ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެ އާއި ފޯކައިދޫއިން ކަރަންޓީނުކުރި މީހުން ނެގަޓިވް

ގައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާއާ ކޮންޓެކްޓްވި، ޔުނިވާސަލް ޓިކެޓިން އޮފީހުގެ މުވައްޒަފު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ޓިކެޓިން އޮފީހުގެ މުވައްޒަފުގެ އިތުރުން ށ. އަތޮޅު ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ މުވައްޒަފު ވެސް އެ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށެވެ.

އިތުރު މީހަކު ވެސް އެ ވައިރަހަށް ނެގެޓިވްވިކަމަށް ބުނި ނަމަވެސް، އެ މީހާއަކީ ކާކު ކަމެއް އެޗްޕީއޭ އަކުން ބުނެފައެއް ނުވެ އެވެ.

ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު ހުރިކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މާލޭން ކޮންޓެކްޓްވި ކަމަށް ބެލެނީ، އޭނާ މާލޭގައި މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހެއްގެ އިތުރުން ޓިކެޓިން އޮފީހުގެ މުވައްޒަފެވެ. ޓިކެޓިން އޮފީހުގެ މުވައްޒަފު ވައިރަހަށް ނެގެޓިވްވެފައިވާއިރު، މާގިރި ހޮޓަލުން އެކަހެރިކޮށްފައިވާ އެއްވެސް މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ. އޭގެ ފަހުން ރޭ އަނެއްކާ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެއާއެކު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހައަކަށް އަރައިފަ އެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓްގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ.

އޭގެ އިތުރުން، އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ޓެސްޓު ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ހެނދުނު ވަނީ ބުނެފަ އެވެ.