އިޓާލިއަން ލީގް ނުވަތަ ސޭރިއާ ހިމެނޭ ގޮތަށް އިޓާލީގެ ގައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް މެދުކަނޑާލައިފި އެވެ.
ލޯކަލް މުބާރާތްތައް މެދު ކަނޑާލި ނަމަވެސް އިޓަލީގެ ކުލަބުތަކުން ކުޅޭ އިންޓަނޭޝަނަލް މުބާރާތްތައް ކުރިއަށް ދާނެ އެވެ. އެގޮތުން ޗެމްޕިއަންސް ލީގްގައި މިރޭ ސްޕެއިންގެ ވެލެންސިއާ އާ ދެކޮޅަށް އިޓަލީގެ އެޓްލާންޓާ ކުޅެން ހަމަޖެހިފައިވާ މެޗު ކުޅޭނެ އެވެ. ވެލެންސިއާ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗު ކުޅޭނީ ސްޓޭޑިއަމް ބަންދު ކޮށްގެންނެވެ.
އިޓަލީގެ އޮލިމްޕިކް ކޮމިޓީން ނިންމީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ފެންވަރުގެ ހުރިހާ މުބާރާތެއް ފަސް ކުރުމަށެވެ. މިދިޔަ ހަފުތާގައި، އިޓަލީއަން ލީގްގެ ހުރިހާ މެޗެއް ވެސް ކުޅެފައި ވަނީ ސްޓޭޑިއަމް ބަންދު ކޮށްގެންނެވެ.
ޔޫރަޕްގެ ގައުމު ތަކުގެ ތެރެއިން ކޮވިޑް 19 އެންމެ ބޮޑަށް ފެނިފައި ވަނީ އިޓަލީންނެވެ. އިޓަލީގައި ގާތްގަނޑަކަށް 9000 މީހުންނަށް އެ ބަލީގެ އަސަރު ކުރި އެވެ. އަދި އިޓަލީން މަރުވި މީހުންގެ އަދަދު ވަނީ 463 އަށް އަރާފަ އެވެ.
ޗައިނާއިން ކޮވިޑް 19 ޖެހުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ޑިސެމްބަރު 19 ގަ އެވެ. މިހާތަނަށް 114000 މީހުންނަށް މި ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި 115 ގައުމަކުން 4000 ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ރާއްޖެގައި ވެސް ހަ މީހަކަށް މި ބަލި ވަނީ ޖެހިފަ އެވެ. އެއީ ބިދޭސީންނެވެ.