ލައިފްސްޓައިލް

"ބެސްޓް މަމީ" އެވޯޑް ފިރިހެނަކަށް!

ދުނިޔޭގެ އެންމެ ރަނގަޅު މަންމަގެ އެވޯޑު ފިރިހެނަކަށް ލިބިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ވަރަށް ގިނަ މީހުން މިކަމާ އެއްބަސް ނުވާނެކަން ޔަގީނެވެ. ނަމަވެސް މިއަހަރުގެ އެންމެ ރަނގަޅު މަންމަގެ އެވޯޑު ހައްގު ވަނީ އިންޑިއާގެ ޕޫނާގައި ދިރިއުޅޭ އަދިތުޔާ ތިވާރީ އަށެވެ. އޭނާ ވަނީ 2016 ގައި ޑައުން ސިންޑްރޯމް ކުއްޖެއް އެޑޮޕްޓްކޮށް އެ ކުއްޖާ ވަރަށް ރަނގަޅަށް ބަލަހައްޓާފަ އެވެ.

ބެންގަލޫރުގެ ވެމްޕަވާގައި ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ދޭ "ވޯލްޑްސް ބެސްޓް މަމީ" ގެ އެވޯޑު ލިބޭ އެކަކީ މި ފިރިހެންމީހާ އެވެ. މީނާއާއެކު އިންޑިއާގެ ވަރަށް ގިނަ އަންހެނުންނަށް މި އެވޯޑު ލިބެ އެވެ. މި އިވެންޓްގައި އޮންނަ ޕެނަލް ޑިސްކަޝަން އެއްގައި ވެސް އަދިތުޔާ ބައިވެރިވާނެ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އަދިތުޔާ ބުނި ގޮތުގައި ދުނިޔޭގެ އެންމެ ރަނގަޅު މަންމަގެ އެވޯޑު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބެލުމުގައި އޭނާއަށް ކުރެވެމުންދާ ތަޖުރިބާތައް މި އިވެންޓްގައި އޭނާ ދުނިޔެއާ ހިއްސާކުރާނެ ކަމަށް ވެސް އަދިތުޔާ ބުންޏެވެ.

މި ކުއްޖާ ބެލުމުގެ މަސައްކަތް އަދިތުޔާ ކުރަނީ އެކަންޏެވެ. ސަބަބަކީ އޭނާއަކީ ކައިވެންޏެއް އަދި ނުކުރާ މީހަކަށް ވާތީ އެވެ.

އަވިނީޝް ކިޔާ 22 މަހުގެ މި ކުއްޖާ އެޑޮޕްޓް ކުރިއިރު އަދިތުޔާ އަކީ ސޮފްޓްވެއާ އިންޖިނިއަރެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. ނަމަވެސް ދަރިފުޅު ބެލުމުގެ ޒިންމާއަ ހަވާލުވެ އޭނާ ވަޒީފާ ދޫކޮށްލީ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ހިތްވަރާއި އުންމީދު ދިނުމަށް ޚާއްސަކޮށްގެން މޯޓިވެޓިން ކައުންސެލިން ދިނުމުގެ މަސައްކަތް އަދިތުޔާ ފެށީ އެވެ. މި މަސައްކަތް އިންޑިޔާގެ އެކި ހިސާބުތަކުގައި އޭނާ ކުރިޔަށް ގެންދެ އެވެ.

މި ބައްޕަ އާއި ދަރިފުޅު މިހާތަނަށް އިންޑިއާގެ 22 ސްޓޭޓަކަށް ޒިޔާރަތް ކޮށްފައި ވެއެވެ. އަދި އެ ސްޓޭޓްތަކުގައި މީޓިންތަކާއި ވޯކްޝޮޕްތައް އަދި ކޮންފަރެންސްތައް ބާއްވައި 400 އަށް ވުރެ ގިނަ ލޮކޭޝަންގައި ވާހަކަ ދައްކާފައި ވެއެވެ.

އޭނާ ބުނި ގޮތުގައި ދުނިޔޭގެ 10،000 އަށް ވުރެ ގިނަ މައިންބަފައިންނާ އޭނާއާ ގުޅުން އޮވެ އެވެ. އަދި އޭނާއަށް މިހާރު ވަނީ އދ. އިން ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމުގެ ދައުވަތު ވެސް ވަނީ ލިބިފަ އެވެ. ޚާއްސަ އެހިއަށް ބޭނުންވާ ކުދިންގެ ތެރެއިން ވިސްނުމުގެ ގާބިލްކަން ކުޑަ ކުދިން ގެންގުޅެ ތަރުބިއްޔަތުކުރާނެ ގޮތް އޭނާ މި ކޮންފަރެންސްގައި ކިޔައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.