ލައިފްސްޓައިލް

ސްމާޓް ފޯނުން ހަމަށް ގެއްލުންވޭ؟

ސްމާޓް ފޯނާ އަބަދު ކުޅެން އިންނައިރު އެއިން ގައިގެ ހަންގަނޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ހަގީގަތުގައި މި ޒަމާނުގައި ކޮންމެ މީހަކުވެސް ސްމާޓްފޯނެއް ހިފައިގެން އުޅޭއިރު އަބަދު ފޯނު އުޅުމުން ލިބޭ ގެއްލުން އެއްގޮތަކަށް ވެސް އިހްސާސެއް ނުކުރެވެ އެވެ. ފޯނުން ނުކުންނަ ބްލޫ ލައިޓުގެ ސަބަބުން ނިންޖަށް ބުރޫ އެރުމުގެ އިތުރުން އަބަދު ޓެކްސްޓްކުރަން އިނދެ އިނދެ ކަނދުރާ އަށް ތަދުވުމާއި ސްމާޓް ފޯނަށް ދެވި ހިފުމުގެ ސަބަބުން މި ނޫން ވެސް ވަރަށް ގިނަ ގެއްލުންތައް މީހުންނަށް ލިބެ އެވެ.

މީގެ އިތުރުން ގައިގެ ހަންގަނޑަށް ސްމާޓްފޯނުން ލިބޭ ގެއްލުން އެނގޭ ހެއްޔެވެ؟ ފަހުގެ ދިރާސާތަކަކަށް ފަހު ސައިންސްވެރިން ބުނަނީ ސްމާޓް ފޯނުގައި ހުންނަ ބްލޫ ލައިޓް އިން ހަންގަނޑަށް ވަރަށް ގެއްލުން ވާނެ ކަމަށެވެ. އިރުގެ ޔޫވީ ދޯދިތަކުން ހަންގަނޑަށް ލިބޭ ކަހަލަ ގެއްލުމެކެވެ.

މީހަކާ ގުޅައިގެން މާ ގިނައިރު ވާހަކަ ދައްކަން ހުރުމުން ފޯނުން ނުކުންނަ ހޫނު ގައިމުވެސް ކޯތާފަތަށް އިހްސާސް ކުރެވޭނެ އެވެ. މިއީ ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމެކެވެ.

ސްމާޓްފޯން މާގިނައިން ބޭނުން ކުރުމުން ހަންގަނޑަށް ލިބޭ ގެއްލުންތަކުގެ ތެރެއިން އެއް ކަމަކީ މޫނުގައި ބިހި ނެގުމެވެ. މިހެން ދިމާވަނީ ފޯނުގެ ސްކްރީންގައި ހޭކިފައި ހުންނަ ތަފާތު ޖަރާސީމުތައް މޫނުގައި ހޭކިގެންނެވެ. އަދި ފޯނުން ނުކުންނަ ބްލޫ ލައިޓާއި ރޭޑިއޭޝަންގެ ސަބަބުން ގިނަ ވަގުތު ފޯނުން ވާހަކަ ދައްކާ ހަދާ މީހުންގެ ގައިގެ ހަންގަނޑުގައި ކަޅުކުލައިގެ ލައްތަކާއި ޕެޗްތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމުގެ ޚާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި ޓެކްސްޓް ކިޔަން މާ ގިނައިރު ފޯނަށް މޫނު ދިއްކޮށްގެން އިނުމަކީ ޒުވާން އުމުރުގައި ނިއްކުރިއަށް ރޫ އަރަން ފަށާނެ ކަމެކެވެ. އަދި ލޮލުގެ ބޭރު ކަނާ ދިމާލުގައިވާ ހަންގަނޑަށް ވެސް އަވަހަށް ރޫއަރަން ދިމާވާނެ ކަމެކެވެ.

މިގޮތަށް ގިނަ ދުވަސް ވާން ފެށުމުން އެ ރޫތައް މަޑުމަޑުން ފާޅުވެ މާ އަވަހަށް މުސްކުޅި ވައްތަރު ޖަހަން ފަށާނެ އެވެ. ފޯނުން ނުކުންނަ އަލިން ހަންގަނޑަށް ދޫޖެހި އަވަހަށް ރޫޖެހެން މެދުވެރި ވަނީ ކޮލާޖަން އުފެދުން މަދުވެ ހަމުގައި ހުންނަ އިލާސްޓިކް ގޮތް ކުޑަވާތީ އެވެ.

މިޒަމާނުގައި ފޯނާ ނުލާ އެއްވެސް މީހަކަށް ނޫޅެވޭނެކަން ޔަގީނެވެ. އެހެންވީމާ ފޯނު ގެންގުޅުނަސް ހަންގަނޑާއި އެނޫންވެސް ހަށިގަނޑުގެ ބައިތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެ ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ފޯނު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. އަދި ހޭންޑް ފްރީ ޑިވައިސް އެއް ގެންގުޅުމުން ފޯނު މޫނާ ކައިރިކޮށްގެން ގެންގުޅެންޖެހޭ ވަރު މަދުކުރެވޭނެ އެވެ.

އަދި ފޯނު ކޮންމެ ދުވަހަކުވެސް ސާފު ކުރުން މުހިއްމެވެ. ތެޔޮހަންގަނޑު ހުންނަ މީހުން އަދި ފަސޭހައިން އޮށާޅަ އާއި ބިހި ނަގާ މީހުން މޫނުން ތެޔޮ އުފެދޭ މިންވަރު ކުޑަކުރަން މޫނު ސާފުކޮށް ރަނގަޅު ލޯޝަނެއް ފަދަ އެއްޗެއް އުނގުޅާ މޫނަށް އެކަށީގެންވާ ފަރުވާ ކުރުން ރަނގަޅެވެ. އޭރުން ވެސް ފޯނުން ނުކުންނަ އަލިން ހަންގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ އެވެ.

ހަންގަނޑަށް ފަރުވާ ކުރުމަށް ބައެއް ހޯމް ރިމެޑީޒް ވެސް ތައްޔާރުކޮށް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ލޮލުގެ ވަށައިގެން އާމަންޑް އޮއިލް ކޮޅެއް އުނގުޅައި ހަމައެކަނި ކަށި އިނގިލިން މިނިޓެއް ހާއިރު ކުޑަކޮށް މަސާޖް ކޮށްލުމުން ލޯ ކައިރިއަށް ރޭ ނުޖެހޭނެ އެވެ. އަދި 15 ވަރަކަށް މިނިޓް ބަހައްޓާފައި ކަފަކޮޅެއް ފަދަ އެއްޗަކުން ފޮހެލީމަ ރަނގަޅުވާނެ އެވެ.

މީގެ ބަދަލުގައި ކިއުކަމްބާ ދިޔަ ނުވަތަ އަލުވީގެ ދިޔަ ވެސް ދެ ބައި އެއްވަރަށް އެއްކޮށްފައި ލޯ ކައިރީގައި އުނގުޅާފައި 20 މިނިޓް ބަހައްޓާފައި ދޮވެލުން ރަނގަޅުވާނެ އެވެ. މިއީ ސްމާޓްފޯނަށް ގިނައިރު ބެލީމަ ލޯ ކައިރި ކަޅުވެ ރޫޖެހުމުން ދުރުވުމަށް ކުރެވިދާނެ ކަންތައްތަކެވެ.