ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފޯކައިދޫ ރައްޔިތުން ޕެނިކް ވާން ޖެހޭ ހާލަތެއް ނެތް: މިނިސްޓަރު

ށ. ފޯކައިދޫ އާއި ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތުން ޕެނިކްވާން ޖެހޭ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޅ. ކުރެއްދޫ ރިސޯޓްގައި ތިބި ދެ ބިދޭސީއަކު މުވައްޒަފަކު ކޮރޯނާ ވައިރަސްއަށް ޕޮޒިވްވެފައިވާއިރު، ފޯކައިދޫގައި ހުރި އެ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފޯކައިދޫ އިން ކުރެއްދޫ ރިސޯޓްގެ މުވައްޒަފު ވައިރަހުގެ އަލާމާތުގެ ފާހަގަ ކުރެވުމާއެކު އައިސޮލޭޝަންގައި ބާއްވައި ކަންކަން ބަލަމުންދާ ކަމަށެވެ. އެ މުވައްޒަފު ކަރަންޓީނަށް ގެންދަން ނިންމީ ކުރެއްދޫން ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވެ ތިންވަނަ ދަރަޖާގައި ހާލަތު ހުރި ކަން ފާހަގަ ކުރެވުމުން ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ތިބި ސިއްހީ މުވައްޒަފުންނަށް އެ ކަމުގެ ތަމްރީން ވެސް ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޕެނިކް ވާނެ ހާލަތެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ހިސާބެއްގެ ރައްޔިތުން މި ވަގުތަށް ޕެނިކް ނުވެ ކަންބޮޑުނުވެ ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ސިއްހީ އިދާރާތަކުގެ އިރުޝާދު ތަކާ އެކު ކުރިއަށް ދިއުން ވަރަށް މުހިއްމު. ރާއްޖޭގެ ކޮންމެ ރަށެއް ވެސް ތައްޔާރީ ހާލަތުގައި އޮތީ، ފޯކައިދޫ ރައްޔިތުން ވެސް ޕެނިކް ވާން ޖެހޭ ހާލަތެއް ނެތް،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ވައިރަސް އިތުރަށް ފެތުރިގެން ނުދިއުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާާޅުވި އެވެ. މި ގޮތުން ކުރެއްދޫން ޕޮޒޒިޓިވްވެފައިވާ ދެ މީހުންނާ ގުޅުން ހުރި މީހުނާއި ކޮންޓެކްޓްވެފައިވާ ކަމަށް ބެލެވޭ މީހުނާއި އަލާމާތް ފެންނަ މީހުން ބަލައި ޓެސްޓްކުރުމުގެ އިތުރުން އިތުރަށް ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން ގެންދާ ކަމަށް އޭނާ އަމީން ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ސާމްޕަލް ނަގައި މިހާރު ޓެސްޓުގެ ނަތީޖާ ލިބިފައި ނުވާ ދެ މީހަކުވާ ކަމަށާއި އެ ދެ މީހުންނާއި ފޯކައިދޫން ވައިރަސްއަށް ޝައްކު ކުރެވުނު ފަރާތުގެ ޓެސްޓުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަންގެ މަސައްކަތުގައި ތިބި މީހުނާއި މުވައްޒަފުން ހިމެނޭ ހެން އިތުރު 420 ބިދޭސީން އެބަތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ކޮރޯނާއާ ގުޅިގެން ފަރުކޮޅުފުށީގެ އިތުރުން އާރަށާއި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ވަނީ ކަރަންޓީނު ސެންޓަރެއް ގާއިމުކޮށްފަ އެވެ. ވިލުވަރުގައި ގާއިމް ކުރި އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ.