ރައްޔިތުންގެ މަޖިލިސް

އާންމުންގެ ހިޔާލު ހޯދަން މިރޭ މަޖިލީހުން ބާއްވާ ބައްދަލުވުން ކެންސަލް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅިފައިވާ އިންތިގާލީ އިންސާފުގެ ބިލާ އާންމުންގެ ހިޔާލު ހޯދުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާންމު ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުން ކެންސަލް ކުރަން ނިންމީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް އިތުރު ބަޔަކު ރާއްޖޭން ފެނުމާ ގުޅިގެން ކަމަށެވެ. އަދި އެ ބައްދަލުވުން ފަސްކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަކަށް ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މި ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިޔާލު ހޯދުމުގެ ބައްދަލުވުން ކެންސަލްވިއިރު، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން އާންމު ބައްދަލުވުމެއް ބާއްވާފަ އެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ ރިޕޯޓަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ގޮތަށް ބޭއްވި ފުރަތަމަ އާންމު ބައްދަލުވުމެވެ.

މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް އާންމުންގެ ހިޔާލު މީގެ ކުރިން ހޯދަނީ ވަކި މުއްދަތަކަށް އެ ބިލަކާ ގުޅޭ ގޮތުން މަޖިލީހަށް ލިޔުމަން ހިޔާލު ހުށަހަޅަން މަޖިލީހުން އިއުލާން ކޮށްގެންނެވެ. ބިލުތަށް އާންމުންގެ ހިޔާލު ފުޅާ ދާއިރާއެއްގައި ހޯދަން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިދިޔަ ހަފުތާ ނިންމެވީ މަޖިލީހުގައި އާންމު ބައްދަލުވުންތަކެއް ބޭއްވުމަށެވެ.

މިރޭ ބާއްވަން ތާވަލު ކުރި ބައްދަލުވުމުގައި ހިޔާލު ހޯދާ އިންތިގާލީ އަދުލުގެ ބިލަކީ ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެޅި ބިލެކެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި ބިލުގައިވާ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ.

ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.