ލައިފްސްޓައިލް

ކުރޫއަކާ ދިމާލަށް ގަސްތުގައި ކެއްސުމުން ބޯޓުން ބާލައިފި

ކޮވިޑް-19 މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާތީ ދުނިޔޭގެ ހުރިހާ އެއާޕޯޓުތަކެއްގައި ވެސް ފުރާ މީހުން ވަރަށް ބޮޑަށް ސްކްރީންކުރުމުގެ ކަންތައްތައް ކުރަމުން ދެއެވެ. ސްކްރީން ކުރުމުގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަވާތީ ފުރާ މީހުންގެ ދިގު ކިއޫތައް އޮތުމުގެ ސަބަބުން ފުރާ މީހުންނަށް ގިނަ އިރުތަކެއް ވަންދެން މިފަދަ ކިއޫ ތަކުގައި ތިބެން ޖެހެ އެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިކަން ރުޅިގަދަވާ މީހުން ވެސް މަދުން ނަމަވެސް ފެނެ އެވެ.

އެގޮތުން ތައި އެއާލައިނުން ދާދި ފަހުން ދަތުރުކުރި މީހަކު ސްކްރީން ޕްރޮސެސް ލަސްކަމުން ފްލައިޓުން ނުފޭބި ލަސްވާތީ ރުޅިގަދަ ވެގެން ފްލައިޓްގައި ތިބި ފަސިންޖަރުންނާއި ކުރޫންގެ މޫނާ ދިމާލަށް ގަސްތުގައި ކެއްސި އެވެ. މި މައްސަލައެއް ދިމާވީ ޝަންހައި އެއާޕޯޓްގައި ބޯޓު އިތުރަށް ހަތް ގަޑިއިރު ލަސްވެފައި އޮއްވަ އެވެ.

މި ޚަބަރުގައިވާ ގޮތުން މި މީހާ ރުޅިގަދަވީ ކޮރޯނާ ވައިރަހަށް ޗެކް ކުރާތީ ލަސްވާތީ އެވެ. އެންމެ ފަހުން ރުޅި ގަދަ ވެގެން އޭނާ ފްލައިޓް އެޓެންޑެންޓެއްގެ މޫނާ ދިމާލަށް ކެއްސީ އެވެ.

ބޯޓުގެ ކުރޫން މި މީހާ އޮބަހައްޓައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަކު އެމީހާގެ ބޮލުގައި ހިފާ ތެދުވިޔަ ނުދޭން އުޅޭއިރު ފިރިހެން ފްލައިޓް އެޓެންޑެންޓަކު އެމީހާ ހިފަހައްޓަން އެހެން މީހެއްގެ އެހީތެރިކަމަށް އެދޭ ތަން ވެސް ފެނެ އެވެ.

"އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްހޭ؟" ކިޔާ އަންހެންމީހާ ވަރަށް ބާރަށް ހަޅޭއްލަވާ އަޑުވެސް ވީޑިއޯއިން އިވެ އެވެ. އަދި އެހެން ފްލައިޓް އެޓެންޑެންޓަކު އެ އަންހެންމީހާ ކައިރީގައި ތިރިވެގެން ރީއްޗަށް އޮތުމަށް ނަސޭހަތް ދެއެވެ.
ބެންކޮކުން ދަތުރުކުރި މި ފްލައިޓްގައި ތިބި އެހެން ބައެއް ފަސިންޖަރުން ބުނި ގޮތުގައި ފްލައިޓް މާ ބޮޑަށް ޑިލޭވެ މަތިންދާބޯޓު ތެރޭގައި ތާށިވެފައި މާގިނައިރު ތިބެން ޖެހުމުން އޭނާ އެ ބޯޓުން ބާލަދޭން އެ އަންހެންމީހާ އެދޭތާ އޭރު ވަރަށް ގިނަ އިރު ވެއްޖެ އެވެ.

ތައި އެއާވޭޒްގެ އޭވިއޭޝަން ސޭފްޓީ ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ޕްރާތުނާ ޕަޓަންސިރީ އިނގިރޭސިވިލާތުގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ހެލްތު އޮފިޝަލުން އައިސް ސްކްރީން ޓެސްޓް ނަހަދަނީސް ކެބިން ކުރޫންނަކަށް މަތިންދާބޯޓުގެ ދޮރު ހުޅުވައެއް ނުދެވޭނެ އެވެ.

"ޗައިނާގެ މި ދަތުރުވެރިވާ ރުޅިއައީ މާ ގިނައިރު ބޯޓު ތެރޭގައި އިންނަންޖެހުމުން. އަދި އައި ރުޅިން ސްޓާފް މެމްބަރެއްގެ މޫނާ ދިމާލަށް ގަސްތުގައި ކެއްސީ. އޭނާ ރުޅި މައިތިރިވީމަ އަހަރެމެން ކަންތައްތައް ވެގެން އުޅޭ ގޮތް ކިޔައިދިނީމަ އޭނާ ފަހުން ބަސް ގަބޫލުކޮށް ސްކްރީނިން ނިމެންދެން މަޑުމަޑުން އިންނަން އެއްބަސްވި،" ވައިސް ޕްރެޒިޑެންޓް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ވަރަށް ގަދަޔަށް ސްކްރީނިން ޕްރޮސިޖާ ފުރިހަމަ ކުރަން ޖެހޭނެކަން ބޯޓަށް އެރުވުމުގެ ކުރިން ހުރިހާ ފަސިންޖަރުންނަށް ވެސް ގްރައުންޑް ސްޓާފުން އޮޅުން ފިލުވައިދިނެވެ.