ޗައިނާއިން ރާއްޖެއަށް އައުމުން ކަރަންޓީނު ކުރި ދެ ދިވެހިން ދޫކޮށްލައިފި އެވެ.
ކޮރޯނާ ވައިރަސް ދުނިޔޭ ފެތުރެމުން ދަނިކޮށް ޗައިނާ އިން ރާއްޖެއަށް އައި އެ ދެ ދިވެހިން ކަރަންޓީނު ކުރީ ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެނެއް ނޫނެވެ. އެ ދެ ދިވެހިން އޭރު ކަރަންޓީނު ކުރީ އޭރު ހާލަތަށް ބަލާފައި ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނި ގޮތުގައި އެ ދެ ދިވިހެން ދޫކޮށްލަފައި ވަނީ 14 ދުވަހު ކަރަންޓީނުގައި ބަހައްޓައި އޮބްޒާވް ކުރުމަށް ފަހު އެވެ.
ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު އެ ވައިރަސްއަށް ޕޮޒިޓިވް ހަމަ މީހަކު ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފެކެވެ. ދެން ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ. އޭގެ ފަހުން ރޭ އަނެއްކާ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ދެ ބިދޭސީ އަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށް ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓްގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. ކުރެއްދޫއަށް ވަނީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.
އޭގެ އިތުރުން، އދ. ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ޓެސްޓު ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ހެނދުނު ވަނީ ބުނެފަ އެވެ.