އޮފްބީޓް

އިމްތިހާނުގެ ސްޓްރެސް ފިލުވަން ނޭޗާ އާއެކު 10 މިނިޓު

އިމްތިހާނު ކައިރިވާ ވަރަކަށް ބައެއް ކުދިން ސްޓްރެސް ވެގެން ގޮސް ހަލާކުވާވަރު ވެއެވެ. މިކަމުގެ ވަރަށް ރަނގަޅު ހައްލެއް އެބައޮތެވެ. ކައިރީގައި އޮތް ޕާކެއް ނުވަތަ މޫދުގެ ރާޅު ޖަހާ ހިސާބަށް ގޮސް މަދުވެގެން 10 ވަރަކަށް މިނިޓް އެތަނުގައި ހޭދަކޮށްލުމެވެ. އޭރުން ކިޔަވާ ކުދިން ހިތްހަމަޖެހި އިމްތިހާނަށް ފިލާވަޅު ދަސްކުރަން އިނުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ލިބިފައިވާ ވަރުބަލިކަމަށް ހައްލެއް ލިބޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގެ ކޯނެލް ޔުނިވަސިޓީގެ ސައިންސްވެރިން ހޯދި ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ގުދުރަތީ މާހައުލެއްގައި 10-15 ވަރަކަށް މިނިޓް ހޭދަކޮށްލުމުން ވެސް އެމީހެއްގެ މޫޑަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސް، ފިލާވަޅުތަކަށް ފޯކަސް ކުރެވި އަދި ފިޒިއޮލޮޖިކަލް މާކާ ނުވަތަ ލޭގެ ޕްރެޝަރާއި ހާޓް ރޭޓް ރަނގަޅުވެ އެވެ.

ޖާނަލް ފްރަންޓިއާޒް އިން ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ހޯދާފައިވަނީ ކޮލެޖުގައި ކިޔަވާ ކުދިންނަށް މެދުވެރިވާ ސްޓްރެސް އާއި ނަފްސާނީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންތައްތަކަށް ހައްލު ހޯދާނެ ގޮތެކެވެ. މި ކުދިންގެ ސްޓްރެސް ލެވެލް މާ މަތިވުމުން އެ ލެވެލް ދަށްކުރަން ފިޒީޝަނުންނަށް ދެވިދާނެ ފަރުވާ އެކެވެ.

"ޕޮޒިޓިވް ފައިދަތަކެއް ހޯދަން މާ ގިނަ ވަގުތުތަކެއް ނުނަގާނެ. އަހަރެމެން މި ދައްކަނީ އެންމެ 10-15 ވަރަކަށް މިނިޓް ގުދުރަތީ ވަޔާއި ފެހިކަން ނުވަތަ ކަނޑުގެ ރާޅު ޖަހާ ހިސާބުގައި ހޭދަކޮށްލާ ވާހަކަ. ބޭނުމަކީ ފޮތްކިޔަން ގޭތެރޭގައި އަބަދު އިނުމުގެ ބަދަލުގައި ކުޑަ ވަގުތުކޮޅަކު ބޭރަށް ނުކުމެ ގުދުރަތީ ތަންތަން ބަލާލަން ވަގުތުކޮޅެއް ހޭދަކޮށްލުން،" މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

ސައިންސްވެރިޔާ ވިދާޅުވި ގޮތުގައި ކޮންމެ ދަރިވަރަކުވެސް އެއީ ކޮންމެ ކަހަލަ ސަބްޖެކްޓްތަކެއް ކިޔަވާ ކުއްޖަކު ނަމަވެސް އަދި އެ ކުއްޖަކު ކިޔަވަން ހުރި އެއްޗެހި ކިތަންމެ ގިނަ ނަމަވެސް ދުވާލެއްގެ މިހާ ކުޑަ ވަގުތުކޮޅެއް ފޮތްތަކާ ދުރުގައި ގުދުރަތީ މަންޒަރުތައް ފެންނަ ހިސާބުގައި ހޭދަކުރަން ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ. ދުވަލަކު ކުޑަވަގުތުކޮޅެއް ނުދެވޭނަމަ ހަފުތާއަކު ތިން ހަތަރު ފަހަރު ނަމަވެސް މިގޮތަށް ކަންތައް ކުރުމަށެވެ.

މި ހޯދުމަށް ސައިންސްވެރިންގެ ޓީމުން ރިވިއުކޮށްފައިވަނީ ކޮލެޖަށް ދާ އުމުރުގެ ނުވަތަ 15 އަހަރާއި 30 އަހަރާ ދެމެދުގެ ދަރިވަރުންނަށް ނޭޗާއިން ކުރާ އަސަރުތަކެވެ. އަދި ކިޔަވާ ކުދިން ގެއިން ބޭރުގައި ގުދުރަތީ މަންޒަރުތައް ފެންނަ ހާމަ ތަނެއްގައި ދުވާލެއްގެ ކިހާ ވަގުތެއް ހޭދަކުރަން ޖެހޭނެތޯ ވެސް ބަލާފައި ވެއެވެ. އަދި ނޭޗާއާ އެކު ހޭދަކުރާ ވަގުތުކޮޅުގައި އެ ކުދިން ކުރަންވީ ކޮން ކަމެއްތޯ ވެސް ހޯދި އެވެ.

މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ރަނގަޅަށް ކިޔެވުމަށް ފޯކަސް ކުރެވި، މޫޑު ރަނގަޅުވެ އަދި ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ހަމަޔަކަށް އެޅިލަން ދުވާލެއްގެ އެންމެ 10-15 މިނިޓް ވެސް ނޭޗާ އާއެކު ހޭދަކޮށްލުމުން ފުދެ އެވެ. ނަމަވެސް އޭގެ މާނައަކީ 50 ވަރަކަށް މިނިޓް ނުވަތަ އެއަށް ވުރެ ގިނައިރު ބޭރުގައި އުޅުމުން މިކަމުން ލިބޭ ފައިދާ ދަށް ވެއެކޭ ނޫނެވެ.

ބޭރުގައި އުޅެލުމުން ކުރާ ޕޮޒިޓިވް އަސަރުތައް ހޯދުމަށް ދަރިވަރުން ކޮންމެހެން ބޭރަށް ނުކުމެ ވަކި ކަމެއް ކުރާކަށް ނުޖެހެ އެވެ. ކުޑަކޮށް ހިނގާލާ ނުވަތަ ތަނެއްގައި އިށީނދެ އިދެލުމުން ވެސް ފުދެ އެވެ.

"މިއީ ގުދުރަތުގެ ފުރިހަމަކަމާ ދޭތެރޭ ވިސްނާ ފިކުރުކުރަން ކިޔަވާ ކުދިންނަށް ލިބޭނެ ރަނގަޅު ވަގުތުކޮޅެއް. ގުދުރަތީ އަޖައިބުތައް އަހަރެމެންގެ ވަށައިގެންވޭ. އެއީ ބޮޑެތި ބިޔަ ގަސްތައް ނަމަވެސް ކުދި ކުދި މާ އަޅާ ރީތި ގަސްތައް ނަމަވެސް ނުވަތަ ފެހިކުލަ ގަދަ ވިނަގަނޑު ނަމަވެސް ނުވަތަ ލަކުޑި ގަސްތަކުން ފުރިފައިވާ ތަނެއް ނަމަވެސް ކޮންމެ ތަނަކުން ވެސް ހާމަވާނީ ގުދުރަތުގެ ފުރިހަމަކަން" ސައިންސްވެރިޔާ އިތުރަށް ވިދާޅުވި އެވެ.

ކިޔަވާ ކުދިން މިހާ ކުޑަ ވަގުތުކޮޅެއް ނަމަވެސް ކޮންމެ ދުވަހަކުވެސް ގުދުރަތީ މަންޒަރުތައް ދެކިލުމުގައި ހޭދަކުރުމުން އެ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ވެސް ލިބޭނެ އެވެ.