ސިއްހަތު

އަތުގެ ޓްރާންސްޕްލާންޓަށް ފަހު ގައިގެ ކުލަ އަތަށް

ޝްރިޔާ ސިދަންގައުޑާ އަކީ އިންޑިޔާގެ ޕޫނޭގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާއަށް 2016 ގައި ވަރަށް ވަރުގަދަ އެކްސިޑެންޓަކާ ކުރިމަތިވި އެވެ. ކަރްނާޓަކާގައި ހުންނަ އޭނާގެ ކޮލެޖުން ގެއަށް ދިޔަ މަގުމަތީގައި އޭނާ އިން ބަސް އެކްސިޑެންޓް ވީއެވެ. މި އެކްސިޑެންޓްގައި ޝްރިޔާގެ ދެ އަތް އުޅަބޮށިން ބުރިކޮށްލަން ޖެހުނެވެ.

ޝްރިޔާ އުންމިދު ގެއްލުވައެއް ނުލައެވެ. އެކްސިޑެންޓަށް އަހަރެއް ފަހުން އޭނާ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލްސް ސައިންސް (އެއިމްސް) އަށް ޒިޔާރަތްކޮށް އެތާގެ ޑޮކްޓަރުންނަށް ދެއްކި އެވެ. އަތުގެ ޓްރާންސްޕާލްންޓް ހެދުމުގެ ބޭނުމުގަ އެވެ. އޭނާ އެ ހޮސްޕިޓަލް ހިޔާރުކުރީ އެ ތަނަކީ ޓްރާންސްޕްލާންޓްތައް ހެދުމުގައި އިންޑިޔާގައި އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ހޮސްޕިޓަލަށް ވާތީ އެވެ.

އިންޑިޔާގެ ނޫހެއްގައިވާ ޝްރެޔާގެ ރިޕޯޓްގައިވާ ގޮތުން އޭނާ ޓްރާންސްޕްލާންޓް ކުރަން ނަން ނޯޓްކުރިއިރު އެ ލިސްޓުގައި އޭނާއަށް ވުރެ ކުރިން ނަން ނޯޓްކޮށްފައިވާ 200 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އަފްގާނިސްތާން، ބަންގްލަދޭޝް، މެލޭޝިޔާ ފަދަ ގައުމުތަކުން އައިސް ޓްރާންސްޕްލާންޓް ހެދުމުގެ އުންމީދުގައި އަހަރު ދުވަސް ހޭދަކޮށްފައި ތިބި މީހުންނާ ހޮސްޕިޓަލުން ޝްރިޔާ އަށް ބައްދަލުވި އެވެ.

ޝްރިޔާގެ އަތާ މެޗުވާ ޑޯނަރެއް ލިބެން އެތައް މަހެއް ވެސް ނަގާފާނެކަމަށް ޓްރާންސްޕްލާންޓް ކޯޑިނޭޓަރު އެމީހުން ކައިރީ ބުންޏެވެ. އެހެންވެ ވަރަށް އުންމީދު ގެއްލިގެން އެމީހުން އެނބުރި ހޮޓަލަށް ދިޔައީ އެވެ. ނަމަވެސް އެމީހުން ހޮޓަލަށް ދިޔަތާ ގަޑިއެއްހާއިރު ތެރޭގައި ހޮސްޕިޓަލުން ގުޅާފައި ލޭ ޓެސްޓްކުރަން ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ނަސީބު ދިމާވި ގޮތުން ހަމަ އެ ދުވަހު ޝްރިޔާގެ ލޭގެ ގްރޫޕާ ދިމާވާ މީހެއްގެ އަތެއް އޭނާއަށް ޓްރާންސްޕްލާންޓްކުރަން ލިބުނީ އެވެ.

އެއީ 2017 ގެ އޮގަސްޓް 9 ވަނަ ދުވަހެވެ. ސަޗިން ނަމަކަށް ކިޔާ ޒުވާން ކިޔަވާ ކުއްޖަކު އެކްސިޑެންޓެއްގައި ސިކުނޑި މަރުވެ ދިރިއުޅުމުގެ އުންމީދު ކަނޑާލުމުން އެ ކުއްޖާގެ އާއިލާއިން އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރަމުން ނިންމި އެވެ. ހަދިޔާކުރަން ބޭނުންވި ބައިތަކުގެ ތެރޭގައި ދެ އަތް ވެސް ހިމެނުނެވެ.

ޝްރެޔާގެ ލޭގެ ގްރޫޕާ ސަޗިންގެ ލޭގެ ގްރޫޕް ދިމާވާތީ ވަރަށް އަވަހަށް ދެ އަތުގެ ޓްރާންސްޕްލާންޓް ހެދި އެވެ. މި ޓްރާންސްޕްލާންޓް ހެދުމަށް 13 ގަޑިއިރު 20 ސާޖަނުންނާއި ހޭނައްތާ ޑޮކްޓަރުންގެ 16 ސްޕެޝަލިސްޓުން މައްޗަށް ހިމެނޭ ޓީމެއް މަސައްކަތް ކުރި އެވެ. އަދި ވަރަށް ކާމިޔާބުކަމާއެކު ސަޗިންގެ އަތް ބުރިކޮށްލައި ޝްރިޔާގެ އަތާ ގުޅާލި އެވެ.

އޭގެ ފަހުން ދޮޅުއަހަރު ފާއިތުވީއިރު ޝްރިޔާ ގެންދަނީ އޭނާގެ އަމިއްލަ ރަށުގައި ހުރެގެން ފިޒިއޮތެރަޕީ ހަދައި އެ އަތަށް ހޭނުމަށް މަސައްކަތް ކުރަމުންނެވެ. ޝްރިޔާގެ ހަށިގަނޑުގައި ގުޅާފައިވާ އަތް އޭނާއަށް ވަރަށް ބަރުވެފައި ބޮޑެވެ. ނަމަވެސް ފާއިތުވީ 3-4 މަހުއްސުރެ ޝްރިޔާގެ މަންމައަށް ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވެން ފެށި އެވެ. އެއީ އަތުގެ އިނގިލިތައް ހިމަވެ ކުލަ ބަދަލުވަމުން ދާތަނެވެ.

"އަހަރެން ކޮންމެ ދުވަހަކު ޝްރިޔާގެ އަތް ބަލަން. އެ އަތް ހިމަވެ އަންހެންވަންތަ ސިފަ އައިސް އަތުކުރި ވެސް ކުޑަވެ އަތް ދޮންވާކަން އަހަންނަށް ފާހަގަ ކުރެވުނު،" ޝްރިޔާގެ މަންމަ ބުންޏެވެ.

މިހާރު ޝްރިޔާގެ އަމިއްލަ ހަންގަނޑުގެ ކުލަޔާއި އަތުގެ ކުލަ ގާތްގަނޑަކަށް އެއްކުލައަކަށް ބަދަލުވެއްޖެ އެވެ. ނަމަވެސް މިކަން މިގޮތަށް ދިމާވީ ކިހިނެއްކަން ޝްރިޔާ އަށް ފަރުވާދޭ ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ. ސަބަބަކީ މިފަދަ ކޭސްތައް މަދުވެފައި ވަރަށް މަދު ފަހަރަކު ނޫނީ މިފަދަ ސާޖަރީ ހަދަން ނުޖެހޭތީ އެވެ.

އަމްރިތާ އިންސްޓިޓިއުޓްގެ ޕްލާސްޓިކް ސާޖަން އަކު އިންޑިޔާގެ ނޫހަކަށް ވިދާޅުވެފައިވާ ގޮތުގައި މިފަދަ ބަދަލެއް އަތުވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހީކޮށްފައެއް ނެތެވެ. އަދި ޝްރިޔާގެ ކޭސް އަކީ އެ ހޮސްޕިޓަލުގައި ހެދި މިފަދަ ފުރަތަމަ ޓްރާންސްޕްލާންޓް ކަން ވެސް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގައި އަންހެނެއްގެ ހަށިގަނޑުގައި ފިރިހެނެއްގެ އަތް ޓްރާންސްޕްލާންޓް ކޮށްފައެއް ނުވެ އެވެ.

ފަހަރެއްގައި ޝްރިޔާގެ ހަށީގަނޑުގައިވާ އަންހެން ހޯމޯންތަކުގެ ސަބަބުން އަތަށް ބަދަލު އަންނަނީ ކަމަށް ވެދާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް ސީދާ މި ވާ ގޮތެއް ވިދާޅުވާން ނޭނގޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ފާއިތުވީ 25 ވަރަކަށް އަހަރުގެ ތެރޭގައި މުޅި ދުނިޔޭގައި ހަދާފައިވާ އަތުގެ ޓްރާންސްޕްލާންޓްގެ އަދަދު 100 އަށް ވުރެ މަދެވެ. އަދި އަތުގެ އުޅަބޮއްޓަށް ވުރެ މަތިން ޓްރާންސްޕްލާންޓް ހަދާފައިވަނީ އެންމެ ނުވަ ވަރަކަށް މީހުންގެ އެވެ. އެހެންވެ މިކަމާ ގުޅޭ އެކަށީގެންވާ މާ ގިނަ މައުލޫމާތުތަކެއް ޑޮކްޓަރުންގެ ވެސް ނެތެވެ. ހާއްސަކޮށް މިއީ އަންހެނަކާއި ފިރިހެނެއްގެ ޓްރާންސްޕްލާންޓް އަކަށް ވާތީ މިކަން މާ ބޮޑަށް ވެސް އޮޅުންފިލުވަން ޑޮކްޓަރުންނަށް އުނދަގޫވީ އެވެ.

ޝްރިޔާ ބުނި ގޮތުގައި އަތަށް މިހާ ބޮޑު ބަދަލެއް އަންނަ ސަބަބެއް އޭނާއަކަށް ވެސް ނޭނގެ އެވެ. ނަމަވެސް މިހާރު އަތް ޚުދް އޭނާގެ އަމިއްލަ އަތްކަމުގެ އިހްސާސް ކުރެވޭކަމަށް ޝްރިޔާ ބުންޏެވެ.

ސަޗިން އަކީ ވަރަށް ކަޅު ކުއްޖަކަށް ވީއިރު ޝްރިޔާ އަކީ ވަރަށް ދޮން ކުއްޖެކެވެ. އެހެންކަމުން ޓްރާންސްޕްލާންޓް ހެދުމަށްފަހު ދެ އަތުގެ ހަމުގެ ކުލަ ތަފާތު ކަން ވަރަށް ބޮޑަށް ހާމަވާން ހުއްޓެވެ. ނަމަވެސް އެއީ ޝްރިޔާ އެހާ ކަންބޮޑުވީ ކަމެއް ނޫނެވެ. އެ އަތުގެ ބޭނުންކޮށްގެން އޭނާއަށް ރަނގަޅު ދިރިއުޅުމެއް ލިބުމުގެ އުންމީދުގައި އޭނާ ފިޒިއޮތެރަޕީ ހަދައިގެން އަތަށް ފަރިތަ ވުމުގެ މަސައްކަތް ކުރީ އެވެ.

ޝްރިޔާ، 21، ބުނީ އަދިވެސް އަތުގެ މަސްތަކުގެ ފަންކްޝަން މުޅިއަކުން ބަރާބަރު ނޫން ކަމަށެވެ. ނަމަވެސް މިހާރު އޭނާއަށް އެ އަތާއެކު އާދައިގެ ދިރިއުޅުމެއް އުޅެލެވޭވަރު ވެއްޖެ އެވެ. އިކޮމިނިކްސް ޑިގްރީއަކަށް ކިޔަވަމުންދާ ޝްރިޔާ އިމްތިހާނު ހަދާފައިވަނީ ވެސް އަތުން ލިޔެގެންނެވެ.