ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭޑީކޭގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުންވެސް ލިމިޓުކޮށްފި

Mar 9, 2020

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އޭޑީކޭގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައިސީޔޫގެ އިތުރުން ސީސީޔޫ އަދި އެޗްޑީޔޫގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

އަދި އެ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތަކާއި ވޯޑުތަކުގައި އެޑްމިޓުކޮށްފައިވާ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި، އެ މީހުންގެ ގާތު އެންމެ އެހީތެރިޔަކު ހުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިރަހުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިތިބި ބަލި މީހުންނަށް އިއްޔެ އިން ފެށިގެން ޒިޔާރާތްނުކުރެވޭ ގޮތަށް އެ ހޮސްޕިޓަލުންވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، ކޮންމެހެން ދާންޖެހިގެން މެނުވީ ރާއްޖޭން ބޭރަށް ދަތުރުނުކުރުމާއި، ހާއްސަކޮށް ރޯގާ ޖެހި ހުން އައިސްތިބޭ މީހުން ގިނަ ތަންތަނަށް ނުދިޔުމަށްވެސް ރައްޔިތުންނަށް ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފެކެވެ. އެ ދެ ރިސޯޓުން ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން ބަންދު ކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނު ކޮށްފައި ވެއެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.