ލައިފްސްޓައިލް

ނުފުއްދޭ ކަހަލަ ވައުދު ދަރިންނަށް ވަންތަ؟

ވަރަށް ގިނަ މައިންބަފައިން އަމިއްލަ ނަފްސު ކުށްވެރިކުރާ އެއް ކަމެއް އޮވެ އެވެ. ކުދިން ހައްދާލަން ވެގެން ފުރިހަމަ ކޮށް ނުދެވޭ ކަހަލަ ކަންތައްތައް ކޮށްދޭން ވައުދުވުމާއި ބިރު ދެއްކުމެވެ. އެ ދައްކާ ބިރަކީ ފޭކެއް ނަމަވެސް އެ ވަގުތުކޮޅު ކުއްޖާ ބަސް ގަބޫލު ކުރޭތޯ ވަރަށް ގިނަ މީހުން މިކަން ވެސް ކުރެ އެވެ. މިއީ ވަކި ބަޔަކު ކުރާ ކަމެއް ނޫނެވެ.

އަހަރެމެންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ މި ކަންތައް މިހެން ކުރެވޭކަން ގަބޫލުކުރަން ޖެހޭނެ އެވެ. އެއީ ކިތަންމެ ރަނގަޅަކަށް ދަރިން ތަރުބިއްޔަތު ކުރަން މަސައްކަތް ކުރާ ބަޔަކަށް ވިޔަސް އެމީހުންނަށް ވެސް ދޮގެއް ހަދާލަން ޖެހޭ އަދި ބިރެއް ދައްކާލަން ޖެހޭ ހާލަތެއް މަދުން ނަމަވެސް ދިމާނުވެއެއް ނުދާނެ އެވެ.

ރެސްޓޯރެންޓެއްގެ ތެރޭގައި ކުއްޖަކު ބަސްނާހާ އުޅޭނަމަ "މިރޭ ނިދަން އޮންނަން ޖެހޭނީ އެކަންޏޭ" ކަހަލަ އެއްޗެކޭ މަންމަ ބުނެ އިންޒާރު ދީފާނެ އެވެ. ނޫންނަމަ "ބަސްނާހާ އުޅެންޏާ މަންމަ މިއަދު ގޮސް އެންމެ ފޭވަރިޓް ޓޯއި އަތުލާ ފޮރުވާނަމޭ" ބުނެފާނެ އެވެ.

ދަރިން ހިތްހަމަޖެހޭ ވަރަށް ނުކިޔަވާތީ ނުވަތަ އިތުރަށް ކިޔަވަން ބޭންދުމަށް ނުވަތަ އެހެން ކަމެއް ކުރުވުމަށް އެކުދިންނަށް އަސްލެއް ނެތް ވައުދުތައް ވެސް ވެވެ އެވެ. "އަވަހަށް ހުރިހާ ވޯކެއް ނިންމާލައިފިނަމަ ހަފުތާ ބަންދުގައި ދަތުރަކު ގެންދާނަން" ނުވަތަ "ފައިސާ ސޭވް ކުރަން ދަސްކޮށްފިނަމަ ފޭވަރިޓް ގޭމެއް ގަނެދޭނަން" ފަދަ ވައުދު ތަކެވެ.

މިފަދަ ވާހަކަތައް ބުނެލާއިރު އަހަރެމެންނަށް ބުނެވެނީ ވަރަށް ގަބޫލުކުރެވޭފަދަ ރާގަކަށެވެ. ނަމަވެސް އެ ކަންތައްތައް ކޮށްދިނުމުގެ އަޒުމެއް އަހަރެމެންގެ ހިތަކު ނޯވެ އެވެ. އެހެންވެ ގިނަ ފަހަރަށް އެ ވާހަކަ ބުނެވުނުކަން ހަނދާން ވެސް ނުހުރެ އެވެ.

ދޮގެއް ހަދާލަނީ ނުވަތަ ބިރު ދައްކާލަނީ އަހަރެމެން ބޭނުންވާ ކަމެއް ކުއްޖަކު ލައްވާ ކޮންމެހެން ކުރުވަން ބޭނުން ވުމުންނެވެ. ސުވާލަކީ މިކަމުން ކުއްޖާއަށް ކުރަނީ ކިހާ ވަރެއްގެ ނޭދެވޭ އަސަރެއް ހެއްޔެވެ؟

ފަހަރެއްގައި އެ ދޮގު ހަދާ ވަގުތު ނުވަތަ އެ ދުވަސްކޮޅު މާ ބޮޑު ކަމެއް ކުއްޖާ އަށް ވީކަމަށް ފާހަގަ ނުކުރެވިދާނެ އެވެ. ނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ދަރިންގެ ހިތުގައި މަންމަ ނުވަތަ ބައްޕަ އަށް އޮންނަ އިތުބާރު ދާނީ މަޑުމަޑުން ކެނޑެމުންނެވެ. އެއްވެސް ހާލެއްގައި ކުދިންނަށް ދޮގު ހަދައި ބިރު ނުދެއްކުމަށް ކުޑަކުދިންގެ ޚާއްސަ ސައިކޮލޮޖިސްޓުން އަބަދުވެސް މައިންބަފައިންނަށް އިރުޝާދު ދެނީ މި ސަބަބާ ހެދި އެވެ.

ހަގީގަތުގައި ކުޑަކުދިން ބޮޑެތިވެ ދުނިޔެއަށް ހޭލަމުން އަންނައިރު އެކުދިންނަކަށް ދޮގު ހަދާކަށް ނޭނގޭނެ އެވެ. އެކުދިން އަބަދުވެސް ބުނާ ބަހަށް އިހުތިރާމް ކުރާނެ އެވެ. އަދި އެހެން މީހުން ވެސް އެގޮތަށް ކަންތައް ކުރާނެ ކަމަށް އުންމީދު ކުރާނެ އެވެ. މިއީ ވަރަށް ގިނަ ރިސާޗްތަކުގެ އަލީގައި ސައިންސްވެރިން ބުނާ ވާޙަކަ އެކެވެ.

ކުދިން އަބަދުވެސް އެކުދިންގެ ވަށައިގެން އުޅޭ ބޮޑެތި މީހުންގެ މިޒާޖާއި އެމީހުން ކަންތައް ކުރާގޮތް ބަލާ ދަސްކުރަމުން ދާނެ އެވެ. ޚާއްސަކޮށް އެކުދިންގެ މައިންބަފައިން ކަންކަން ކުރާ ގޮތެވެ. އެހެންކަމުން ކުޑަކުދިން ބޮޑެތި މީހުންގެ ގޮތުގައި ދުނިޔެއަށް ނުކުންނައިރު އެކުދިންގެ ޝަހްސިއްޔަތު ބިނާ ވާނީ މައިންބަފައިންނާ އެކުދިންނާ ދޭތެރޭ ކުޑައިރުއްސުރެ ކުރެވޭ މުއާމަލާތްތަކާއި ދެކެވޭ ވާހަކަ ތަކުން އަދި މައިންބަފައިންގެ މިޒާޖުން އެކުދިންނަށް ދަސްވާ އެއްޗެތީގެ މައްޗަށެވެ.

ރޮޗެސްޓާ ޔުނިވަސިޓީގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކުޑަކުދިން ނިންމުންތައް ނިންމަނީ އެކުދިންނަށް އެހެން މީހުން ވާ ވައުދުތައް ފުއްދާ މިންވަރަކަށް ބިނާކޮށެވެ، އެހެންކަމުން މައިންބަފައިން ކުދިންނަށް ވައުދު ވެފައި އެ ވައުދެއް މަތިން ހަނދާން ނައްތާލުމުން ނުވަތަ އެކަމެއް ނުކޮށްދިނުމުން އެ ކުދިންނަށް އެ ދެވެނީ ވަރަށް ގޯސް މެސެޖެކެވެ. އެ މެސެޖަކީ ކޮންމެހެން ކަމެއް ކޮށްދޭން ބުންޏަކަސް ނުވަތަ ކަމެއް ކުރާނަމޭ ބުނެ ވައުދު ވިޔަކަސް އެ ވައުދެއް ފުއްދާކަށް ނުޖެހޭނެ އެވެ. އެއީ ބޭނުންކަމެއް ނޫނެވެ.

އެހެންކަމުން ދަރިފުޅަކީ ދޮގު ނުހަދާ، އިތުބާރު ހިފޭ ކުއްޖަކަށް ހަދަން ބޭނުންނަމަ އެންމެ ކުޑައިރުއްސުރެ ވެސް ކުއްޖާއަށް ކުޑަ ނަމަވެސް ދޮގެއް ނުހަދާވޭތޯ މަސައްކަތް ކުރާށެވެ. މައިންބަފައިންނަށް ނޭނގި ހެދޭ ކުދިކުދި ދޮގުތަކުން ވެސް އެ ކުއްޖާގެ މުސްތަގްބަލަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީ އެވެ.

ހަމަ އެގޮތަށް ބިރު ދެއްކުން ވެސް އެއީ ހަމަ އެފަދަ ކަމެކެވެ. ހަގީގަތުގައި ބިރުދެއްކުމުގެ އަސަރު ކުދިންގެ ސިކުނޑިއަށް ކުރާލެއް މާ ބޮޑުވާނެ އެވެ. ބިރުދައްކަނީ ކޮންމެހެން އެ ކަމެއް އެގޮތަށް ކުރަން ނޫން ނަމަވެސް ބިރު ދެއްކުން އޭގެ ޒާތުގައި ގޯހެވެ. ސަބަބަކީ ބިރުދައްކާފައި އެކަމެއް ނުކުރުމުން ކުއްޖާގެ ސިކުނޑިއަށް އެކަން އެ ކުރި ގޮތް އޮޅެނީ އެވެ. ބުނާކަމެއް އެ ބުނާގޮތަށް ކުރުމުގެ މުހިއްމުކަމާއި އެކަން ނުކޮށްފިނަމަ ނުކުންނާނެ ނަތީޖާ ކުއްޖާއަކަށް ނުވިސްނޭނެ އެވެ. އެހެންކަމުން ކުދިން މައިންބަފައިން ބުނާ ގޮތް ހަދާނީ އޭގެ ނަތީޖާ އަކީ ކޮބައިކަން އެ ކުއްޖާއަށް ވިސްނޭ ގޮތަކަށެވެ.