ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން އަތޮޅުތަކަށް ގެންނަންޖެހޭ ތަރައްގީ މާލެއަށް ގެނެސް މާލެ ތޮއްޖެއްސުމަށް ކުރި މަސައްކަތުން މާލޭ ދަފްތަރެއް އުފެއްދި ކަމަށާއި އަދި ދަފްތަރުގައި ޖެހޭ މީހުންނަށް ގެދޮރު ލިބޭނެ ގޮތް ހެދި ކަމަށެވެ. ނަމަވެސް ސަރުކާރުން އަޅާ ފްލެޓްތައް ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށްދިނީ ފައިސާ ނަގައިގެން ކަމަށާއި މިއީ ބޭއިންސާފުން ކުރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ރައްޔިތުން ބޯހިޔާވަހި ކުރުމުގެ ބޭނުގައި އަޅާ ފްލެޓްތައް ދެ ރުފިޔާއަށް ނަމަވެސް ވިއްކާ ކުއްޔަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަލްހާން ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ ބިން އޮތް ގޮތަކުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގައި ފްލެޓް އެޅުމަށްފަހު ދަފްތަރު އުވާލައި އޭގެ ރެޖިސްޓްރީގައި ތިބި މީހުންނާއެކު މާލެއިން ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް ހިލޭ ފްލެޓްތައް ދޭނެ ކަމަށެވެ. އަދި އެމީހެއްގެ ނަމުގައި އެ ފްލެޓް ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއްބަޔަކަށް ހިލޭ ބަންޑާރަ ގޯތި ދީފައި އަނެއްބަޔަކަށް ފްލެޓް ވިއްކާނަމަ ދައުލަތުން ބޮޑެތި ލޯނު ނަގައިގެން ފްލެޓް އެޅުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

އަލްހާން ވިދާޅޫވީ ރާއްޖެއިން ބޭރުގެ އެހީ ހޯދައިގެން ބްރިޖްފަދަ ތަންތަން އެޅުމުގެ ބަދަލުގައި އެ ލޯނު އެހީ ނުވަތަ ހިލޭ އެހީގެ ދަށުން ރައްޔިތުންނަށް އަގަކާ ނުލައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މާލޭގައި 3000 ފްލެޓް އަޅާއިރު އަތޮޅުތަކުގައިވެސް ބޯހިޔާވަހިކަން ނުލިބި ބަޔަކު އުޅޭކަން ދަނެ އެ ފަރާތްތަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމައެއް ކަމަށެވެ.

އަލްހާން ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ނިންމާފަ އެވެ.