ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭހުން މީހުން އެތެރެވުން ވެސް މަނާކޮށްފި

Mar 9, 2020
3

ފެތެރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ބަންގްލަދޭހުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފި އެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިޔުލާއެއްގައި ބުނީ، ކޮވިޑް-19 ގެ ނަން ދީފައިވާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޭރުގެ ހުރިހާ ފަސަންޖަރުންނާއި އެއާލައިން ކްރޫ ހިމެނޭ ކަމަށާއި، ނަމަވެސް ދިވެހިން އެކަމުން އިސްތިސްނާ ވާނެ ކަމަށެވެ.

ވައިރަސް ޖެހިފައިތިބި ތިން މީހަކު ބަންގްލަދޭޝުން ފެނިފައި ވަނީ އިއްޔެ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ބަލި ޖެހިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގެ އިތުރުން ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކާއި، އިރާނާއި ޗައިނާ އިން މީހުން ރާއްޖެއަށް އެތެރެވުން ވެސް ސަރުކާރުން ވަނީ މީގެ ކުރިން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، ބަންގްލަދޭހާ ހިލާފަށް އެ ގައުމުތަކުން މީހުން އެތެރެވުން ހުއްޓުވާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

އެ ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހަކު ރާއްޖޭން ވެސް ފެނިފައި ވާއިރު، ވައިރަސް ވަނތް ދޮރު ބަންދުކުރަން ލަސްވި ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފެކެވެ. އެ ދެ ރިސޯޓުން ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން ބަންދު ކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނު ކޮށްފައި ވެއެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.