ކ. ރަށްފަޅު ހުރާ، ހިއްކައިގެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިން ރިސޯޓެއް ތަރައްގީ ކުރަމުން އެބަދެ އެވެ.
"ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް" ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓަކީ ދަ ރިޓްޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އަދި މިއީ ދުނިޔޭގެ އެންމެ މަޝްހޫރު އެ ބްރޭންޑުގެ ރާއްޖޭގެ ފުރަތަމަ ރިސޯޓަށް ވެސް ވާނެ އެވެ.
ރަށްފަޅު ހުރާ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.
ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައި މަތީ ފަންތީގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް 90 ވިލާ ހުންނާނެ އެވެ. މީގެ އިތުރުން މިތަން ތަރައްގީކޮށް ނިމޭއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ކެއުންތައް ލިބޭނެ އެވެ. މިތަނުގައި އިޓާލިއަން ރެސްޓޯރެންޓަކާއި ޗައިނީޒް އަދި ޖަރުމަނިވިލާތުގެ ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް ހުންނާނެ އެވެ. އަދި މިތަނުގައި ފަރިމެރީނާގެ ގޮތުގައި ޔޮޓު ބަނދަރެއް ވެސް ހަދާނެ އެވެ.
ފަރި އައިލެންޑް ފަރުމާކޮށްފައި ވަނީ ބްރެޒިލްގެ ފަރުމާ ކުރުންތެރިއެއް ކަމަށްވާ މާސިއޯ ކޯގަން އެވެ. މި ރިސޯޓު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވަނީ މި އަހަރުގެ ފަހު ކޮޅު އެވެ.
ރަށްފަޅު ހުރާ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. މުޅި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ރަށުގައި ތަފާތު ތިން ގިންތިއެއްގެ ރިސޯޓުތައް ހިންގާނެ އެވެ. މި މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.
ރަށްފަޅު ހުރާ މަޝްރޫއު ކުރުކޮށް
- ހުޅުވަނީ ދަ ރިޓްޒް ކާލްޓަންގެ ރިސޯޓެއް
- ޖުމްލަ 90 ވިލާ ހުންނާނެ
- ތަފާތު ތިން ގައުމެއްގެ ރެސްޓޯރެންޓްތައް
- މަސައްކަތް ފެށީ 2017 ވަނަ އަހަރު
- މަޝްރޫއުގެ އަގު 500 މިލިއަން ޑޮލަރު
- ޔޮޓު ބަނފަރެއްވެސް ހިމެނޭ
ފަރި އައިލެންޑް ތަރައްގީ ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 50 މިނެޓުން ލޯންޗުގައި ދެވޭ ރާސްތާގަ އެވެ.
މި ރިސޯޓު ހުޅުވުމުން މި މަޝްރޫއު ވެގެންދާނީ މިގޮތަށް އިންޓަގްރޭޑެޓް ޓޫރިޒަމް ކޮންސެޕްޓްތައް ހުޅުވާ ދެވަނަ ރިސޯޓަށެވެ. މި ކޮންސެޕްޓަށް މިހާތަނަށް ހުޅުވާފައިވަނީ އެނބޫދޫ ފަޅުގައި ހަދާފައިވާ ކްރޮސް ރޯޑް މޯލްޑިވްސް އެވެ.