ލައިފްސްޓައިލް

ޓީޗަރެއްގެ ރަނގަޅުކަމުން ގިނަ ބަޔެއްގެ ތައުރީފު

"ބައެއް ފަހަރަށް ޓީޗަރަކަށް އޭނާ ކިޔަވައިދޭ ދަރިވަރަކަށް ކޮށްދެވޭނެ އެންމެ ރަނގަޅުކަމަކީ ކުލާހުގައި މޭޒުގައި ބޯއަޅާލައިގެން ނިދާލާނެ ފުރުސަތު ދިނުމެވެ." މިއީ ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ ބްރެންޑަން ހޯލްމަން ދެކޭ ގޮތެވެ. އޭނާގެ ޓިކްޓޮކް ވީޑިއޯގައި ބްރެންޑަން ވަނީ ދާދިފަހުން އޭނާގެ ކްލާހުގެ ކުއްޖަކަށް މިގޮތަށް ކުލާހުގައި ނިދުމުގެ ހުއްދަ ދިން ސަބަބު ކިޔައިދީފަ އެވެ. މި ޓީޗަރުގެ ވާހަކަ އަޑުއަހާފައި ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު މި ޓީޗަރުކުރި ރަނގަޅު ކަންތަކުން ހިތަށް އަސަރުކޮށް ތަފާތު މެސެޖްތައް ކޮށްފައި ވެއެވެ.

ބްރެންޑަންގެ ޓީކްޓޮކް ވީޑިއޯއަށް މިހާތަނަށް 21.4 މިލިއަން ވިއުޒް ލިބިފައިވާއިރު އަދިވެސް ގިނަ ބަޔަކު ދަނީ މި ވީޑިއޯ ބަލަމުންނެވެ.

ބްރެންޑަން، 28، އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެންޓަކީގެ ހެންޑަސަންގެ ސްކޫލެއްގެ ގްރޭޑް އަށަކަށް ކިޔަވައިދޭ ޓީޗަރެކެވެ. އެ ވީޑިއޯގައި ޓީޗަރު ކިޔައިދިން ގޮތުގައި އެއް ދުވަހަކު ހެނދުނު ކްލާހެއްގައި ކުއްޖަކު ވަރަށް ދެރަވެފައި އިންދާ އޭނާއަށް ފެނުނެވެ. އަދި އެ ކުއްޖާ ކައިރީގައި އިން އެހެން ކުއްޖަކު އޭނާ ކައިރީގައި އެ ކުއްޖާއަށް ވީ ގޮތް އޮޅުން ފިލުވައިދިނެވެ. އޭގެ ކުރީރޭ އެ ކުއްޖާގެ ކާފަ މަރުވެގެން އެ ކުއްޖާ އެއްގޮތަކަށް ނުވެސް ނުނިދާ ހުރެފައި ސްކޫލަށް އައި ކަމަށް އޭނާއަށް އެ ވާހަކަ އޮޅުންފިލުވައިދިން ކުއްޖާ ބުންޏެވެ. އެހެންވެ އެ ކުއްޖާއާ ދޭތެރޭ ތަންކޮޅެއް ރަނގަޅަށް ކަންތައް ކޮށްދިނުމަށް ވެސް އަނެއް ކުއްޖާ އެދުނެވެ.

"އަހަރެން ފުރަތަމަ ހިތަށް އެރި ކީއްވެބާއޭ އެފަދަ ހާލަތެއްގައި އެ ކުއްޖާ ސްކޫލަށް އެ އައީ. ދެން ވިސްނާލަފަ ހިތަށް އެރި ދެން ކުލާހަށް އައިމަ ދެން ހަދާނީ ކިހިނެއް ބާއޭ. އަހަރެން ބޭނުމެއް ނުވި އެ ކުއްޖާއަށް ގޮވާކަށް އަދި ކްލާހު ކުދިން ކުރިމަތީގައި ސުވާލުތައް ކުރާކަށް ވެސް،" ބްރެންޑަން ކިޔައިދީފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަހަކީ ކުލާހުގައި ޓެސްޓެއް އޮތް ދުވަހެކެވެ. އެހެންވެ ކުލާސް ކުދިންނަށް ޓެސްޓް ޕޭޕަރު ބެހިއިރު އެ ކުއްޖާގެ ޓެސްޓް ޕޭޕަރު ތެރެއަށް ބްރެންޑަން ނޯޓެއް ލިޔެފައި ލިޔެވެ.

"ކާފަ މަރުވުމުން ތި ލިބުނު ހިތާމައިން އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެން ކަލެޔަށް ހެޔޮ ދުއާ ކުރަން. ކަލެޔަށް މި ޓެސްޓުން މިހާރު ވެސް 100 ލިބިއްޖެ. ޓެސްޓާ ދޭތެރޭ އެއްގޮތަށް ވެސް ހާސް ނުވެ ޕޭޕަރު އަނެއް ފުށުން ޖަހާލާ،" އެ ކުއްޖާއަށް ބްރެންޑަން ލިޔުނު ނޯޓުގައި އޭނާ ލިޔުނެވެ.

ޓީޗަރު އޮޅުން ފިލުވައިދިން ގޮތުގައި ބައެއް ފަހަރަށް ކުދިންގެ ޒާތީ މައްސަލަތަކަށް ވުރެ ޓެސްޓް ވެސް މުހިއްމެއް ނޫނެވެ.

"މިއީ ހުރިހާ ޓީޗަރުންނާއި ކިޔަވާ ކުދިން ކައިރީގައި ބުނާ އެއްޗެއް. ބައެއް ފަހަރަށް ހަޔާތުގައި ވަރަށް ދެރަވާކަހަލަ ކަންތައްތަކާ ކުރިމަތިވާނެ. އެ ފަދަ ވަގުތުގައި އެމީހަކަށް އޯގާތެރިކަމާއެކު ކަންތައް ކޮށްދޭން ޖެހޭނެ،" ބްރެންޑަން ވީޑިއޯގައި ބުނެފައި ވެއެވެ.

ފެބްރުއަރީ 25 ގައި ސޯޝަލް މީޑިއާގައި ޝެއާކުރި މި ވީޑިއޯއަށް އެތައް މިލިއަން ވިއުޒް އެއް ލިބުމުގެ އިތުރުން ހަ މިލިއަން ލައިކްސް ލިބިފައި ވެއެވެ. އަދި 80،900 ކޮމެންޓް މި ވީޑިއޯ އަށް އެކި މީހުން ލިޔެފައި ވެއެވެ.
ކޮމެންޓު ކުރި އެކަކު ބުނި ގޮތުގައި މިފަދަ ޓީޗަރުން ވެސް އުޅޭކަން އެނގުމުން އުފާވި ކަމަށާއި މި ވީޑިއޯ ބަލާފައި ރޮވުނު ކަމަށެވެ. މިފަދަ ގިނަ ޓީޗަރުން ދުނިޔެއަށް ބޭނުންވާ ކަމަށް ކޮމެންޓުކުރި މީހާ ބުނެފައިވެއެވެ.

އެހެން މީހެއްގެ ކޮމެންޓުގައި ބުނެފައިވަ ގޮތުގައި އޭނާ ޓީޗަރަކަށް އުޅޭތާ 20 އަހަރު ވެއްޖެ ކަމަށާއި މި ވީޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް އޭނާ ފުރިހަމަޔަށް ތާއީދުކުރާ ކަމަށެވެ.